Roadha Mihaaru
ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދޭން ނިންމަވައިފި

ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދޭން ނިންމަވައިފި

31 ޑިސެމްބަރ 2019

ހދ. ކުޅުދުއްފުށްޓަށް ސިޓީގެ ދަރަޖަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހދ. ކުޅުދުއްފުށްޓަށް ސިޓީގެ ދަރަޖަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަމާ ފެށޭ އާ އަހަރާ އެކު، ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުސޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށެވެ.

އެކަން އިއުލާން ކުރައްވައި ރައީސް ކުރެއްވި ޓްވީޓް---

ސިޓީއަކަށް، ކުޅުދުއްފުށި ބަދަލުވުމާ އެކު ހދ. އަތޮޅު ވެރިކަން ކުރާރަށް ބަދަލުވާނެ އެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އަދި ނޭނގެ އެވެ.

ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އެރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ގާނޫނު ބުނާގޮތުން، އެ އަދަދަށް މީހުން ހަމަވެއްޖެ ނަމަ ސިޓީއެއްގެ ދަރަޖަށް ދެވޭނެ އެވެ. އެ ރަށް ސިޓީ އަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިއުލާން ކުރިއިރު، ކުޅުދުއްޓަށް އިންތިޚާބު ކުރަން ނިންމާފައި ވަނީ ރަށު ކައުންސިލެކެވެ. އެހެންވެ، އެ ރަށުގެ ރައްޔިތުން ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. އިހުތިޖާޖު ކުރަން ވެސް ނިންމި އެވެ.

އާ ބަދަލާ އެކު، ކުޅުދުއްފުއްޓަށް މޭޔަރެއްގެ އިތުރުން ހަތް ކައުންސިލަރުން އިންތިޚާބު ކުރާނެ އެވެ.

މިހާރު ރާއްޖޭގެ ސިޓީ ތަކަކީ މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކެވެ.