Roadha Mihaaru
ކިނބިދޫގެ ބިން ހިއްކައި، ބޯހިޔާވަހިކަމުގެ ސްކީމެއް

ކިނބިދޫގެ ބިން ހިއްކައި، ބޯހިޔާވަހިކަމުގެ ސްކީމެއް ފަށަނީ

18 އޯގަސްޓް 2021

ތ. ކިނބިދޫގެ ބިން ހިއްކުމަކީ މި ސަރުކާރުން ކުރަން ރާވާފައިވާ ކަމެއް ކަމަށާއި އެ ރަށުގައި ބޯހިޔާވަހިކަމުގެ ސްކީމެއް ފަށަން ވެސް ވިސްނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތ. ކިނބިދޫގެ ބިން ހިއްކުމަކީ މި ސަރުކާރުން ކުރަން ރާވާފައިވާ ކަމެއް ކަމަށާއި އެ ރަށުގައި ބޯހިޔާވަހިކަމުގެ ސްކީމެއް ފަށަން ވެސް ވިސްނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެ އަތޮޅުގެ ހަތް ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ކިނބިދޫ އަށް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގެ ކައުންސިލާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ، ކިނބިދޫ ކައުންސިލާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެ ރަށުގެ ބިން ހިއްކުމަށް ފަހު، ބޯހިޔާވަހިކަމުގެ ސްކީމެއް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުނަށް ވިސްނަވާ ކަމަށް ވިދާޅުވި ކަމަށެވެ.

ކިނބިދޫ ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށް، ބައެއް މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކިނބިދޫ ސްކޫލްގެ ދަރިވަރުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކިނބިދޫ ސްކޫލްގެ ދަރިވަރުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ބިމުގެ ދަތިކަމުގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި އެހެން ކަންތައްތަކުގެ ތެރޭގައި، އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ވޭމަންޑޫއާ ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމާއި އަދި ކިނބިދޫގެ އާސާރީ ތަނެއް ކަމަށްވާ ވޭރު ހިމާޔާތްކުރުން ހިމެނެ އެވެ. އަދި އެ ރަށުގައި އިގުތިސާދީ ހަރާކާތް އިތުރުކުރުމަށް ބޭނުންވާ ކަމަށާއި ޓޫރިޒަމްގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

މި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، ރައީސް ވިދާޅުވީ ވޭމަންޑު އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމަށް ހަދަން ޖެހޭ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ކައުންސިލުން ފާހަގަކުރެއްވި އެހެން ކަންކަމުގައި އެކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ ކިނބިދޫ ހެލްތު ސެންޓަރަށާއި ކިނބިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތު ބައްލަވާލައްވައިފަ އެވެ. އަދި އެ ރަށުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ދާގޮތް ވެސް ބައްލަވާލެއްވި އެވެ.

ތ. އަތޮޅަށް ރައީސް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ތިމަރަފުއްޓަށެވެ. އެއަށް ފަހު މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ކިނބިދޫ އަށެވެ. މިހާރު ރައީސް ހުންނެވީ އޮމަދޫގަ އެވެ. މި ދަތުރުފުޅުގައި ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ އަދި ގާދިއްފުއްޓަށް ވެސް ވަޑައިގަންނަވާނެ އެވެ.