Roadha Mihaaru
ސިޓީ ފައިދާ ނަގައިފި، އާސެންލް ޗެމްޕިއަންސްލީގާ ގާތަށް

ނިއުކާސަލް ބަލިކޮށް ސިޓީން ފައިދާ ނަގައިފި، އާސެންލް ޗެމްޕިއަންސް ލީގާ ގާތަށް

09 މެއި 2022

މެންޗެސްޓާ (މެއި 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ފަސޭހަ ކަމާ އެކު ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (މެއި 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ފަސޭހަ ކަމާ އެކު ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގައިފި އެވެ.

އަދި އާސެނަލް ވަނީ ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން މޮޅުވެ ތިންވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފަ އެވެ.

ސިޓީއިން މިރޭ ނިއުކާސަލް ބަލިކުރީ 5-0 އިންނެވެ. ރަހީމް ސްޓާލިން އާއި ޑިފެންޑަރު އައިމެރިކް ލަޕޯޓް ގެ ލަނޑުތަކާ އެކު ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފުގައި ސިޓީއިން ތިން ލަނޑު ޖެހި އެވެ. ސިޓީގެ ތިންވަނަ ލަނޑު 61 ވަނަ މިނިޓުގައި މިޑްފީލްޑަރު ރޮޑްރީ ޖެހިއިރު ހަތަރު ވަނަ ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ ފިލް ފޮޑެން އެވެ. އަދި ފަސްވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސްޓާލިން އެވެ.

މި ނަތީޖާއާ އެކު ސިޓީ އަށް ވަނީ ބާކީ ތިން މެޗު އޮއްވައި އަމިއްލަ ބާރާ އެކު އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސިޓީ އަށް 86 ޕޮއިންޓް ލިބިފައި ވާއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 83 ޕޮއިންޓެވެ.

މި ހަފްތާގެ މެޗުތައް ފެށުމުގެ ކުރިން ސިޓީ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ލިވަޕޫލަށްވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. ނަމަވެސް ލިވަޕޫލް ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވުމުން ލިވަޕޫލަށް ވަނީ ސިޓީއާ އެއް ހަމައެއްގައި ހިފަހައްޓައި ނުލެވި ލީގު ހޯދުމުގެ އުންމީދު ކުޑަ ވެފަ އެވެ.

ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި ސޮން ހެއުން މިން ޓޮޓެންހަމަށް ލީޑު ނަގައިދިން އިރު، ފަހު ހާފުގައި ލިވަޕޫލަށް އެއްވަރު ކޮށްދިނީ ފޯމުގައި ހުރި ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް އެވެ.

އާސެނަލް ތިންވަނައިގައި އޮތް ޗެލްސީއާ އަރާ ހަމަކުރަނީ، ލީޑްސް ރެލިގޭޝަނަށް

މިރޭގެ މެޗުގައި އާސެނަލްގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ 10 މިނިޓު ތެރޭގައި، ޒުވާން ފޯވާޑް އެޑީ ކެޓިއާ އެވެ. ފުރަތަމަ ހާފުގައި ލޫކް އައިލިން އަށް ދެއްކި ރަތް ކާޑާ އެކު އެކަކު މަދުކޮށް ކުޅުނު ލީޑްސްގެ ހަމައެކަނި ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ޖަހައިދިނީ ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ އެވެ.

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ. އާސެނަލް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކުޅުނު ސީޒަނުގައި އާޓެޓާ އަކީ މެންޗެސްޓާ ސިޓީގެ ކޯޗު ގާޑިއޯލާގެ އެސިސްޓެންޓް. އެއީ 2016/17 ސީޒަން. އޭގެ ކުރީ ފަސް ސީޒަނުގައި ވެސް އާޓެޓާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އާސެނަލްގައި ޗެމްޕިއަންސް ލީގު ކުޅެފައި.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ. އާސެނަލް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކުޅުނު ސީޒަނުގައި އާޓެޓާ އަކީ މެންޗެސްޓާ ސިޓީގެ ކޯޗު ގާޑިއޯލާގެ އެސިސްޓެންޓް. އެއީ 2016/17 ސީޒަން. އޭގެ ކުރީ ފަސް ސީޒަނުގައި ވެސް އާޓެޓާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި އާސެނަލްގައި ޗެމްޕިއަންސް ލީގު ކުޅެފައި.-- ފޮޓޯ: އޭއެފްޕީ

މި ނަތީޖާއާ އެކު އާސެނަލް ހަތަރު ވަނައިގައި އޮތީ 66 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ވުލްވްސް އަތުން ކިރިޔާ ޕޮއިންޓެއް ލިބުނު ޗެލްސީ ތިންވަނައިގައި އޮތީ 67 ޕޮއިންޓާ އެކު އެވެ. އާސެނަލްއާ އެންމެ ގާތުން ފަސްވަނައިގައި އޮތީ ރޭ ލިވަޕޫލާ އެއްވަރުވި ޓޮޓެންހަމެވެ. އެޓީމަށް ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.

