Roadha Mihaaru
މާލޭގެ ހާސްކަން ކުޑަކޮށް، މައްސަލަތަކަށް ހައްލެއް

ލޭންޑް ޔޫސް ޕްލޭނުން މާލޭގެ ހާސްކަން ކުޑަކޮށް، މައްސަލަތަކަށް ހައްލެއް ލިބޭނެ: މުއިއްޒު

29 ނޮވެމްބަރ 2021

ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓް އެކުލަވާލީ ބިން ފުރި، ތޮއްޖެހުން ބޮޑު މާލޭގެ ހާސްކަން ކުޑަކޮށް، މައްސަލަތަކަށް ޖުމްލަ ހައްލެއް ހޯދައިދީ އާއްމުންނަށް ފަސޭހަ ހިދުމަތާއި ހިތްފަސޭހަކަން ލިބޭ ގޮތަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓް އެކުލަވާލީ ބިން ފުރި، ތޮއްޖެހުން ބޮޑު މާލޭގެ ހާސްކަން ކުޑަކޮށް، މައްސަލަތަކަށް ޖުމްލަ ހައްލެއް ހޯދައިދީ އާއްމުންނަށް ފަސޭހަ ހިދުމަތާއި ހިތްފަސޭހަކަން ލިބޭ ގޮތަށް ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ އާބާދީ 250،000 އަށް މަތިވެފައިވާ އިރު މި އާބާދީ ބިމުގެ ނިސްބަތުން ބަހާލުމުން ހެކްޓަރަކަށް 1،640 މީހުން އެބަ ތިއްބެވެ. އެކަމަކު ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައި ވަނީ ހެކްޓަރަކަށް އެކަށީގެންވާ އަދަދަކީ 100 މީހުން ކަމަށެވެ. މިއީ، މާލެ ތޮއްޖެހިފައި އޮތް މިންވަރުގެ އަންދާޒާ އެކެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު "މިހާރު" އަށް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހިޔާލާ އެކު ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައި ވަނީ ރައްޔިތުންނަށް ނޭވާލާނެ ޖާގަ ލިބޭ ގޮތަށް ކަަމަށެވެ. އާމްދަނީ ހޯދާނެ ވަސީލަތްތަކާއި ވަޒީފާތަކާއި ހިދުމަތްތައް ހޯދުމުގައި ލުއި ފަސޭހަކަން ހޯދައިދޭން ބަލާފައިވާނެ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ލޭންޑް ޔޫސް ޕްލޭން އެކުލަވާލީ މާލޭ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކުގަ އެވެ. ފުރަތަމަ ފަހަރަށް ޕްލޭނެއް އެކުލަވާލައި މިދިޔަ އޮގަސްޓް މަހުން ފެށިގެން އާއްމުންނަށް ހުޅުވާލުމުން މިހާތަނަށް 1،100 އަށް ވުރެން ގިނަ ހިޔާލު ހުށަހަޅާފައިވާ ކަަމަށް ވިދާޅުވި އެވެ

އޭގެތެރޭގައި ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާތަކާއި އާއްމު ފަރުދުން ހިމެނެ އެވެ.

މާލޭ ސިޓީ ކައުންސިލުން ނިންމާފައި އޮތީ އެ ޕްލޭން ފައިނަލް ކުރުމުގެ ކުރިން ވެސް ހިޔާލު ހުށަހެޅުމުގެ ފަހު ފުރުސަތު ރައްޔިތުންނަށް ދިނުމަށެވެ. މިއަދުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ސިޓީ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ ކަަމަށް މުއިއްޒު ވިދާޅުވި އެވެ.

"ފުރަތަމަ ފަހަރަށް މާލޭ ރައްޔިތުންގެ ބައިވެރިވުމާ އެކު ލޭންޑް ޔޫސް ޕްލޭނެއް މި އެކުލަވާލީ. މިއީ ވަރަށް ތާރީހީ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މި ޕްލޭން ފައިނަލްކޮށް ވަރަށް އަވަހަށް ސަރުކާރަށް ހުށަހަޅާނެ އެވެ.

