Roadha Mihaaru
ރޯހިތުގެ ފިލްމެެއްގެ އުންމީދުގައި އަހާން

ރޯހިތުގެ ފިލްމެެއްގެ އުންމީދުގައި ސުނިލްގެ ދަރިފުޅު އަހާން

02 ޑިސެމްބަރ 2021

މާދަމާ ރިލީޒްކުރާ ފިލްމު "ތަޅަޕް" އިން ބޮލީވުޑަށް ތައާރަފުވާ އެކްޓަރު އަހާން ޝެޓީ ދެން ސޮއިކުރާ ފިލްމަކަށް ބޭނުމީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެއް ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާދަމާ ރިލީޒްކުރާ ފިލްމު "ތަޅަޕް" އިން ބޮލީވުޑަށް ތައާރަފުވާ އެކްޓަރު އަހާން ޝެޓީ ދެން ސޮއިކުރާ ފިލްމަކަށް ބޭނުމީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެއް ކަމަށް ބުނެފި އެވެ.

މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ރޯހިތަކީ ވަރަށް ކަމުދާ ޑައިރެކްޓަރެއް ކަމަށާއި އޭނާ ދެން ކުޅޭ ފިލްމަކަށް ރޯހިތުގެ ފިލްމެއް ލިބުމަކީ ވަރަށް އުންމީދު ކުރެވޭ ކަމެއް ކަމަށެވެ.

ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" ގެ ޑައިރެކްޓަރު ދެން އެންމެ އަވަހަށް ހަދަން އޮތް ފިލްމަކީ އަޖޭ ދޭވްގަންގެ "ގޯލްމާލް 5" އެވެ. އޭގެ ފަހުން އަޖޭގެ "ސިންގަމް 3" ހަދާނެ އެވެ. ބޮލީވުގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތަކީ ވަރަށް ގިނަ ތަރިން ވިޝް ލިސްޓް ކުރީގައި އުޅޭ ޑައިރެކްޓަރެކެވެ. އޭނަ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން އޮތް ފިލްމަކީ އަންނަ އަހަރުގެ ރިލީޒް ކުރަން އޮތް ރަންވީރު ސިންގްގެ ކޮމެޑީ ފިލްމު "ސާކަސް" އެވެ.

އަހާން ބުނި ގޮތުގައި އޭނަގެ ބައްޕަ މުހިއްމު ރޯލެއް ކުޅުނު 1997 ގެ ހަނގުރާމަ ފިލްމު "ބޯޑާ" އަކީ ރިމެކެއް ކުޅެން ބޭނުންވާ ފިލްމެކެވެ. އަދި 2019 ގައި ރިލީޒްކުރި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ "ވޯ" އަކީ ވެސް ވަރަށް ކަމުދިޔަ ފިލްމެއް ކަމަށް ބުންޏެވެ.

"ވޯގައި ރިތިކް ކުޅުނު ކެރެކްޓާ ވަރަށް ބޭނުން އޭގެ ރިމޭކެއްގައި ކުޅެލަން." ބަތަލާ އާތިޔާ ޝެޓީގެ ކޮއްކޮ ބުންޏެވެ.

އަހާން، 25، ގެ ފުރަތަމަ ފިލްމު "ތަޅަޕް" އަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ. މިލަން ލުތުރިއާ ޑައިރެޓް ކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ ތާރާ ސުތާރިއާ އެވެ. ސުނިލް ވެސް ރޯލެއް ކުޅެފައިވާ "ތަޅަޕް" އަކި އޭނާގެ ގާތް އެކުވެރިޔާ އަދި މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި ނަދިއަދުވާލާ ގްރޭންޑްސަން އިން ހަދާފައިވާ އެއްޗެކެވެ.

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަހާން އަށް ވަނީ އަކްޝޭއާ އެކު ފިލްމެއް ކުޅެން ފުރުސަތު ލިބިފަ އެވެ. އެކަމަކު އެކަން މުޅިން ސާފެއް ނުވެ އެވެ.