Roadha Mihaaru
ބްރައިޓަން ބަލިކޮށް ޖެރާޑާއެކު ވިލާގެ ފެށުން ރަނގަޅު

ބްރައިޓަން ބަލިކޮށް ޖެރާޑާ އެކު އެސްޓަން ވިލާގެ ފެށުން ރަނގަޅު ކޮށްފި

21 ނޮވެމްބަރ 2021

ބާމިންހަމް (ނޮވެމްބަރު 21) - އެސްޓަން ވިލާގެ އާ ކޯޗު، ލިވަޕޫލް އަދި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑުގެ ކޯޗުކަމުގައި އެސްޓަން ވިލާގެ ފެށުން ރަނގަޅުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާމިންހަމް (ނޮވެމްބަރު 21) - އެސްޓަން ވިލާގެ އާ ކޯޗު، ލިވަޕޫލް އަދި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑުގެ ކޯޗުކަމުގައި އެސްޓަން ވިލާގެ ފެށުން ރަނގަޅުކޮށްފި އެވެ.

ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ ވަނީ މި ވަގުތު ރަނގަޅު ފޯމުގައި އޮތް ބްރައިޓަންއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ރޭ މޮޅުވުމުގެ ކުރިން، ޕްރިމިއާ ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ވިދިވިދިގެން ފަސް މެޗުން ބަލިވުމާ އެކު، ވޭތުވެދިޔަ ތިން އަހަރު އެޓީމުގެ ކޯޗަކަށް ހުރި ޑީން ސްމިތު މަގާމުން ދުރުކޮށް ވިލާ އިން ގެނައީ ސްކޮޓްލެންޑުގެ ރޭންޖާސްއާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އައި، ޖެރާޑެވެ. މިއީ ރޭންޖާސް އިން ކޯޗިން ކެރިއަރު ފެށި ޖެރާޑު، ކޯޗު ކޮށްދޭ ދެވަނަ ޓީމެވެ. އަދި ޕްރިމިއާ ލީގުގެ ފުރަތަމަ ތަޖުރިބާ އެވެ.

ވިލާއިން މެޗު ކާމިޔާބުކުރި ދެ ލަނޑު ވެސް ޖެހީ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށްވެފައި ވަނިކޮށެވެ. އެއްވަރުވާން ދަނިކޮށް މެޗުގެ 84 ވަނަ މިނިޓުގައި ފުރަތަމަ ލަނޑު ޖަހައިދިނީ އޮލީ ވަޓްކިންސް އެވެ. އަދި ދެވަނަ ލަނޑު 89 ވަނަ މިނިޓުގައި ޖެހީ ޑިފެންޑަރު ޓައިރޯން މިންގްސް އެވެ.

އެސްޓަން ވިލާ އިން ޑީން ސްމިތު ދޫކޮށްލުމުން، އޭނާ ވަނީ ނޯވިޗް ސިޓީގެ ކޯޗުކަމާ ހަވާލުވެ، ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ސައުތެމްޓަންއާ ވާދަކޮށް، ފަހަތުން އަރައި 2-1 އިން ކާމިޔާބުކުރި މި މެޗަކީ ލީގުގައި މި ސީޒަނުގައި އެޓީމު މޮޅުވި ދެވަނަ މެޗެވެ.

ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާ އިރު، މެންޗެސްޓާ ސިޓީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ގަދަ ހަތަރެއްގައި އޮތް ވެސްޓް ހޭމް ވަނީ ވުލްވްސްއާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ، ބޮލަށް އަނިޔާވެގެން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރި ރައުލް ހިމިނޭޒް އެވެ.

އެންމެ ފަހުން ލީގުގައި މެންޗެސްޓާ ސިޓީ ބަލިކުރި ކްރިސްޓަލް ޕެލަސް، ރެލިގޭޝަނުގައި އޮތް ބާންލީއާ ވާދަކޮށް ރޭ އެއްވަރުވީ 3-3 އިންނެވެ.

ސްޓީވް ބްރޫސް ދުރުކޮށް، ނިއު ކާސަލް ޔުނައިޓެޑުން އަލަށް ގެނައި ކުރީގެ ބޯންމައުތުގެ ކޯޗު އެޑީ ހޯވް އަށް ރޭ ބެންޗުގައި އިނދެވޭ ގޮތް ނުވީ، ކޮވިޑު ޖެހުމާ ގުޅިގެން އައިސޮލޭޝަނުގައި ހުންނަން ޖެހުމުންނެވެ.

މެޗު ނިމެން 15 މިނިޓަށްވެފައި ވަނިކޮށް، އެލަން ސައިންޓް މެކްސިމިން ބޮލުން ޖެހި ގޯލާ އެކު މެޗު އެއްވަރުވީ 3-3 އިންނެވެ. މި ލަނޑު ޖަހަން ހުރަސް ނަގައިދިނީ އޭގެ ހަތަރު މިނިޓު ކުރިން ކުޅެން އެރުވި ރަޔާން ފްރޭޒާ އެވެ. ކުރިން އެޑީ ހޯވްގެ އިރުޝާދުގެ ދަށުން ބޯންމައުތަށް ވެސް ކުޅުނު ފްރޭޒާ އަރުވަން އިރުޝާދު ދިނީ އެޑީ ހޯވް ކަމަށް، އޭނާގެ ބަދަލުގައި ރޭ ޓީމަށް އިރުޝާދު ދިނުމުގައި އިސްކޮށް އުޅުނު އެ ޓީމުގެ އެސިސްޓެންޓް ޖޭސަން ޓިންޑާލް ވަނީ ބުނެފަ އެވެ.