Roadha Mihaaru
ހުއްދަނެތި ގެދޮރު ކުއްޔަށް ދިނުން މަނާވެއްޖެ

ހުއްދަނެތި ގެދޮރު ކުއްޔަށް ދިނުން މަނާވެއްޖެ

18 ނޮވެމްބަރ 2021

މީހުން ދިރިއުޅުމަށް ގެދޮރު ކުއްޔަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ އަދި ހުއްދަ ލިބިފައިވާ ތަންތަން ކަމަށް ކަނޑައަޅާފައިވާ "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" އަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީހުން ދިރިއުޅުމަށް ގެދޮރު ކުއްޔަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ އަދި ހުއްދަ ލިބިފައިވާ ތަންތަން ކަމަށް ކަނޑައަޅާފައިވާ "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ގާނޫނު" އަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވި ބިލްގައިވާ ގޮތުން ދިރިއުޅެން ކުއްޔަށް ދޭ ތަންތަނުގެ ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދެ މަހުގެ ކުއްޔަށް ވުރެ ބޮޑުކޮށެއް ނުނެގޭނެ އެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނެސްފި ނަމަ ގިނަވެގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ހަވާލުކުރަން ވެސް ޖެހޭނެ އެވެ.

ތަސްދީގުކުރުމާ އެކު އަމަލުކުރަން ފެށި މި ގާނޫނުގައިވާ ގޮތުން ތަންތަން ކުއްޔަށް ދެވޭނީ ކުއްޔަށް ދިނުމުގެ ހުއްދަ ހޯދައިގެންނެވެ. ކުއްޔަށް ދޭ ތަންތަނުގެ ދަފްތަރު ހަދައި ތަންތަނަށް ހުއްދަ ދޭނީ ކައުންސިލުންނެވެ. ހުއްދަ ނެތި އެއްވެސް ތަނެއް ދިރިއުޅުމަށް ކުއްޔަށް ދިނުން ގާނޫނުން މަނާކުރެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ކުއްޔަށް ދީފައިވާ ތަންތަން ރަޖިސްޓްރީކުރަން މުއްދަތެއް ވަނީ ދީފަ އެވެ. އަދި ކުއްޔަށް ދިނުމުގެ އެއްބަސްވުން ވެސް ކައުންސިލަށް ފޮނުވަންޖެހެ އެވެ.

ކުއްޔަށް ދޭ ތަންތަނުގައި ފެނާއި ނަރުދަމާ އާއި ކަރަންޓު ފަދަ އެންމެ އަސާސީ ހިދުމަތް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ހުންނަން ޖެހޭނެ ކަމަށް މި ގާނޫނުގައިވެ އެވެ. ކުއްޔަށް ދޭ ތަނަކީ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއް ނަމަ، އެހެން އިމާރާތެއްގެ ބައެއް ބޭނުންކުރުމެއް ނެތި އަދި އުނދަގޫކަމެއް ނެތި ވަދެނުކުމެވޭ ތަނަކަށް ވެސް ވާން ޖެހޭނެ އެވެ.

ކުއްޔަށް ދޭ ތަނަކީ އިމާރާތްކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަނަކަށް ވާން ޖެހޭއިރު، މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ކުއްޔަށް ދޭން ތަންތަނުގެ އަސާސީ މިންގަނޑުތަކުގެ ތަފުސީލު ހިމެނޭ ގަވާއިދެއް ވެސް ހަދަން ޖެހެ އެވެ.

މުހިންމު ބައެއް ކަންކަން:

- ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުއްޔަށް އެ އެއްބަސްވުމުގެ މުއްދަތުގައި ބަދަލެއް ނުގެނެވޭނެ. އެކަމަކު ކުލީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާއިރު، އެ އެއްބަސްވުމުގެ ޖުމްލަ މުއްދަތުގެ ތެރެއިން ވަކިވަކި މުއްދަތުތަކަށް ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން ތަފާތު ކުއްޔެއް ކަނޑައެޅުމަށް މި މާއްދާ ހުރަހެއް ނާޅާ.

- ދުވަހު ކުއްޔަށް ދޭ ތަންތަން، ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓުންނަށް ހިދުމަތްދިނުމަށް ހާއްސަކޮށްފައިވާ ގެސްޓްހައުސްފަދަ ތަންތަން، ކޮލެޖުތަކާއި ޔުނިވަސިޓީ ފަދަ ތަންތަނުން އެ ތަންތަނުގެ ދަރިވަރުން ތިބުމަށް ހާއްސަކޮށްފައިވާ ދަނާލުފަދަ ތަންތަން އަދި ދިރިއުޅުމުގެ ބޭނުމަށް ނޫން ގޮތަށް ކުއްޔަށް ދޭ ބިމާއި އިމާރާތް މި ގާނޫނުން އިސްތިސްނާވާނެ.

ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމަނަން ޖެހޭނެ ބައިތަކާއި ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ނަގާ ފަރާތުގެ ޒިންމާތަކާއި ހައްގުތައް ވެސް މި ގާނޫނުގައިވެ އެވެ.

ކުއްޔަށް ދޭ ތަންތަނުގައި ވަކި ނަސްލަކަށް ނުވަތަ ވަކި ފިކުރަކަށް ނިސްބަތްވާ މީހުން ނުބޭތިއްބުމާއި ވަކި އުމުރެއްގެ މީހުން ނުބޭތިއްބުން ވެސް މި ގާނޫނުން ވަނީ މަނާކޮށްފަ އެވެ.

ގޯތިގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ބަދަލުތަކެއް ގެނެސް މަޖިލީހުން ފާސްކުރީ މިދިޔަ މަހު 27 ގަ އެވެ.

ސަރުކާރުގެ ފަރާތުން މުލަކު ދައިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނަސީރު މަޖިލީހަށް ހުށަހެޅުއްވި މި ގާނޫނުގެ ބިލުގެ މަގުސަދެއް ކަމަށް އޮތީ ކުއްޔަށް ދޭ ތަންތަނުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ކުލީގެ މުއާމަލާތުތަކުގައި އުފެދޭ ދެބަސްވުންތައް އަވަަހަށް ހައްލު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.