Roadha Mihaaru
ކުއްޖަކު ފޮރުވައި ބައްޕައަށް ވަޅިން ބިރުދައްކައިފި

ދަރަވަންދޫގައި އަންހެން ކުއްޖަކު ފޮރުވައި، ބައްޕަ އަށް ވަޅިން ބިރުދައްކައިފި

23 ނޮވެމްބަރ 2021

ބ. ދަރަވަންދޫގައި ކުއްޖަކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާ ފޮރުވައި، އެ ކުއްޖާގެ ބައްޕަ އަށް ރޭ ވަޅިން ބިރު ދައްކައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބ. ދަރަވަންދޫގައި ކުއްޖަކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާ ފޮރުވައި، އެ ކުއްޖާގެ ބައްޕަ އަށް ރޭ ވަޅިން ބިރު ދައްކައިފި އެވެ.

ކުއްޖަކު ވަޅިން މީހަކަށް ބިރު ދެއްކި މައްސަލައެއް ރޭ 9:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.

އެކަމަކު ދަރަވަންދޫން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ގްރޭޑް 10 ގައި ކިޔަވަމުން އަންނަ އެ އަންހެން ކުއްޖާ ރޭގެ ވަގުތެއްގައި ގެއްލިގެން، ކުއްޖާ ހޯދުމަށް ރައްޔިތުން ނުކުތުމަށް ކައުންސިލްގެ އިދާރާ އިން އެދުނެވެ. އެހެންވެ، ގިނަ ބަޔަކު ކުއްޖާ ހޯދަން ނުކުތް ނަމަވެސް އެ ކުއްޖާ ފޮރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން ކުއްޖާ ކަމަށް އެ މީހުން ތުހުމަތު ކުރެ އެވެ.

"އަންހެން ކުއްޖާގެ ވެސް ރުހުމުގައި އޭނާ ގެއެއްގައި ފިލާ ހުރީ. އެ ގެއަކީ އެންމެ މީހެއް އުޅޭ ގެއެއް. އެ މީހާ އަށް އިންޒާރުދީފައި އެކެއްގެ ކައިރީ ވެސް ނުބުނާން އަންގާފައި އެ ތަނުގައި އަންހެން ކުއްޖާ ބެހެއްޓި ކަމަށް ބުނަނީ،" ރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

ނަމަވެސް އަންހެން ކުއްޖާ ހޯދުމަށް ކުއްޖާގެ އާއިލާ އާއި ދަރަވަންދޫގެ ރައްޔިތުން ނުކުމެ އުޅެނިކޮށް، އަންހެން ކުއްޖާގެ ބައްޕަ އަށް ފިރިހެން ކުއްޖާ ގުޅައި އޭނާ ހުރި ތަނެއް އެނގެން ބޭނުން ނަމަ، ރަށުގެ ދިގު މަގު ކޮޅަށް ދިއުމަށް އެންގި އެވެ. އެއީ ރަށުގެ މީހުން އުޅޭ ހިސާބާ ވަރަށް ދުރެވެ. އެ ތަނުގައި އޭނާ ހުރީ ވަަޅިއެއް ވެސް ހިފައިގެން ކަމަށް ވެ އެވެ.

އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް ދުވަހެއް ވެފައިވީ ނަމަވެސް އެކަމަށް މައިންބަފައިން ދެކޮޅު ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ.

"ފިރިހެން ކުއްޖާއަކީ މި އަތޮޅު އެހެން ރަށެއްގެ ކުއްޖެއް. އެ މީހުންގެ ގުޅުމަށް އަންހެން ކުއްޖާގެ މައިންބަފައިން ނުރުހޭ،"

އެ މީހާ ބުނިގޮތުގައި އަންހެން ކުއްޖާ އަށް އޭނާގެ ބައްޕަ ވަރަށް އެެއްޗެހި ކިޔައި ހަދަ އެވެ. ކުއްޖާ ފޮރުވައި ބައްޕަ އަށް ހަމަލާދޭން އުޅުނީ އެހެންވެ ކަމަށް ތުހުމަތު ކުރެވެ އެވެ.