Roadha Mihaaru
ހިޔާގައި ފެންބިލް ބޮޑުވަނީ މީޓަރުތަކުގެ މައްސަލައަކުން

ހިޔާ ފްލެޓްގައި ފެން ބިލް މާ ބޮޑުވަނީ ޗައިނާ ކުންފުނީގެ މީޓަރުގެ ސަބަބުން: ޝާހް

27 ނޮވެމްބަރ 2021

ހިޔާ ފްލެޓުތަކުގައި ފެން ބިލުގެ މައްސަލަ ދިމާވަނީ އެ ފްލެޓުތައް ހެދި ކޮންޓްރެކްޓަރު، ކަމަށްވާ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން (އެސްސީއީ)ގެ އަމިއްލަ މީޓަރުތަކާއި ފެން ހޮޅިތައް ބޭނުންކުރާތީ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހިޔާ ފްލެޓުތަކުގައި ފެން ބިލުގެ މައްސަލަ ދިމާވަނީ އެ ފްލެޓުތައް ހެދި ކޮންޓްރެކްޓަރު، ކަމަށްވާ ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން (އެސްސީއީ)ގެ އަމިއްލަ މީޓަރުތަކާއި ފެން ހޮޅިތައް ބޭނުންކުރާތީ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓުތަކުގެ ފެނުގެ މައްސަލައާ ގުޅޭ ގޮތުން މީޑިއާ ބައްދަލުކުރައްވައި ޝާހު ވިދާޅުވީ އެ ޓަވަރުތަކުގެ ގިނަ އަދަދެއްގެ މީޓަރުތަކުގައި މައްސަލަ އެބަހުރި ކަމަށެވެ. ބައެއް ގެތަކަށް އާދަޔާ ހިލާފަށް ބޮޑު ފެންބިލެއް އަންނަނީ ވެސް މިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ގެތަކަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ފެން ބިލަށް އަރައި އެކަމުގެ ޝަކުވާ އެމްޑަބްލިއުއެސްސީ އަށް ވަނީ ލިބިފަ އެވެ.

މިގޮތަށް ފެން ބިލް ބޮޑުވާ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު، އެމްޑަބްލިއުއެސްސީގެ މީޓަރުތައް، ޓަވަރުތަކުގައި ނެތުމުން އުފުލަންޖެހޭ ތަކުލީފު ބޮޑު ކަމަށް ޝާހު ވިދާޅުވި އެވެ.

"އެމްޑަބްލިއުއެސްސީގެ މީޓަރު ނޫންވީމަކާ އަޅުގަނޑުމެންނަށް ޔަގީންކަމެއް ނުދެވޭ އެ މީޓަރުގެ ރީޑިން އަކީ ސީދާ އަޅުގަނޑުމެން އިތުބާރުކުރާ ވަރުގެ ސައްހަ އެއްޗެއް ކަމެއް. މީގަ ހައްލު ނުވެގެން އުޅޭ މައްސަލައަކީ ފޯލްޓީ މީޓަރުތަކާއި ބައެއް މީތަރުތަކުގައި ކޮމަން ސީރިއަލް ނަންބަރެއް ހުރެގެން އަޅުގަނޑުމެންގެ ޑޭޓާބޭސްއަކަށް އެންޓާ ކުރެވެން ނެތުން،" ޝާހު ވިދާޅުވި އެވެ.

ހިޔާ ފްލެޓުތައް: ބައެއް ފްލެޓުތަކުގައި ހުރި މީޓަރުތަކުގައި މައްސަލަ އުޅޭ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައި. -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ހިޔާ ފްލެޓުތައް: ބައެއް ފްލެޓުތަކުގައި ހުރި މީޓަރުތަކުގައި މައްސަލަ އުޅޭ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައި. -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ޝާހު ވިދާޅުވީ ފެން ބިލުގެ މައްސަލަ ހައްލުކުރަން އެ ކުންފުނިން މިދިޔަ ތިން މަހު "ކޮންސަމްޝަން ޕެޓާން އެނާލިސިސް" އެއް ހަދާފައިވާނެ ކަމަށެވެ. މި އެނާލިސިސްގައި 7،000 ފްލެޓުގެ ތެރެއިން 3،500-4،000 އެއްހާ ފްލެޓުގައި ސައްހަ މީޓަރު ހުރިކަން އެނގިފައިވާ ކަމަށާއި އެ މީޓަރުތަކަށް ބިލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ ޓަވަރުތަކުގެ ވަކި ފްލެޓުތަކުގައި ކޮންޓްރެކްޓަރުގެ ފެން މީޓަރުތައް ބަހައްޓާފައި ހުރި ނަމަވެސް އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ ބަލްކް މީޓަރެއް އެ ސަރަހައްދުގައި ބަހައްޓާފަ އެވެ. މި މީޓަރުން ދައްކާ ގޮތުގައި ފާއިތުވި ތިން މަސް ދުވަހު 13 މިލިއަން ރުފިޔާގެ ފެން، ހިޔާ ފްލެޓުތަކަށް ވަނީ ދޫކޮށްފަ އެވެ.

ޝާހު މީޑިއާަތަކަށް މައުލޫމާތު ދެއްވަނީ: އަމިއްލަ މީޓަރުތަކަށް ބަދަލު ކޮށްގެންވެސް ހިދުމަތް ރަނގަޅު ކުރާނެ ކަމަށް ވިދާޅުވި-- ފޮޓޯ: އެމްޑަބްލިއުއެސްސީ

ޝާހު މީޑިއާަތަކަށް މައުލޫމާތު ދެއްވަނީ: އަމިއްލަ މީޓަރުތަކަށް ބަދަލު ކޮށްގެންވެސް ހިދުމަތް ރަނގަޅު ކުރާނެ ކަމަށް ވިދާޅުވި-- ފޮޓޯ: އެމްޑަބްލިއުއެސްސީ

ޝާހު ވިދާޅުވި ގޮތުގައި މައްސަލަ ހައްލު ކުރުމަށް އެސްސީއީ އިން އެއްބާރުލުން ނުދޭ ނަމަ އަމިއްލަ މީޓަރުތައް ބޭނުންކޮށްގެން ވެސް މައްސަލަ ހައްލު ކުރާނެ އެވެ. އަދި މިކަމުގައި އެޗްޑީސީގެ އެއްބާރުލުން އެ ކުންފުންޏަށް ލިބޭ ކަން ޝާހު ފާހަގަކުރެއްވި އެވެ.

ފެނުގެ މައްސަލަ ހައްލު ކުރުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ހާއްސަ ވޯޓާ ލައިނެއް ވެސް އެމްޑަބްލިއުއެސްސީން އަޅާނެ އެވެ. މި ވޯޓާލައިނުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ނިމޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.