ލޭންޑް ޔޫސް ޕްލޭންގައި ހުށަހަޅާފައި ހުރި ބައެއް ކަންކަން:

މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި، ރައްޔިތުން ބޭނުންވާ އަމާން، ހިތްފަސޭހަ ތަނަކަށް މާލެ ބަދަލުކޮށްލަން ލޭންޑް ޔޫސް ޕްލޭންގައި ގިނަ ބަދަލުތަކެއް ހިމަނާފައިވާނެ އެވެ. ބޮޑު ބަދަލެއް ގެންނަ އެއް ސަރަހައްދަކީ މާލޭ ޕޯޓެވެ.

އެ ސަރަހައްދު ބަދަލުކޮށްލާނީ އެންޓަޓައިންމެންްޓް ހަބަކަށެވެ. އެއާއެކު ޔޮޓް މެރީނާއަކާ އެކު ކްރޫޒް ޓާމިނަލެއް އޮންނާނެ އެވެ.

ޒަމާންވީ އަތޮޅު ފިހާރަ ބަރި ބަދަލުކޮށްލަން ޕްލޭންގައި އޮތީ ބުޓީކް ޝޮޕްތަކަކަށެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: މާލޭގެ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓަށް ހިޔާލު ހޯދުމުގެ ފަހު ފުރުސަތު ވަނީ ހުޅުވާލާފައި. -- ފޮޓޯ/ މިހާރު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: މާލޭގެ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓަށް ހިޔާލު ހޯދުމުގެ ފަހު ފުރުސަތު ވަނީ ހުޅުވާލާފައި. -- ފޮޓޯ/ މިހާރު

މާލޭގެ ހުޅަނގު އުތުރު ސަރަހައްދުން ބައެއްގެ އިންތިޒާމްތައް ބަދަލުކޮށްލައި ރަސްފަންނު ސަރަހައްދުގައި ފަތާ ސަރަހައްދެއް ހަދައި ޕްލާޒާއެއް އެޅުން ހިމެނެ އެވެ. މަސްމާރުކޭޓާއި ތަރުކާރީ މާރުކޭޓް ބަދަލުކުރަނީ އެއް ސަރަހައްދަކަށެވެ. މަސްވެރިންގެ ޕާކު ފެހިކޮށްލައި މަހުގެ އެކި ބާވަތްތައް ވިއްކޭނެ ގޮތް ހަމަޖައްސާނެ އެވެ.

ކޮންމެ އަވަށެއްގައި ކޮމިއުނިޓީ ސެންޓަރެއް އަޅާނެ އެވެ. އެއީ އަންހެނުންގެ އުފެއްދުންތައް ވިއްކުމާއި ޖަމިއްޔާތަކުގެ ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމެވެ. މިތަންތަން ކިޔަވާ ކުދިންނަށް ވެސް ބޭނުން ކުރެވޭނެ އެވެ.

އާޓިފިޝަލްބީޗަކީ ސިޓީ ކައުންސިލުން ބުނިގޮތުގައި ކުރިއަށް އޮތް ތަނުގައި އިތުރު ކުޅިވަރުތައް ކުޅެވޭނެ އެވެ. ދަރުބާރުގޭގެ އިރުން އޮތް ސަރަހައްދު ހާއްސަކުރަނީ ސްޓްރީޓް ފުޑް މާކެޓަކަށެވެ. އުސްފަސްގަނޑުގައި ޖިމަކާ އެކު ކަސްރަތު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ އެވެ.

ސިނާމާލެ ފްލެޓްތައް ރީޑިވެލޮޕްކޮށް، ހުސް ބިންތައް ގިނަކުރަން ޕްލޭންގައި ހިމަނާފައިވެ އެވެ.

ލޭންޑް ޔޫސް ޕްލޭންގައި ޕަބްލިކް ޓްރާންސްޕޯޓެއް ގާއިމްކުރުމާއި ޕާކިންގެ މައްސަލަތަކުގެ ހައްލު ވެސް ހުށަހަޅާފައިވެ އެވެ.