ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅިގެން ރާއްޖޭގައި ހަރަކާތްތައް ހިންގުމުގައި އުޅޭ ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވާ ބޮޑެއްގެ ފައިގައި ޓެގު އަޅުވައިފި އެވެ.
20 ޑިސެމްބަރ 2021
ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅިގެން ރާއްޖޭގައި ހަރަކާތްތައް ހިންގުމުގައި އުޅޭ ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވާ ބޮޑެއްގެ ފައިގައި ޓެގު އަޅުވައިފި އެވެ.
"މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ތ. ތިމަރަފުށިން ހައްޔަރުކުރި އަލީ މުނީޒްގެ މައްޗަށް މޮނިކޮން އަމުރެއް ހައި ކޯޓުން ނެރުނީ ރޭގަ އެވެ.
ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނިކޮށް، މޮނިކޮން އަމުރެއް އޭނާގެ މައްޗަށް ނެރުނީ ބަލި ހާލަތާ ހެދި ބަންދުން ދޫވުމުންނެވެ. އެނގިފައިވާ ގޮތުގައި ޖަލަށްލާފައި ހުރި އިރު މުނީޒް ވަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ކޮށްފަ އެވެ. ކުރިން ވެސް ސިއްހީ މައްސަލަތަކެއް ހުންނަ މުނީޒަށް މި ހަޅުތާލާ ގުޅިގެން ފަރުވާދޭން ޖެހިފައިވާ ކަމަށް ވެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވައި، އެ މީހުން މޮނީޓާ ކުރަން ނެރޭ އަމުރެކެވެ. އެއީ ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ހައި ކޯޓުން ނެރޭ އަމުރެކެވެ.
މި އަމުރާ ހިލާފު ވެއްޖެ ނަމަ އެއީ ދޮޅު އަހަރުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ.
މުނީޒް ހައްޔަރުކުރީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި އެކި ތަންތަނުގައި ހަމަލާ ދޭން ރާވަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
- ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ.
- ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ.
- ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާ.
ތިމަރަފުށީގައި ހަރުކަށި ފިކުރުގެ އަަމަލުތަކެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މުނީޒާ އެކު އަށް މީހަކު ހައްޔަރުކުރި އެވެ. މި މީހުންގެ މައްޗަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދައުވާކުރީ ފެބުރުއަރީ، 9، 2021 ގަ އެވެ.
މި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވައި ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި އައިސިސް އިން ކަނޑައެޅި އަމީރު، އަބްދުﷲ ޝަރީފް، ހިމެނޭ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އަބްދުﷲ ޝަރީފަކީ އައިސިސްގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން ކަނޑައެޅި އަމީރެކެވެ. ތިމަރަފުށީގައި ހަރަކާތްތެރިވަމުން ދިޔައީ ޚޮރާސަން އިން މި ސަރަހައްދަށް ކަނޑައަޅާފައިވާ ގޮފީގެ މީހުން ކަމަށް އެނގިފައިވެ އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބްދުﷲ ޝަރީފްއާ އެކު ހައްޔަރުކުރި މީހުން، ތިމަރަފުށީގައި އޯލެވެލް އިމްތިހާނު ހަދަނިކޮށް ލެބޯޓަރީ ގޮއްވަން ރޭވި އެވެ. މި ތުހުމަތުތަކާ އެކު މި މީހުން ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. ފުލުހުން ބުނީ އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެ ކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ފެނިފައިވާ ކަމަށެވެ.
ދޯނިންނާއި މާލެ އިން އަދި ތިމަރަފުށިން ހައްޔަރުކުރި ހަ މީހުންނާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ ގޮވާ ތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ވެސް، ހައްޔަރުކުރި މީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.
"ނަސާހް-3" ދޯނި ބަލައި ފާސްކުރުމަށް ފަހު، އައިއީޑީއެއް ހެދުމަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ ބައެއް އާލާތްތައް އެ ދޯނިން ފެނުނު ކަމަށާއި ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށް ބުންޏެވެ. އެ މީހުންގެ މައިގަނޑު މަގްސަދަކަށް ވީ ފުލުހުން ބުނެފައިވާ ގޮތުގައި އައިސިސް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ.
މޮނިކަން އަމުރު ނެރެ، ޓެގް އެޅުވީ އެއް އަހަރަށް
ހަރުކަށި ފިކުރުގެ 8މީހެއްގެ ފައިގައި ޓެގް އަޅުވަނީ
ދޫކޮށްލި އަހަނދު ފައިގައި ޓެގް އަޅުވައިފި
ތިމަރަފުށީގައި އަންހެނެއްގެ އުނދަގޫ ބޮޑުވެފައި!
އެއްފަހަރާ 100 މީހުން މޮނިޓާ ކުރެވޭނެ ގޮތަށް މޮނިކޮން ޓެގް ހޯދަނީ
ހަރުކަށިފިކުރުގެ ތުހުމަތުކުރެވުނު ބަޔަކު ދޫކޮށްލައިފި
ވަރަށް ނުރައްކާތެރި ރޭވުމެއް ވަނީ ހުއްޓުވާފައި:އިމްރާން
ހަތަރު ދިވެއްސަކު އިންޑޮނީސިއާއިން ހިފަހައްޓައިފި
ހަރުކަށި ފިކުރުން ދީފާނެ ގެއްލުމަކަށް ތިބީ ތައްޔާރަށް
އަންހެނެއްގެ ގަޔަށް ކުޅުޖެހި މީހަކު ހައްޔަރުކޮށްްފި