Roadha Mihaaru
މަނާ ކެމިކަލް ހަތިޔާރާ ގުޅޭ ބިލު ތަސްދީގުކޮށްފި

މަނާ ކެމިކަލް ހަތިޔާރު ގެންގުޅޭ ނަމަ ބޮޑު އަދަބެއް ލިބޭ ގޮތް ހަދައިފި

18 ޑިސެމްބަރ 2022

ގާނޫނުގައި މަނާކަމަށް ކަނޑައަޅާފައިވާ ކެމިކަލް، ހުއްދަނެތި ގެންގުޅޭ ނަމަ، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގާނޫނުގައި މަނާކަމަށް ކަނޑައަޅާފައިވާ ކެމިކަލް، ހުއްދަނެތި ގެންގުޅޭ ނަމަ، އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ފާސްކުރީ މިދިޔަ މަހު އެވެ.

އެ ބިލު، ރައީސް ތަސްދީގުކުރެއްވުމާ ގުޅިގެން، އެ ގާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެން ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އެކުލަވާލި ސަބް ކޮމިޓީއަކުން ދިރާސާކުރި އެ ގާނޫނުގައި ވަނީ ކެމިކަލް ހަތިޔާރު މަނާކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ކަމަށްވާ "ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިންގް އެންޑް ޔޫޒް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއާ ޑިސްޓްރަކްޝަން 1993" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްހަމަކުރުމުގެ ގޮތުން ބައެއް އިސްލާހުތައް ގެނެސްފަ އެވެ.

ރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި އުފެއްދުމާއި ރައްކާކުރުމާއި ބޭނުންކުރުން މަނާކުރުމާ އަދި އެ ތަކެތި ނައްތާލުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް އެ ގާނޫނުގައިވެ އެވެ. އަދި ކެމިކަލް ގެންގުޅުން ހުއްދަކުރާ ހާލަތްތަކާއި ހުއްދައަކާ ނުލައި ގެންގުޅޭ ނަމަ، ޖޫރިމަނާކުރުން ނުވަތަ ޖަލަށް ލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ދިނުމަށް އެ ގާނޫނުގައި ހިމަނާފައިވެ އެވެ.

އެ ގާނޫނުގައިވާ ގޮތުން، އެ ކުށްތަކަށް 500،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. ނުވަތަ ފަސް އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ވެސް ލެވޭނެ އެވެ.

ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި "ކެމިކަލް ވެޕަންސް ޔުނިޓް"ގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ. މި ގާނޫނުގެ ދަށުން ދޫކުރަން ޖެހޭ ހުއްދަތައް ދޫކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ އެ އިދާރާއިންނެވެ.