Roadha Mihaaru
ކައުންސިލްތަކަށް 134 މިލިއަން ރުފިޔާ ދީފި

ކައުންސިލްތަކަށް ކަނޑައެޅި ފައިސާގެ ތެރެއިން 134 މިލިއަން ދީފި

23 ޖެނުއަރީ 2020

ދައުލަތުގެ މި އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ކަނޑައެޅި 1.6 ބިލިއަން ރުފިޔާގެ ތެރެއިން 134 މިލިއަން ރުފިޔާ ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތުގެ މި އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ކަނޑައެޅި 1.6 ބިލިއަން ރުފިޔާގެ ތެރެއިން 134 މިލިއަން ރުފިޔާ ކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްދީފި އެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކައުންސިލްތަކަށް މި ފަހަރު ޖަމާކުރި 134 މިލިއަން ރުފިޔާ އަކީ އަކީ އާއްމު ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ދޭ އެހީގެ ފުރަތަމަ ޕޭމަންޓް ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ކަނޑައެޅުމުން، ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 148 ޕަސެންޓަށް އިތުރުވާނެ އެވެ. އަދި އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 155 ޕަސެންޓަށް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 433 ޕަސެންޓަށް އިތުރުވާނެ ކަމަށް ބަޖެޓުގައިވެ އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެހީގެ ގޮތުގައި ކަނޑައެޅި 1.6 ބިލިއަން ރުފިޔާ ހާއްސަ ކޮށްފައި ވަނީ، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓާއި ބިމު ކުލީގެ 40 ޕަސެންޓާއި އެ ރަށެއްގެ އިހްތިސާސްގައިވާ ހުރިހާ ތަނަކުން ލިބޭ ކުއްޔާއި އިތުރު ފީތަކުގެ 100 ޕަސެންޓް ކައުންސިލްތަކަށް ދިނުމާ އެކުގަ އެވެ.

ކައުންސިލްތަކަށް ފައިސާ ބެހޭނެ ކަމަށް ބެލެވޭ ގޮތް

- 500 އަށް ވުރެ އާބާދީ މަދު ރަށްތަކުގެ ކައުންސިލްތަކަށް 3.8 މިލިއަން ރުފިޔާ.

- 1000-500އާ ދެމެދު އާބާދީ ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް 5.4 މިލިއަން ރުފިޔާ.

- 2000-1000އާ ދެމެދުގެ އާބާދީގެ ރަށަކަށް 7.9 މިލިއަން ރުފިޔާ.

- 5000-2000 ދެމެދެ އާބާދީގެ ރަށަކަށް 13.3 މިލިއަން ރުފިޔާ.

- 5000 އިން މަތީގެ އާބާދީތަކަށް 33 މިލިއަން ރުފިޔާ