22 ނޮވެމްބަރ 2021
އުމުރުން ދުވަސްވީ މީހުން ބާކީ ވެއްޖެ އެވެ؛ އާއިލާ އާއި މުޖުތަމައުގެ ވެސް އަޅާލުމާއި ލޯބި ނުލިބި ގިނަ ބަޔަކު ތިބީ އެކަނިވެރިކަމުގަ އެވެ. ސަރުކާރުން ދެމުން އަންނަ 5،000ރ.ގެ އިނާޔަތުން ފައިދާއެއް ނުވާ ގިނަ ބަޔަކު އެބަތިއްބެވެ. އެ ފައިސާކޮޅުގެ ބޭނުމުގައި މައިންބަފައިން ބެލެހެއްޓުމުން އާއިލާ ތެރޭގައި ދިމާވާ މައްސަލަތައް ވެސް މަދެއް ނޫނެވެ.
އުމުރުން ދުވަސްވީ މީހުން ބާކީ ވެއްޖެ އެވެ؛ އާއިލާ އާއި މުޖުތަމައުގެ ވެސް އަޅާލުމާއި ލޯބި ނުލިބި ގިނަ ބަޔަކު ތިބީ އެކަނިވެރިކަމުގަ އެވެ. ސަރުކާރުން ދެމުން އަންނަ 5،000ރ.ގެ އިނާޔަތުން ފައިދާއެއް ނުވާ ގިނަ ބަޔަކު އެބަތިއްބެވެ. އެ ފައިސާކޮޅުގެ ބޭނުމުގައި މައިންބަފައިން ބެލެހެއްޓުމުން އާއިލާ ތެރޭގައި ދިމާވާ މައްސަލަތައް ވެސް މަދެއް ނޫނެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދިމާވަމުންދާ މައްސަލަތަކަށް ބަލައި ގާނޫނެއް ހެދުމުގެ މަޝްވަރާތައް ޖެންޑާ މިނިސްޓްރީއާ އެކު ކުރިއަށް ގެންދިޔައިރު، މެމްބަރުން ފާޅުކުރެއްވީ މި ކަންބޮޑުވުންތަކެވެ. ޖެންޑާ އެންޑް ހިއުމަން ރައިޓްސް އާއި އިޖުތިމާއީ ކޮމިޓީން ބައިވެރިވެގެން ކުރިއަށް ގެންދިޔަ ކޮމިޓީގައި މަޝްވަރާކުރީ ގާނޫނު ހަދަމުން އަންނައިރު އެ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތްތަކަކަށެވެ.
ދޮށީއުމުރުގެ މީހުންނާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލި އެންޑް ސޯޝަލް ސާރވިސަސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަދި އިޖްތިމާޢީ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރުން pic.twitter.com/yFSdJHuw2t
— People's Majlis (@mvpeoplesmajlis) November 22, 2021
ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން ވިދާޅުވީ ރާއްޖޭގައި ނިޒާމު މިހާރު އޮތް ގޮތުން 55 އަހަރު ވުމުން އަމިއްލަ އަށް މުސްކުޅިވާން މަޖުބޫރުކުރެވޭ ކަމަށެވެ. ވަޒީފާ އަދާކޮށް އެ ހިސާބަށް އަންނައިރު ތަޖުރިބާ އާއި ގާބިލް މީހަކަށް ވެފައި ވިޔަސް މަދު މީހަކަށް ނޫނީ ވަޒީފާގައި ދެމިހުރުމުގެ ފުރުސަތެއް ދައުލަތުގެ ތެރޭގައި ފަހިވެފައި ނެތް ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
ދެ ވަނަ ކަމަކަށް އޭނާ ފާހަގަކުރެއްވީ އުމުރުން ދުވަސްވުމާ އެކު އާއިލާގެ ތެރެއިން ބޭނުންވާ ފުރިހަމަ އަޅާލުމާއި ރައްކާތެރިކަން ނުލިބުމުގެ ގިނަ މައްސަލަތައް ފެންމަތިވަމުން ދިއުމެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ ގެދޮރު ހަދާއިރު، ވެސް މިހާރު ފެންނަނީ ކާފަ އާއި މާމަ އަށް ޖާގަ ނުހުންނަ ގޮތަށް އާއިލީ ދިރިއުޅުމުގައި ކަންކަން ނިންމޭ ތަނެވެ. މިއީ، ހައުސިން ސްކީމްތައް ކުރިއަށް ގެންދާއިރު ވެސް ވިސްނާލަން މުހިއްމު ކަމެއްގެ ގޮތުގައި ޖީހާން ފާހަގަކުރެއްވި އެވެ.
