Roadha Mihaaru
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!

އަމީނީ މަގުގެ ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!

11 އެޕްރީލް 2023

އަމީނީ މަގުގައި ތާރު އެޅުމަށް އެ މަގުގައި ހުރި ބިޔަ ގަސްތައް ކަނޑަމުން ދާތީ، އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަމީނީ މަގުގައި ތާރު އެޅުމަށް އެ މަގުގައި ހުރި ބިޔަ ގަސްތައް ކަނޑަމުން ދާތީ، އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، މާލޭ ސިޓީ ކައުންސިލުން މާލޭގައި ގަސް އިންދުމާއި ފެހިކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުގެ ފަރާތުން ފެންނަނީ ގަސްތައް ކަނޑައި ހުސްކުރަމުން ދާ ތަނެވެ.

"އަމީނީ މަގުގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލުން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް،" އޭނާ ވިދާޅުވި އެވެ.

އަމީނީ މަގުގައި ބިލަބޮންގް ކައިރީގައި ހުރި ގަސްތައް ކަނޑަނީ.-- ފޮޓޯ: މޭޔަރު މުއިއްޒު

އަމީނީ މަގުގައި ބިލަބޮންގް ކައިރީގައި ހުރި ގަސްތައް ކަނޑަނީ.-- ފޮޓޯ: މޭޔަރު މުއިއްޒު

މީގެ ކުރިން އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތަށް އެ މަގުގައި ހުރި ގަސްތައް ކަނޑާލުމުން އެކަމާ ދެކޮޅަށް ވެސް މުއިއްޒު ވާހަކަދެއްކެވި އެވެ. އަދި ގަސްތައް ނުކަނޑައި އެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް އެދިވަޑައިގަތެވެ.

އެކަމާ ގުޅިގެން މުއިއްޒު އަނެއްކާވެސް ކަންބޮޑުވުން މި ފާޅުކުރެއްވީ، އަމީނީ މަގު ހެދުމަށް ފުރުގާން މިސްކިތާ ހިސާބުން ފެށިގެން ބިލަބޮންގް ސްކޫލާ ހަމައަށް އެ މަގު ބަންދުކޮށް، އެ ދެމެދުގައި ހުރި ގަސްތައް ކަނޑަން ފެށުމުންނެވެ.

އަމީނީ މަގުގެ ގަސްތައް ކަނޑާ މައްސަލާގައި އާންމުންނާއި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުގެ ފާޑުކިޔުން ވެސް ސަރުކާރަށް އަމާޒުވި އެވެ.

އަމީނީމަގު ހެދުމަށްޓަކައި، އެ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓުވަން ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ވެސް މިދިޔަ މަހު ވަނީ އަނބުރާ ގެންދަވައިފަ އެވެ. ނަޝީދު ހުށަހެޅުއްވީ ގަސްތައް ނުނަގާ އެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އެވެ. މުއިއްޒުއަށް ފަހު އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެއްދެވި އެއް ބޭފުޅަކީ ވެސް ނަޝީދެވެ.

ނަމަވެސް، ސަރުކާރުން ބުނެފައި ވަނީ ގަސްތައް ނަގަނީ އެ ނުނަގައި މަސައްކަތް ކުރެވެން ނެތުމުންނެވެ. އަދި އެ މަގުން ނަގާ ގަސްތައް ގެންގޮސް އެހެން ތަންތަނުގައި އިންދާނެ އެވެ. އޭރު ސަރުކާރުން ބުނި ގޮތުގައި، ގަސްތައް ގެންދިޔައީ ޕިކްނިކް އައިލެންޑް، ކުޑަގިރީގައި އިންދުމަށެވެ.

އަމީނީ މަގު މަރާމާތުކޮށް، އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. އެ މަސައްކަތް ހަވާލުކުރީ 87 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ނިމޭނެ ކަމަށް އެންމެފަހުން ސަރުކާރުން ދިން ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހެވެ.