Roadha Mihaaru
ގުރައިދޫ މަރުކަޒުން 19 މީހަކު އެނބުރި އާއިލާއަށް

މަރުކަޒުގައި އެކަނިވެރި ކަމުގައި ތިބި ގިނަ ބަޔަކު އެނބުރި އާއިލާތަކަށް

03 ޖެނުއަރީ 2024

ކ. ގުރައިދޫ މަރުކަޒުގައި އެކި ސަބަބުތަކާ ހެދި އެކަނިވެރި ދިރިއުޅުމެއްގައި ތިބި ގިނަ ބަޔަކު އަލުން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ފެމިލީ، ޑިވެލޮޕްމަންޓް މިނިސްޓްރީން ފަށައިފި އެވެ.

ކ. ގުރައިދޫ މަރުކަޒުގައި އެކި ސަބަބުތަކާ ހެދި އެކަނިވެރި ދިރިއުޅުމެއްގައި ތިބި ގިނަ ބަޔަކު އަލުން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ފެމިލީ، ޑިވެލޮޕްމަންޓް މިނިސްޓްރީން ފަށައިފި އެވެ.

މިނިސްޓަރު ޑރ. އައިޝަތު ޝިހާމް "މިހާރު"އަށް ވިދާޅުވީ މަރުކަޒުގައި ތިބި 19 މީހަކާ އަންނަ މަހުގެ ތެރޭގައި އާއިލާތަކުން ހަވާލުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. ދައުލަތުގެ މަރުކަޒުތަކުގައި އުމުރުން ދުވަސްވީ މީހުން ވެސް ގެންގުޅުމަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބެލި ނަމަވެސް އެ މީހުންނަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ގުރައިދޫ މަރުކަޒު ނަފްސާނީ ބަލި މީހުންނަށް ހާއްސަކުރިއަސް އެތަނުގައި ތިބީ އެ ހާލަތުގައި ތިބި މީހުން އެކަންޏެއް ނޫނެވެ. ރަނގަޅުވެފައި ތިބި މީހުންނާއި އެއްވެސް ބައްޔެއް ނެތަސް އެތަނަށް ގެންދާ ހާލަތު ގަދަކަމުން ކުރިމަތިކުރުވި މީހުން ވެސް ހިމެނެ އެވެ.

އޭގެތެރެއިން ގިނަ މީހުން ރަނގަޅުވިޔަސް އަނބުރާ އާއިލާތަކުން ހަވާލެއް ނުވެ އެވެ. އެ މީހުން އާއިލާތަކުން ނުގެންދަނީ، މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، ދިރިއުޅުމުގެ ހާލަތާ ގުޅުވައި ގިނަ ސަބަބުތައް ދެއްކުމަށް ފަހު އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އާއިލާތަކާ ވަރަށް ގުޅިގެން މަސައްކަތް ކުރެވިއްޖިއްޔާ ކަންކަން ރަނގަޅު ކުރެވިގެންދާނެ ކަމަށް," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އައިޝަތު ޝިހާމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިނިސްޓަރު އައިޝަތު ޝިހާމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގުރައިދޫ މަރުކަޒުގެ ޖާގައިގެ އިތުރަށް ވުރެން ގިނަ މީހުން އެތަނުގައި މިހާރު ވެސް އެބަތިއްބެވެ. ޖުމްލަ 163 މީހުންގެ ޖާގައިގެ އެތަނުގައި މިދިޔަ އަހަރު އެންމެ ފަހުން ތަފާސްހިސާބު އާއްމުކުރިއިރު 193 މީހުން ތިއްބެވެ.

އޭގެތެރޭގައި ދޮށީ އުމުރުގެ 26 މީހުންނާއި ނަފްސާނީ ބަލީގެ ހަތަރު މީހުންގެ އިތުރުން ބާކީ ތިބި އެންމެންނަކީ ވެސް އާއިލާތަކުން ހަވާލު ނުވެ ތިބި މީހުންނެވެ.

ގުރައިދޫ މަރުކަޒުގައި ތިބި ބައެއް މީހުން "މިހާރު"އަށް ކިޔައިދިން ގޮތުގައި ބަލިވެގެން ގެންދިޔައަސް އާއިލާތަކުން ފަހުން އަޅައެއް ނުލަ އެވެ. އާއިލާތަކުން ގެންދާނެ ކަމުގެ އިންތިޒާރުގައި ތިއްބައި ގިނަ ބަޔަކު ނިޔާވެފައި ވެ އެވެ.

ދޮށީ އުމުރުގެ މީހުން މަރުކަޒު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫނަސް، ރާއްޖޭގައި ދޮށީ އުމުރުގެ މީހުންނަށް ހާއްސަކޮށް، ރަނގަޅު އޯލްޑްއޭޖް ފެސިލިޓީތަކެއް ނެތުމުން، ގުރައިދޫ މަރުކަޒަށް ގެންދިއުން ނޫން އިތުރު ގޮތެއް ވެސް ނެތެވެ. އެ މަރުކަޒުގައި އެ އުމުރުގެ މީހުންނަށް ބޭނުންވާ ގިނަ ވަސީލަތްތައް ނުހުރެ އެވެ.

މި ސަރުކާރުގެ ވިސްނުމަކީ މާލެ އާއި ރަށްރަށުގައި ވެސް އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒުތަކެއް ހަދައި ވަސީލަތްތައް ގާއިމްކޮށްދީގެން ހައްލު ހޯދުމެވެ. މާލޭގައި ކުރީގެ ނާދީ އާއި ހުޅުމާލޭގައި މަރުކަޒު ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރަށްރަށުގައި ކައުންސިލްތަކާ ގުޅިގެން މަރުކަޒުތައް ގާއިމްކުރަން ނިންމާފައިވާ ކަމަށް ވެސް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.