Roadha Mihaaru
ޔާމީން ވެރިކަމަށް އައުމަށް ބަންދުވި ދޮރު ހުޅުވިއްޖެ

ޔާމީން ވެރިކަމަށް އައުމަށް ބަންދުވި ގާނޫނީ ދޮރު ހުޅުވިއްޖެ

30 ނޮވެމްބަރ 2021

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ އެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ތަނަވަސްވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ އެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ތަނަވަސްވެއްޖެ އެވެ.

ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019ގަ އެވެ.

އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ޔާމީނަށް އިއްވީ ބޭއިންސާފު ހުކުމެއް ކަމަށް ބުނެ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓީ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމާ އެކު އެ މަނިކުފާނު މިއަދު ވަނީ ސަލާމަތްވެފަ އެވެ.

މި ވެރިކަމުގެ ކުރީކޮޅު، ޔާމީނަށް ދައުވާ އުފުލައި އިއްވި ހުކުމާ އެކު އެ މަނިކުފާނުގެ ސިޔާސީ މަސައްކަތްތައް ހުއްޓުނީ އެވެ. އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން، ޕާޓީގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިނުގެންނެވުމުގެ އިތުރުން އެންމެ ބޮޑު ބިރަކަށް އޮތީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ގާނޫނީ ދޮރު ވަނީ ހުޅުވިފަ އެވެ.

ޖިނާއީ ހުކުމެއްގައި ހުންނެވުމުން އިންތިހާބުގައި ވާދަކުރައްވަން ޔާމީނަށް އޮތް ހުރަހަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. އެވެ.

އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތައް ކަނޑައަޅާފައިވާ އެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު 2023 ގެ އިންތިހާބުގައި ވާދަކުރަން ޔާމީނަށް މިހާރު ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތަށް ހާޒިރުވުމުގެ ކުރިން، ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާއަޅާލަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތަށް ހާޒިރުވުމުގެ ކުރިން، ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހަނާއަޅާލަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޔާމީން ޖަލަށް ލުމާ އެކު ވެސް އިދިކޮޅުން ބުނަމުން އައީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. އެ މަނިކުފާނަށް ނުހައްގު ޖަލު ހުކުމެއް އިއްވީ ސިޔާސީ ކުރިމަގު މަރާލައި އިންތިހާބުގެ ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގެ ކުރިން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވެފައި ވަނީ، އަދުލުވެރި ޝަރީއަތެއް ކުރެވިއްޖެ ނަމަ އެމަނިކުފާނު ސަލާމަތް ވާނެ އެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނީ ޔާމީން ޖަލަށް ލުމަށް ހުކުމްކުރުމުގައި އަސްލަކަށް ބެލި، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. މައްސަލަ ދިރާސާކުރި އިރު، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައި ވަނީ އެސްއޯއެފަށް ޖަމާވި ވޮޑަމުލާގެ ޗެކްކަން ވަނީ އެނގިފައި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް ޔާމީންގެ މައްސަލާގައި މި ޗެކް ހުށަހަޅައިފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތުމެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީން މިނިވަންވިޔަސް އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ.