Roadha Mihaaru
ނަޝީދު "މިވަރުގެ" ސެކިއުރިޓީއެއް ބޭނުންފުޅެއް ނުވޭ

މިހާ ބޮޑު ސެކިއުރިޓީއެއް އޮންނާކަށް ނޭދެން، ސަލާމަތްތެރިކަން ވެސް ބޭނުން: ނަޝީދު

01 ޑިސެމްބަރ 2021

ރައްކާތެރިކަމަށް މި ވަރުގެ ސެކިއުރިޓީއެއް އެދިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ސަލާމަތާއި ރައްކާތެރިކަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްކާތެރިކަމަށް މި ވަރުގެ ސެކިއުރިޓީއެއް އެދިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ސަލާމަތާއި ރައްކާތެރިކަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބޭއްވި "އާސްކް ސްޕީކާ" ޝޯ ގައި ބައެއް މީހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގެ ރައީސަށް ސަރުކާރުން ހާއްސަކުރި ވަގުތީ ގެކޮޅުގެ ކުރިމަތީގައި އެއްވެސް ގޮތަކަށް މަޑުކުރުން މަނާކަން އަންގައިދޭ ނިޝާން "ރަތް ރޮނގު" ދަމައިގެން ވަރުގަދަ ސެކިއުރިޓީއެއް ނަޝީދަށް ދައުލަތުން ދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ މީހަކު ސުވާލު ކުރުމުން ވިދާޅުވީ، އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު، ސެކިއުރިޓީ ވަރުގަދަ ކުރިޔަސް އެއީ އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނުގެ ސެކިއުރިޓީއާ ގުޅޭގޮތުން ނަޝީދު ފާޑުވިދާޅުވެފައިވާ ކަމަށް މީހަކު ފާހަގަކުރުމުން ނަޝީދު ވިދާޅުވީ، އޭރު ފާޑުވިދާޅުވީ ޖަލުތަކުގައި އިންސާނީ ހައްގުތައް ނަގައިލަމުން ދިއުމާއި ކޮރަޕްޝަންގެ ކަންތައްތަކާ ގުޅިގެން ކަމަށެވެ.

ރޭގެ ޕްރޮގްރާމްގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.

ރޭގެ ޕްރޮގްރާމްގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.

"ފުރަތަމަ ކަމަކަށް އަޅުގަނޑު ނޭދެން އަޅުގަނޑުގެ މިހާ ބޮޑު ސެކިއުރިޓީއެއް އޮންނާކަށް. ނަމަވެސް އަޅުގަނޑު އަނެއްކާ ވެސް ސަލާމަތާ ރައްކާތެރިކަން ވެސް އެބަ ބޭނުންވޭ،" ޓީވީއެމްގެ ސްޓޫޑިއޯގައި އޮތް ޕްރޮގްރާމްގައި ނަޝީދު ވިދާޅުވި އެވެ.

"މަރައިލަން، ކަނޑައެޅިގެން މަރުގެ ތުންފަތް މައްޗަށް ގެނައީމާ، އަދި ކިރިޔާ ސަލާމަތްކަން ލިބުނީމާ އެއީ އަޅުގަނޑުގެ ހިތަށް ވެސް އެތައް ކަމެއް ވަންނަ ކަމެއް. މަރު ގާތްގަނޑަކަށް އަޅުގަނޑު ވި. މާތް ރަސްކަލާނގެ އަމުރުފުޅާއި އިރާދަފުޅުން މިރޭ މި ތަނުގައި އިނދެވެނީ."

އެ ހަމަލާއަށްފަހު މަޖިލީހުން ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ގެކޮޅެއް ހަމަޖައްސައި ދޭން ގާނޫނަށް ބަދަލުގެނެސްފަ އެވެ. އެ ގާނޫނުގެ ދަށުން މަޖިލީހުގެ ރައީސަށް ހާއްސަ ގެކޮޅެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު، މުރައިދޫގޭގައި ނަޝީދު ހުންނަވަނީ ރަސްމީ ގެކޮޅު އިމާރާތްކޮށް ނިމެންދެން ވަގުތީ ގޮތުންނެވެ.