Roadha Mihaaru
ދިރާގުން ދެކުނުގެ ސަބްމެރިން ކޭބަލް މަރާމާތު ކުރަނީ

ދިރާގުން ދެކުނުގެ ސަބްމެރިން ކޭބަލް އަންނަ ހަފުތާގައި މަރާމާތު ކުރަނީ، ހިދުމަތަށް ބުރޫ އަރާފާނެ

08 ޑިސެމްބަރ 2016

އދ. އަތޮޅާއި ލ. އަތޮޅާ ދެމެދު އަޅާފައިވާ ސަބްމެރިން ކޭބަލް މަރާމާތުކުރުމުގެ މަސައްކަތްތަކެއް އަންނަ ހަފުތާގައި ކުރާތީ ދެކުނުގެ އަތޮޅުތަކުގައި ދިރާގުން ދޭ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އދ. އަތޮޅާއި ލ. އަތޮޅާ ދެމެދު އަޅާފައިވާ ސަބްމެރިން ކޭބަލް މަރާމާތުކުރުމުގެ މަސައްކަތްތަކެއް އަންނަ ހަފުތާގައި ކުރާތީ ދެކުނުގެ އަތޮޅުތަކުގައި ދިރާގުން ދޭ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ ސަބްމެރިން ކޭބަލްގެ މަރާމާތަށް ހާއްސަ ބޯޓެއް ކަމަށްވާ "އާސިއާން އެކްސްޕްލޮރާ" ރާއްޖެ އައިސްފައިވާ ކަމަށާއި ލ. އަތޮޅަށް ދިއުމަށް އެ ބޯޓު މިއަދު މާލޭން ފުރާނެ ކަމަށެވެ. އެއީ، އެ ކުންފުނިން ބުނި ގޮތުގައި، ސަބްމެރިން ކޭބަލް ނެޓްވޯކު ބެލެހެއްޓުމަށް ބޭރުގެ ތަޖުރިބާކާރު ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖެ އައި ބޯޓެކެވެ.

އދ. އަތޮޅާއި ލ. އަތޮޅާ ދެމެދު އަޅާފައިވާ ސަބްމެރިން ކޭބަލްގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދާނީ، ދިރާގުން ބުނި ގޮތުގައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. އެހެންވެ، އެ މުއްދަތުގައި، ތ.، ލ.، ގއ.، ގދ. އަދި އައްޑޫ އާއި ފުވައްމުލަކުގައި ތިބި ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެހެން ނަމަވެސް، މޮބައިލުގެ ހުރިހާ ހިދުމަތެއް އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުމަށް ހުރިހާ ފިޔަވަޅުތަކެއް ދިރާގުން ވަނީ އަޅައިފަ އެވެ. އެހެންކަމުން، މި އަތޮޅުތަކުގައި ތިއްބަވާ ބޭފުޅުންނަށް މޮބައިލުގެ ހިދުމަތްތައް، މަސައްކަތް ކުރިއަށް ދާ އިރު ވެސް ބޭނުންކުރެއްވޭނެ އެވެ،" ބަޔާނުގައިވެ އެވެ.

ދެކުނުގެ އަތޮޅުތަކުގައި ދިރާގުން ދޭ ހިދުމަތްތަކަށް މިދިޔަ މަހުގެ ކުރީކޮޅު މައްސަލަތަކެއް ދިމާވި އެވެ. އެތެރޭގެ ސަބްމެރިން ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން، އދ.، ފ.، ތ.، ލ. އަދި ގ. އަތޮޅުގެ އިތުރުން އައްޑު އާއި ފުވައްމުލަކުގައި ހިދުމަތްތަކަށް ބުރޫ އެރި އިރު، ދިރާގުން ވަނީ އެ މައްސަލަ ހައްލުކޮށް ކުރިއެކޭ ވެސް އެއްގޮތަަށް އެ އަތޮޅުތަކުގައި ހިދުމަތް ދޭން ފަށައިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުން ވަނީ ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅާފައިވާ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްގެ އިތުރުން، މުޅި ރާއްޖެ ހިމެނޭ ގޮތަށް، އުތުރުން ދެކުނަށް ސަމްބެރިން ކޭބަލް ނެޓްވޯކެއް ގާއިމްކޮށްފަ އެވެ. ރާއްޖޭގައި ގާއިމްކުރި މިފަދަ ފުރަތަމަ ނެޓްވޯކުގައި ހިމެނޭ 1،253 ކިލޯމީޓަރުގެ ދިގު ކޭބަލް މެދުވެރިކޮށް ދިރާގުން ބްރޯޑްބޭންޑް އިންޓަނެޓާއި އެ ނޫން ވެސް މުވާސަލާތީ ގިނަ ހިދުމަތްތަކެއް އަންނަނީ ދެމުންނެވެ.

އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް 4ޖީގެ ހިދުމަތް ފުޅާކުރުމަށް ވެސް ދިރާގުން ވަނީ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ. އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް މިހާރު ވެސް ދެމުން އަންނަ ދިރާގުން ވަނީ 4ޖީގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް، މި ދާއިރާގެ ތަޖުރިބާކާރު ދެ ކުންފުންޏަކާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 4ޖީގެ ހިދުމަތް ތައާރަފް ކުރުމަށް ފަހު، ރަށްރަށަށް މި ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ވަނީ ހއ. ދިއްދޫ، އައްޑޫ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ.ހިންނަވަރު، ރ. ދުވާފަރު، ލ. މަތިމަރަދޫ، ލ. ތުނޑި، ނ. ވެލިދޫ، ދ. ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައި ދިރާގުން ވަނީ 4ޖީގެ ހިދުމަތް ދޭން ފަށައިފަ އެވެ. އެއާ އެކު، ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީގެ ހިދުމަތް ވަނީ ދީފަ އެވެ. އެހެންވެ، ދިރާގަކީ ރާއްޖޭގެ އެންމެ ބޮޑު 4ޖީ ނެޓްވޯކެވެ.

މީގެ އިތުރުން، ދިރާގުން އަންނަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3ޖީގެ ހިދުމަތް ވެސް ދެމުންނެވެ.