Roadha Mihaaru
ޔާމީން ވާދަކުރައްވަން ގާނޫނީ ޝަރުތެއް އުނިވެއްޖެ

ޔާމީން، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް އުނިވެއްޖެ

25 ޑިސެމްބަރ 2022

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް، އެ މަނިކުފާނަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމާ އެކު އުނިވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް، އެ މަނިކުފާނަށް މިއަދު ކްރިމިނަލް ކޯޓުން އިއްވި ހުކުމާ އެކު އުނިވެއްޖެ އެވެ.

ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

ދައުލަތުން އެދުނީ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލުމަށެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކުރުމަށެވެ.

ދައުލަތުން އެގޮތަށް އެދުނަސް ޝަރީއަތުން އެ މަނިކުފާނަށް ދެ ދައުވާއާ ގުޅިގެން އިއްވީ ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެކެވެ.

ޔާމީނަށް އިއްވި މި ހުކުމާ އެކު ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުންނަން ޖެހޭ ޝަރުތު ކަމަށް ގާނޫނުއަސާސީގައި ބުނާ ޝަރުތެއް އުނިވީ އެވެ.

ޖިނާއީ ހުކުމެއް ސާބިތުވުމުން އިންތިހާބުގައި ވާދަކުރައްވަން އޮތް ހުރަހަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ޅ. އެވެ.

އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތައް ކަނޑައަޅާފައިވާ އެ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން އެއް އަހަރަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.

އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ޔާމީނަށް ކުރިން ވެސް ބަންދުވި އެވެ. އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައި ކުރިން ކުރި މަނީ ލޯންޑްރިންގެ ދައުވާގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ހެދި އެވެ. އެކަމަކު އެ މަނިކުފާނަށް އިއްވި އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ އެކު މިއަދާ ހަމައަށް ވާދަކުރެއްވުމުގެ ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ.

ރިޔާސީ އިންތިހާބާ ދެމެދު ދެން އޮތީ، ނުވަ މަސް ދުވަހެވެ. ޕީޕީއެމުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައި ޔާމީނަށް އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށާއި މިއަދުގެ ހުކުމާ އެކު ވެސް ރިޔާސީ އިންތިހާބުގެ ފުރުސަތު ގެއްލިއްޖެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ޕީޕީއެމުން ރިޔާސީ ޓިކެޓް ޔާމީނަށް އެރުވީ ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ސެނެޓުން ނިންމައިގެންނެވެ.

ޔާމީނަށް އިއްވި ހުކުމާ އެކު އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ބަންދުވިޔަސް ޕީޕީއެމުން ތަކުރާރުކޮށް، ބުނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. މި ހުކުމަކީ އިންޑިއާ އިން ނުފޫޒު ފޯރުވައިގެން އިއްވި ސިޔާސީ ހުކުމެއް ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

ޔާމީނަށް އިއްވީ ނާއިންސާފުން އިއްވި ހުކުމެއް ކަމަށް ބުނެ ޕީޕީއެމާއި ޕީއެންސީން އެ ހުކުމް ގަބޫލެެއް ނުކުރެ އެވެ.

އެ ކޯލިޝަނުން ބުނީ މި ހުކުމުން ޔާމީން މިނިވަންކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ޕާޓީން ކުރާނެ ކަމަށާއި އިންތިހާބުގައި ވާދަކުރެއްވުމުގެ ވެސް ފުރުސަތު ފަހިވާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނީ ޔާމީން ކަމަށާއި އެ ނޫން ވިސްނުމެއް އަދި އެ އަމާޒަށް ނޫން މަގަކަށް މަސައްކަތް ވެސް ނުކުރާނެ ކަމަށެވެ.

އެ ޕާޓީން ބުނި ގޮތުގައި "ދޭތިން އެކައްޗަށް" ނުކުމެ ޔާމީން މިނިވަންކުރާނެ އެވެ.

ޕީޕީއެމުން އެދުނީ އެ ކޯލިޝަންގެ އާއްމު މެމްބަރުން އުއްމީދު ގެއްލުވާ ނުލުމަށެވެ. ޔާމީންގެ ނަން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެ ކަމުގެ ޔަގީންކަން ދެ އެވެ.