Roadha Mihaaru
"ޑްރަގް ވިޔަފާރީގައި ރަޝީދާ އުޅޭތާ އެތައް އަހަރެއް"

މަސްތުވާތަކެތީގެ ވިޔަފާރީގައި ރަޝީދާ އުޅޭތާ އެތައް އަހަރެއްވެއްޖެ: އެންސީބީ

22 ފެބުރުއަރީ 2022

މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާ އިން ހައްޔަރުކޮށްފައިވާ ދިވެހި އަންހެން މީހާ، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ތަހުގީގުން ހާމަވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާ އިން ހައްޔަރުކޮށްފައިވާ ދިވެހި އަންހެން މީހާ، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ތަހުގީގުން ހާމަވެއްޖެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ފޮނުވަން އުޅެނިކޮށް މިދިޔަ ޑިސެމްބަރު މަހު އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށީ، އާމިނަތު ރަޝީދާ، 58، ހައްޔަރުކުރީ ބޭސް ފަރުވާ އަށް ދިޔަތަނާ ކޮޗީ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހެވެ.

އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދިން ތިިން ދުވަސް ހަމަވުމުން ވަނީ އިތުރު 14 ދުވަސް ޖަހައިފަ އެވެ.

އެންސީބީގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ބުނީ އަންނައުނު ވިޔަފާރި ކުރާ ރަޝީދާއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހެއްކަން އެނގުމާ އެކު، ފުލުހުން ހޯދަން ބޭނުންވެފައިވާ މީހެއްކަން އެނގޭނެ ލިޔުމެއް ނެރުނު ކަމަށެވެ.

އެ ލިޔުން ނެރުނީ ރާއްޖެއަށް ފޮނުވަން އުޅުނު އަވަނެއްގެ ތެރެއިން 3.9 ކިލޯގެ އޮޕިއަމް ފެނުނު މައްސަލައިގަ އެވެ. އިންޑިއާގައި އެ ބާވަތުގެ މަސްތުވާތަކެތީގެ ކިލޯއެއް އުޅެނީ އެއް ލައްކަ ރުޕީސް (1،338 ޑޮލަރު) އަށެވެ.

މި މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި އެޑްރެސްކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް އެންސީބީން ބުނެ އެވެ.

އެންސީބީގެ ލިޔުމަށް ފަހު، މި މަހުގެ 12 ވަނަ ދުވަހު ރަޝީދާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑުކުރުމާ އެކު އިންޓެލިޖެންސް ބިއުރޯއިން އޭނާ ކަސްޓަޑީއަށް ގެންދިޔައީ ކަމަށާއި މުމްބާއިގެ އެންސީބީ ޔުނިޓަށް އެންގީ އޭގެ ފަހުން ކަމަށް ވެސް އޮފިޝަލާ ހަވާލަދީ ނޫހުގައި ލިޔެފައިވެ އެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި ރަޝީދާ އުޅޭތާ އެތައް އަހަރެއް ވެފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މަސްތުވާތަކެތި ޕެޑެލްކުރުމުގެ ތުހުމަތުގައި އޭނާގެ ފިރިހެން ދަރިއެއް ހައްޔަރުކުރި ކަމަށް ވެސް ނޫހުގައިވެ އެވެ.

އޭގެ އިތުރުން ރަޝީދާ އާއި އޭނާ ނިސްބަތްވާ ގްރޫޕުން އެ މީހުންގެ ވަނަވަރު އޮޅުވާލާފައިވާ ކަމަށާއި ޝައްކުވާ ފަދަ ކަމެއް ވެދާނެތީ މެމްބަރުންގެ މެދުގައި އެއް ފޯނު ނަމްބަރެއް ބަދަލުކޮށްފައިވާ ކަމަށް ބުންޏެވެ.