"ޕޮއިންޓް ދޭ އިރު އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަމުން ދިއުމަކީ [ފްލެޓް އެ މީހަކަށް ހައްގުވުމުގައި] ރިއާޔަތްކުރަން ޖެހޭ ކަމެއް ކަމުގައި ބާރުއަޅަން ޖެހޭ." ޖީހާން ވިދާޅުވި އެވެ.
"ކަރިކިއުލަމަށް ބަލާއިރު، އުމުރުން ދުވަސްވީ މީހުންނާ އެކު އުޅުމާއި އެ މީހުންނާ އަޅާލުމުގައި ބަލަން ޖެހޭ ހާއްސަ ކަންކަމަށް ކުޑައިއްސުރެން ދަސްކޮށްދީގެން ނޫނީ މި ބަދަލުވެފައި މިއޮތް އެޓިޓިއުޑް އަނެއްކާ ބަދަލެއް ނުކުރެވޭނެ."
ޖެންޑާ އެންޑް ހިއުމަން ރައިޓްސް އާއި އިޖުތިމާއީ ކޮމިޓީގެ މެމްބަރުން: އެކި ރަށްރަށުން ފާހަގަކުރެވޭ ގިނަ މައްސަލަތަކަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި. -- ފޮޓޯ/ މަޖިލިސް
އޭނާ ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުން ބަލިވުމުން އެ މީހަކަށް އަޅާލާނެ ގޮތްތައް އާއިލާތަކަށް ކިޔައިދެވޭނެ ގޮތްތަކާ އެކު ޕްރައިމަރީ ހެލްތު ކެއާ މޮޑެލް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުން ވެސް ގާނޫނެއް ވުޖޫދުކުރާއިރު ސަމާލުކަން ދިނުން މުހިއްމެވެ.
އުމުރުން ދުވަސްވީ މީހުންނަށް 65 އަހަރުވުމާ އެކު ސަރުކާރުން 5،000ރ.ގެ އެލަވަންސެއް ދެ އެވެ. އެކަމަކު ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް އަޑު އިވެނީ، ޖީހާން ވިދާޅުވި ގޮތުގައި، މައިންބަފައިން ބަލަހައްޓަނީ އެ ފައިސާކޮޅުގެ ބޭނުމުގަ އެވެ.
މިއީ އަޑުއަހަން ފަސޭހަ ވާހަކައެއް ނޫން ކަމަށާއި އަދި މިއީ ހުރިހާ އާއިލާތަކުގެ ހަގީގަތަކަށް ނުވިއަސް ގާނޫނެއް ހަދާއިރު ބަލަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވަމުންދާ ހިތްދަތި ކަމަކުން މިސާލު ޖައްސަވައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ ފްލެޓް ލިބިގެން ބަދަލުވާ އިރު، މާމަ އާއި ކާފަ ރަށުގައި އެކަނިވެރިވެ އެހެން މީހަކާ ހަވާލުކުރަން ޖެހޭ ހާލަތްތައް މިހާރު ވެސް ދިމާވަމުންދާ ކަމަށެވެ. މާލެއަށް ވުރެން ރަށްރަށުގައި އުފަލުގައި އުޅެވުނަސް ވެރިންގެ ސިޔާސަތުތައް ބައްޓަންކުރީ އެ މީހުންނަށް ބޭސްފަރުވާ އާއި އެހެނިހެން ހިދުމަތްތަކުގައި ތަކުލީފު އުފުލަން ޖެހޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"އާދައިގެ ކަމަކަށް ވިޔަސް ވައިކަރަދޫން ނަމަ 300-400ރ. ހޭދަކޮށްފައި ކުޅުދުއްފުއްޓަށް މި ދެވެނީ. މި ހާލަތު މަޑުމަޑުން ބަދަލުވަމުން އަންނަ ކަން ފާހަގަ ވެސް ކުރަން،" އޭނާ ވިދާޅުވި އެވެ.
އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ޝިފާއު ވެސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ރަށްރަށުން ލިބޭ ކަމަށެވެ. މުސްކުޅި އުމުރަށް ދިއުމުން، ބައެއް ރަށްރަށުގައި ބިދޭސީއަކާ ހަވާލުކޮށް މީހާ މުޅިން އެކަހަރިކޮށްލުން ބަލައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.
ގާނޫނެއް ހަދާއިރު، އުމުރުން ދުވަސްވީ މީހަކު އެގޮތަށް އެކަހެރިކޮށްގެން ގެންގުޅެވޭނެ އަދި ނުގެންގުޅެވޭނީ ކޮން ހާލަތްތަކެއްގައިތޯ ވެސް ކަނޑައަޅަން ޖެހޭ ކަން އޭނާ ވިދާޅުވި އެވެ. ދަރިންނާއި ކާފަ/މާމަ ދަރިން ތިބެ މައިންބަފައިން ބެލުން ބިދޭސީއެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރެވިދާނެ ކަމެއްތޯ ގާނޫނީ ނަޒަރަކުން ވިސްނަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާގެ އަނެއް ކަންބޮޑުވުމަކީ އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އެލަވަންސް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލައަށް ގާނޫނީ ހައްލެއް މިހާތަނަށް ހޯދިފައި ނެތުމެވެ.
