Roadha Mihaaru
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް

ގާނޫނުލްއުގޫބާތު އޮތީ ހައްދާއި މަރުގެ އަދަބު ނުދެވޭނެ މިންވަރަށް ހަރުކަށި ކޮށްފައި: ހައި ކޯޓް

30 ޖުލައި 2024

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އޮތީ ހައްދާއި މަރުގެ ކުށްތައް ސާބިތު ނުކުރެވޭނެ މިންވަރަށް ހަރުކަށި އިޖުރައާތުތަކެއް ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި އޮތީ ހައްދާއި މަރުގެ ކުށްތައް ސާބިތު ނުކުރެވޭނެ މިންވަރަށް ހަރުކަށި އިޖުރައާތުތަކެއް ކަމަށް ހައި ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.

ގާނޫނުލްއުގޫބާތު ބުނާގޮތުން މަރުގެ އަދަބު ދެވޭނީ ތުހުމަތުވާ މީހާގެ ބަޔާނާއި ހެކިންގެ ބަހުގައި އެއްވެސް ފުށުއެރުމެއް ނެތުމުގެ އިތުރުން އެ މީހަކު ކުރި ކުށަކީ އެހެން ހުރިހާ ކުށަކަށް ވުރެ ބޮޑު ކުށެއް ކަން ދައުލަތުން ސާބިތުކޮށް ދީގެންނެވެ.

އދ. ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި އޭނާގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) ތަހުގީގާއި ދަށު މަރުހަލާގައި ތަކުރާރުކޮށް، އެ ކުށަށް އެއްބަސްވިޔަސް، ފަހުން އެކަމަށް އިންކާރު ކުރި އެވެ.

ސާލިމް މެރުމަށް ކުރި ހުކުމް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ދަމަހައްޓަމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގާނޫނުލްއުގޫބާތުގައި މަރުގެ އަދަބު ކަނޑައެޅުމާ ގުޅޭ އިޖުރައާތު އޮތީ ހައްދާއި ގިސާސްގެ ކުށްތައް ސާބިތު ނުކުރެވޭނެ ގޮތަކަށް އިޖުރައާތުތައް ހަރުކަށި ކޮށްފައި ކަމަށެވެ. އެގޮތުން ތުހުމަތުވާ މީހާގެ ބަޔާނާއި ހެކިންގެ ހެކިބަސް އެއްވެސް މިންވަރަކަށް ފުށުއަރައިގެން ނުވާނެ ކަމަށް ގާނޫނުލްއުގޫބާތުގައި ބުނާއިރު، ތުހުމަތުވާ މީހާ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު އޮތުމުން އެ މިންގަނޑަށް ވާސިލް ނުވެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"މިއީ ހައްދާއި ގިސާސްގެ ކުށް ސާބިތު ކުރުމަށް އޮތް މުސްތަހީލް އިޖްރައާތެކެވެ. އަދި ހެކިބަސް ދޭ ހެކިންގެ ހެކިބަސް އެއްވެސް މިންވަރަކަށް ފުށުނާރާ ގޮތަކަށް ހެކިބަސް ދިނުމަކީ ވެސް އިންސާނީ ތަބީއަތުން ބޭރު މުސްތަހީލް ކަމެކެވެ،" ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށްޓަކައި، އެ މީހަކު ކުރި ކުށަކީ އެހެން ހުރިހާ ކުށަކަށް ވުރެ ބޮޑު ކުށެއް ކަން ދައުލަތުން ސާބިތުކޮށް ދޭން ޖެހޭ ގޮތަށް ގާނޫނުލް އުގޫބާތުގައި ހިމަނާފައި އޮތް އޮތުމަކީ އެފަދަ ކުށްކުރާ މީހުން އެކަމުން ސަލާމަތްވެ، ބޮޑެތި ކުށްތަކަށް ހިތްވަރު ދެވޭނެ ކަމެކެވެ.

"މިގޮތަށް އޮތުމުން ފަނޑިޔާރުންގެ ދައުރު ނިމުމަކަށް އާދެ އެވެ. މި އިޖްރައާތަކީ އަހުރެން ބެލި ތަނުން ދުނިޔޭގެ އެހެން އެއްވެސް ޖުޑީޝަލް ނިޒާމެއްގައި މަރުގެ ކުށެއް ސާބިތު ކުރުމަށް އެކަށައެޅިފައިވާ އިޖްރައާތެއް އަދި މިންގަނޑެއް ކަމަކަށް ނުފެނުނެވެ. އަދި އެއީ އިސްލާމީ ޝަރީއަތުގައި ހައްދާއި ގިސާސް ސާބިތު ކުރުމުގައި އަމަލު ކުރުމަށް އޮތް އިޖްރައާތެއް ކަމަކަށް ވެސް ނުފެނުނެވެ،" ފަނޑިޔާރު މުހައްމަދު ނިޔާޒް ލިޔުއްވި އެ ހުކުމުގައި ވެ އެވެ.

އެހެންކަމުން، ގާނޫނުލްއުގޫބާތުގެ އެ މާއްދާތައް މާނަކުރަން ޖެހޭނީ ހައްލު ހޯދައި ދިނުމުގެ އުސޫލު ބޭނުން ކޮށްގެން ކަމަށް ހުކުމުގައި ވެ އެވެ.

އެ މައްސަލާގައި ސާލިމްގެ މަރުގެ އަދަބު ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެގޮތަށް ހުކުމް ކުރީ ފަނޑިޔާރު ނިޔާޒްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ފޮނުވަން ޖެހޭ ކަމަށެވެ.