Roadha Mihaaru
މާދަމާއިން ފެށިގެން ހިޔާ ފްލެޓްތަކަށް ފެންބިލް ފޮނުވާނެ

މާދަމާއިން ފެށިގެން ހިޔާގެ 4،000 ފްލެޓަަކަށް ފެން ބިލު ފޮނުވާނެ

27 ނޮވެމްބަރ 2021

ހިޔާ ޓަވަރުތަކުގެ 3،500-4،000 ފްލެޓަކަށް މާދަމާއިން ފެށިގެން ފެން ބިލު ފޮނުވަން ފަށާނެ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހިޔާ ޓަވަރުތަކުގެ 3،500-4،000 ފްލެޓަކަށް މާދަމާއިން ފެށިގެން ފެން ބިލު ފޮނުވަން ފަށާނެ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ހިޔާ ފްލެޓްތަކަށް ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މީޑިއާ ބައްދަލުކުރައްވައި ވިދާޅުވީ ބިލް ފޮނުވަން ފަށަނީ ފެން ބިލްތަކުގައި ދިމާވާ މައްސަލަތަކެއް ފާހަގަވުމުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަަށެވެ. އޭނާ ވިދާޅުވީ ފްލެޓުތަކުގެ ތަހުލީލުތައް ކުރި އިރު 4،000 އެއްހާ ފްލެޓްގެ ފެން މީޓަރު ރަނގަޅުކަން ޔަގީންވެފައިވާ ކަމަށެވެ. އެހެންވެ، މާދަމާއިން ފެށިގެން ބިލް ފޮނުވަން ފަށަނީ އެ ފްލެޓްތަކަށެވެ.

މި ފްލެޓުތަކަށް، އެމްޑަބްލިއުއެސްސީން ފޮނުވާނީ ތިން މަހުގެ ބިލް އެއްކޮށެވެ. އެ ކުންފުނިން ބިލް ކުރަން ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެންނެވެ.

ތިން މަހުގެ ބިލް އެއްކޮށް އައި ނަމަވެސް ކަސްޓަމަރުންނަށް ބިލު ދެއްކުމުގައި ވަނީ ލުއި ގޮތްތަކެއް ހަމަޖައްސައިފަ އެވެ. އެއީ ބައިބަޔަށް ބަހާލައިގެން ބިލް ދެއްކުމުގެ އިހްތިޔާރު ދީ އަދި އެ މުއްދަތުގައި ޖޫރިމަނާ ވެސް ނުނަގާ ގޮތަށެވެ.

"އަޅުގަނޑުމެންގެ ލީނިއަންސީ ޕޮލިސީގެ ދަށުން ކަސްޓަމަރުންނަށް ބަހާލައިގެން ވެސް ބިލް ދެއްކޭނެ. އަޅުގަނޑުމެންނާ އެކު މި އެއްބަސްވުމުގައި ސޮއިކުރުމުން ބިލު ނުދެއްކުމުން އިތުރަށް އަރާ ބައި ވެސް މާފު ކުރެވިގެންދާނެ،" ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ހިޔާ ފްލެޓު ސަރަހައްދުގައި ބަހައްޓާފައިވާ ބަލްކު މީޓަރު ދައްކާގޮތުގައި ފާއިތުވި ތިން މަސް ދުވަހު އެ ސަރަހައްދަށް ވަނީ 13 މިލިއަން ރުފިޔާގެ ފެން ފޯރުކޮށްދީފަ އެވެ. ނަމަވެސް ބައެއް ފްލެޓުތަކުގައި ހުރި ފެން މީޓަރުތަކުގައި މައްސަލަތައް ހުރުމުން އެ ފްލެޓުތަކުގެ ބިލްތަކުގައި ވަނީ މައްސަލަތަކެއް ދިމާވެފަ އެވެ. އެހެންވެ މައްސަލަ ހުރި މީޓަރުތައް ދެނެގަނެ އެ މީޓަރުތައް ރަނގަޅު ކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފްލެޓުތަކުގެ މީޓަރުތައް ވީހާ ވެސް އަވަހަށް އެމްޑަބްލިއުއެސްސީގައި ރަޖިސްޓްރީ ކުރުމަށް އެ ކުންފުނިން އެދެ އެވެ. އަދި އެއްވެސް މައްސަލައެއް ދިމާވާނަމަ އެ ކުންފުންޏަށް އެކަން އެންގުމަށް ވެސް ވަނީ އެދިފަ އެވެ. މި ހިދުމަތްތަކަށް ހާއްސަ ޑެސްކެއް ހިޔާ ފްލެޓު ސަރަހައްދުގައި ބަހައްޓާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މީޓަރުތަކުގައި މައްސަލަ ޖެހިފައިވާ ފްލެޓުތަކަށް ފެން ބިލު ފޮނުވާނީ އެ މައްސަލަ ހައްލުކުރުމަށް ފަހު އެވެ.