ޝިފާއު ވިދާޅުވީ ފައިސާ ޖަމާވާ އެކައުންޓުގެ ވެރިފަރާތާއި އުމުރުން ދުވަސްވީ މީހާ ބަލަން ހުންނަނީ ވެސް ބައެއް ހާލަތްތަކުގައި ދެ މީހެއް ކަމަށެވެ. ދުވަސްވީ މީހާ ބަލާ މީހާއަށް ފައިސާ ނުލިބުން ނުވަތަ އެ ހައްގުވެރި ފަރާތް ބޭނުންވާ ގޮތަށް އެ ފައިސާ ބޭނުން ނުކުރުމަކީ ވެސް ފެންމަތިވަމުންދާ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު ހުށަހެޅުއްވީ ގާނޫނެއް އެކުލަވާލާއިރު، އުމުރުން ދުވަސްވީ މީހުންގެ ދަފްތަރެއް އެކުލަވާލުމެވެ. މީގެތެރެއިން ވެސް ސިއްހީ ހިދުމަތް ބޭނުންވާ މީހުންނަށް ވަކި ދަފްތަރެއް ބޭއްވުން މުުހިއްމުކަން ފާހަގަކުރެއްވި އެވެ.
ބޭނުމަކީ ހިދުމަތް ފޯރުކޮށްދިނުމުގައި ލުއިފަސޭހަތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދަފްތަރު ކުރެވޭ މީހާއާ ޒިންމާވާނެ މީހަކު ކަނޑައަޅަން ޖެހެ އެވެ.
ގާނޫނުގައި ކަންކަން ތަރުތީބުކުރިއަސް އެކަންކަން ރަށްރަށުގައި ތަންފީޒުވޭތޯ ބަލާނެ ބަޔަކު ނެތުމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކުރެއްވި އެވެ. ޖެންޑާ މިނިސްޓްރީ އަށް ހުރިހާ ރަށެއްގެ ކަންކަން މިހާރު ވެސް ނުބެލޭއިރު ކުރިއަށް އޮތް ތަނުގައި ވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް މެމްބަރުން ގަބޫލުކުރެއްވި އެވެ.
ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ހުށަހެޅުއްވީ އުމުރުން ދުވަސްވީ މީހުންގެ ސިއްހަތާއި ހައްގުތައް ކަށަވަރުވޭތޯ ބެލުމުގެ ޒިންމާ އެ ރަށެއްގެ ޕަބްލިކް ހެލްތު ޔުނިޓާ ހަވާލުކުރުމަށެވެ. އެއީ ބަޖެޓް ބޮޑުކޮށްފައި ވިޔަސް ނަތީޖާ ނެރެވޭނެ ގޮތެއް ކަމަށް ވިދާޅުވި އެވެ.
އެކަމަކު ގިނަ މެމްބަރުން ބުރަވެވަޑައިގަތީ ޖެންޑާ މިނިސްޓްރީން އެކަންކަން މޮނިޓަކުރުމުގެ ބަދަލުގައި ކައުންސިލްތަކަށް ޒިންމާ ހަވާލުކުރުމެވެ. ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމެއް ހިންގާއިރު އެކަން އޮންނަން ޖެހޭނީ ކައުންސިލްތަކުގެ އަތްމަތީގައި ކަމަށް ވާތީ ބަޖެޓް ބޮޑުކޮށްދޭން ޖެހޭ ކަަމަށް ވެސް ވިދާޅުވި އެވެ.
ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!
ފަހަތަށް ނުޖައްސާ، އެއީ ކުރީ ސަފުގެ ހައްގުވެރިން!
އާބާދީ އިތުރު ނުވެ، ރަތް ރޮނގު ހުރަސް ކުރަނީ!
ޑރ. އައިޝަތު ޝިހާމް އެންމެ ޒިންމާ ބޮޑު ގޮނޑީގައި
ގުރައިދޫ މަރުކަޒުން 19 މީހަކު އެނބުރި އާއިލާއަށް
އުމުރުން ދުވަސްވީ މީހުންގެ މަރުކަޒެއް އައްޑޫގައި ހަދަނީ
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
ސަރުކާރު އޮފީސްތަކުގައި ކުދިން ބެލޭނެ ތަނެއް ހަދަނީ
ޖަޕާނު އެހީގައި ގުރައިދޫ މަރުކަޒުގެ ވޯޑު މަރާމާތުކޮށްފި
އަދިވެސް އެ ރުއިމުގެ އަޑު؛ އާދޭސްތައް!