Roadha Mihaaru
މީހުން ނޫޅޭ ފްލެޓެއްގެ ފެން ބިލަށް 6،700 ރުފިޔާ!

މީހުން ދިރިނޫޅޭ ހިޔާ ފްލެޓެއްގެ ފެން ބިލަށް 6،700 ރުފިޔާ!

28 ސެޕްޓެމްބަރ 2021

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހަކު، އެ ފްލެޓްގައި ދިރިއުޅެން ނުފަށަނީސް ވެސް އެ ތަނުގެ ފެން ބިލަށް 6،700 ރުފިޔާ އަރާފައިވާކަމަށް ބުނާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހަކު، އެ ފްލެޓްގައި ދިރިއުޅެން ނުފަށަނީސް ވެސް އެ ތަނުގެ ފެން ބިލަށް 6،700 ރުފިޔާ އަރާފައިވާކަމަށް ބުނާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.

"ހިޔާ" ގެ އަށް ވަނަ ޓަވަރުގެ 23 ވަނަ ފްލޯއިން ފްލެޓް ލިބުނު މީހެއްގެ ފެން ބިލަށް މިހާ ބޮޑު އަދަދެއް އެރިއިރު، އެ ތަނުގެ ވެރިމީހާ، "މިހާރު" އަށް ބުނީ، އެ ފްލެޓްގެ ތަޅުދަނޑި އެ މީހުންނާ ހަވާލުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

އެކަމަކު، އެ ފްލެޓާ ރަސްމީކޮށް ހަވާލުވި ދުވަހުން ފެށިގެން މިހާތަނަށް އެ ތަނުގައި ކުރިހާ ވެސް މަސައްކަތަކީ އަށި ތަޅާލައި، ދެ ފާހާނައިގެ ތަޅުންގަނޑުއެއް ވަރުކުރުމުގެ މަސައްކަތް އެކަނި ކަމަށް އޭނާ ބުންޏެވެ.

"ސިންކް އިންނަ ތަން ތަޅާލައިފައި އެ ތަނުގެ ކަނެއް ކައިރީ އެއްވަރުކޮށްލަން ސިމެންތި ޖެހީ އަޅުގަނޑުމެން ބަދިގެ ސެޓް ހަރުކުރަން ބޭނުންވާތީ. ދެން ފާހާނާއިގެ ތަޅުންގަނޑު އެއްވަރުކުރީ. 100 ރުފިޔާ ވެސް އެއަށް ނާރާނެ،" އޭނާ ބުންޏެވެ.

ފެން ބިލަށް ބޮޑު އެއްޗެއް އެރިކަން އޭނާ އަށް ވެސް އެނގުނީ މިއަދު މޯބައިލް ނަމްބަރަކުން ގުޅައި އެހާ ބޮޑު އެއްޗެއް ބިލަށް އެރުމުން އެކަން ސާފުކުރަން އެމްޑަބްލިއުއެސްސީން އުޅުމުން ކަމަށް އޭނާ ބުންޏެވެ. އެހެންވެ އޭނާ ވަނީ މީހަކު ލައްވާ ޕޯޓަލުން ބިލު ނަގައިފަ އެވެ.

"ހެނދުނު ގުޅާފައި ބުނީ ފެންބިލު ވަރަށް ބޮޑޭ. 80 ޓަންސް އެބައިނޭ އަރައިފައި. އަޅުގަނޑު އަހައިފިން އެހީ ކިހާ ރުފިޔާއެއްހޭ. ބުނީމަ ބުނީ 16،000 އޭ. ދެން އެމީހުން ބޭނުންވީ މީޓަރު ޗެކްކޮށްލަން،" ފްލެޓްގެ ވެރިމީހާ ބުންޏެވެ.

"މިހާ ބޮޑު އެއްޗެއް [ބިލަށް] އެރީމާ އަޅުގަނޑަށް ވެސް ލިބުނީ ޝޮކެއް. އެ މީހުން މީޓަރު ޗެކްކުރަން ބުނީމާ އެ އިންތިޒާމު ވެސް ވަގުތުން ހަމަޖެއްސިން."

އޭނާ ކިޔައިދިން ގޮތުގައި، ފެން ބިލަށްގިނަ އަދަދެއްގެ ފައިސާ އެރި ވާހަކަ އެންގުމުން، އެ ތަނަށް އޭނާގެ ބޭބެއަކު ގޮސް ބެލި އެވެ. އެކަމަކު ފެން ލީކެއް ނުވެ އެވެ. އަދި އެމްޑަބްލިއުއެސްސީން ގުޅި މީހުން ވެސް ފްލެޓަށް ގޮސް ބެލި ކަމަށާއި ލީކެއް ނެތް ކަމަށް އެ މީހުންނާ ހަވާލާދީ ފްލެޓްގެ ވެރިފަރާތުން ބުނެ އެވެ.

"ފްލެޓުގައި ހަމަ އެއްވެސް ލީކެއް ނެތް. މީޓަރެއް ވެސް ނޭނބުރޭ."

އޭނާ ބުނީ، އެ އާއިލާގެ މީހުން އެ ފްލެޓްގައި ދިރިއުޅެން ފެށިޔަސް ފެން ބިލަށް 6،000ރ. އެއް ނާރާނެ ކަމަށެވެ. "ބޮޑު ތިން މީހުންނާއި ދެ އަހަރު ނުވާ ކުޑަ ކުއްޖެއް މި ފެމެލީގައި އުޅޭނީ،" އޭނާ ބުންޏެވެ.

ފްލެޓް ލިބުނު ފަހުން، މިދިޔަ ހުކުރު ދުވަސް ފިޔަވައި ކޮންމެ ހުކުރު ދުވަހެއްގައި ފްލެޓަށް ގޮސް އެ ތަން ބަލައި ވެރިފަރާތުން ޗެކްކުރެ އެވެ. އެކަމަކު ދުވަހަކު ވެސް ފެން ލީކުވާ ތަނެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީން ބުނީ އެފަދަ ޝަކުވާއެއް އެ ކުންފުންޏަށް ލިބިފައި ނުވާ ކަމަށެވެ. ހިޔާ ފްލެޓަށް އަދި ފެން ބިލު ފޮނުވަން ފަށާފައިނުވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.