އާސެނަލް އިން ލީގުގައި އެންމެ އަވަހަށް ދެން ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ޓޮޓެންހަމާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ އާސެނަލް އަށް ފަސް ސީޒަނަށް ފަހު ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔަގީން ވާނެ އެވެ.

ލީޑްސް ޔުނައިޓެޑް ވަނީ އާސެނަލް އަތުން ބަލި ވުމާ އެކު ރެލިގޭޝަން ޒޯނަަށް ވެއްޓިފަ އެވެ. ބާކީ ތިން މެޗު އޮއްވައި ލިބުނު 34 ޕޮއިންޓާ އެކު އެޓީމު އޮތީ ލީގުގެ 18 ވަނައިގަ އެވެ. ލީޑްސް ބަލި ވުމާ އެކު ކުރިން 18 ވަނައިގައި އޮތް އެވަޓަން ވަނީ މިރޭ ރަށުން ބޭރުގައި ލެސްޓާ ސިޓީ 2-1 އިން ބަލިކޮށް ލީގުގެ 16 ވަނައަށް ޖެހިލައިފަ އެވެ.

ފުލްބެކް ވިޓަލީ މައިކޮލެންކޯ ގެ ލަނޑުން ހަވަނަ މިނިޓުގައި އެވަޓަން އިން ލީޑު ނެގި ނަމަވެސް ޕެސްޓޮން ޑާކާ ވަނީ 11 ވަނަ މިނިޓުގައި ލަނޑު ޖަހައި ލެސްޓާ އަަށް އެއްވަރު ކޮށްދީފަ އެވެ. އެވަޓަން މޮޅުވީ 30 ވަނަ މިނިޓުގައި ޑިފެންޑަރު މޭސަން ހޯލްގޭޓް ޖެހި ލަނޑުންނެވެ. އެވަޓަން ވަނީ މިދިޔަ ހަފްތާ ޗެލްސީ ވެސް ބަލި ކޮށްފަ އެވެ.

އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް މިރޭގެ މެޗް ކާމިޔާބު ކުރުމަށް ފަހު. މިއަހަރުގެ ޖެނުއަރީ މަހު ލަމްޕާޑާ ކުލަބް ހަވާލު ކުރީ ވެސް ޓީމު ރެލިގޭޝަނުން ސަލާމަތް ކުރުމުގެ ޓާގެޓާ އެކު.-- ފޮޓޯ: އޭއެފްޕީ

އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް މިރޭގެ މެޗް ކާމިޔާބު ކުރުމަށް ފަހު. މިއަހަރުގެ ޖެނުއަރީ މަހު ލަމްޕާޑާ ކުލަބް ހަވާލު ކުރީ ވެސް ޓީމު ރެލިގޭޝަނުން ސަލާމަތް ކުރުމުގެ ޓާގެޓާ އެކު.-- ފޮޓޯ: އޭއެފްޕީ

މިއީ ރަށުން ބޭރުގައި ކުޅެ އެވަޓަން މިސީޒަނުގައި ކާމިޔާބުކުރި ދެވަނަ މެޗެވެ. އެ ޓީމު 16 ވަނައިގައި އޮތީ ލީޑްސް އަށް ވުރެ އެއް ޕޮއިންޓް އިތުރަށް؛ 35 ޕޮއިންޓް ހޯދައިގެންނެވެ. ނަމަވެސް އެވަޓަން އަށް ލީގުގައި ބާކީ ހަތަރު މެޗު އެބަ އޮތެވެ. ލީޑްސް އަށް ބާކީ އޮތީ ތިން މެޗެވެ.

ވެސްޓް ހޭމް ޔުނައިޓެޑް ވެސް ވަނީ މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ. ލީގު ފުލުގައި، ރެލިގޭޓް ވެފައި އޮތް ނޯރިޗް ސިޓީ އަތުން އެޓީމު މޮޅުވީ 4-0 އިންނެވެ.

ފުރަތަފަ ހާފުގައި ޖަރޯޑް ބޯވެންގެ އެހީތެރިކަމާ އެކު ސައީދު ބެންރަހްމާ ވެސްޓް ހޭމް އަށް ދެ ލަނޑު ޖަހައިދިން އިރު މިޝޭލް އެންޓޯނިއޯ ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ހަތަރުވަނަ ލަނޑު ޖެހީ މެނުއެލް ލަންޒިނީ އެވެ.

މި ނަތީޖާއާ އެކު ހަތްވަނައިގައި އޮތް ވެސްޓް ހޭމް ވަނީ، ހަވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެޓީމާ ތިން ޕޮއިންޓް ކައިރިއަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު 36 މެޗުން ވެސްޓް ހޭމް އަށް 55 ޕޮއިންޓް ލިވަނީ ލިބިފަ އެވެ. ލީގުގައި ބާކީ އެއް މެޗު އޮތް ޔުނައިޓެޑަށް ލިބިފައި ވަނީ 58 ޕޮއިންޓެވެ. ޔުނައިޓެޑް ވަނީ ރޭ ނުވަވަނައިގައި އޮތް ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލި ވެފަ އެވެ.