Roadha Mihaaru
އަލަތު ފިލްމާ އެކު ދަރިފުޅަށް ސުނިލްގެ ނަސޭހަތެއް

އަލަތު ފިލްމާ އެކު ފިރިހެން ދަރިފުޅަށް ސުނިލްގެ ނަސޭހަތެއް

06 ޑިސެމްބަރ 2021

މަސައްކަތްކުރަން ވާނީ ތެދުވެރިކަމާ އެކީގައި ކަމަށާއި އަމާޒުވާ ފާޑުކިޔުންތައް ބަލައިގަތުމަކީ ކުރިއަށްދާން ލިބޭ ހިތްވަރެއްގެ ގޮތުގައު ދެކެން ޖެހޭނެ ކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ފރިހެން ދަރިފުޅު އަހާން ޝެޓީގެ ފުރަތަމަ ފިލްމު "ތަޅަޕް" ރިލީޒްކުރުމާ އެކު ހިތްވަރުދީ ނަސޭހަތް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސައްކަތްކުރަން ވާނީ ތެދުވެރިކަމާ އެކީގައި ކަމަށާއި އަމާޒުވާ ފާޑުކިޔުންތައް ބަލައިގަތުމަކީ ކުރިއަށްދާން ލިބޭ ހިތްވަރެއްގެ ގޮތުގައު ދެކެން ޖެހޭނެ ކަމަށް ބުނެ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ފރިހެން ދަރިފުޅު އަހާން ޝެޓީގެ ފުރަތަމަ ފިލްމު "ތަޅަޕް" ރިލީޒްކުރުމާ އެކު ހިތްވަރުދީ ނަސޭހަތް ދީފި އެވެ.

ހުކުރު ދުވަހު ފިލްމު ރިލީޒްކުރުމާ ދިމާކޮށް އަހާން، 25، ގެ ކުޑައިރުގެ ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި ސުނިލް ބުނީ ތެދުވެރިމާ އެކު މަސައްކަތްކުރާ ނަމަ ބެލުންތެރިން އެ މީހަކު ބަލައި ގަންނާނެ ކަމަށެވެ.

"ފާޑުކިޔުންތަކަށް ހިތްބަރުކުރާކަށް ނުޖެހޭ. އެއީ ރަނގަޅުކުރަން ލިބޭ ފުރުސަތެއް. ހަމައެއާ އެކު ކާމިޔާބީއާ މެދު ބޮޑާވާކަށް ވެސް ނުޖެހޭ. އެއި އެތައް ބައެއްގެ ހެޔޮދުއާ." އޭނާ ބުންޏެވެ.

ދަރިފުޅަށް ހިތްވަރުދީ ނަސޭހަތް ދެމުން ސުނިލް ބުނީ އަބަދު ވެސް މަސައްކަތްކުރަން ވާނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކީގައި ކަމަށާއި އަބަދު ވެސް ހިތްތިރި މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

"މަސައްކަތްކުރަން ވާނީ އާންމުންގެ ލޯބި ހޯދަން. ކާމީބީއަށް އެދެން. އަދި ވަރަށް ލޯބިވޭ." އޭނާ ބުންޏެވެ.

އަހާންގެ ފުރަތަމަ ފިލްމަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ. ތާރާ ސުތާރިއާ ބަތަލާގެެ ރޯލު ކުޅެފައިވާ މި ފިލްމަކީ ވައިލަންޓް ލަވް ސްޓޯރީއެކެވެ. ގިނަ ފިލްމު ކްރިޓިކުން ބުނެފައިވާ ގޮތުގައި އުންމީދުކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް ފުރަތަމަ ފިލްމުގައި އަހާންގެ އެކްޓިން ރަނގަޅެވެ. އަދި އޭނާ ފިލްމަށް ކޮށްފައިވާ މަސައްކަތް ފުރިހަމަ ކަމަށާއި "ތަޅަޕް" އަކީ އަހާން ބޮލީވުޑްގައި ފައިތިލަ ސާބިތުކުރަން ހިތްވަރު ލިބޭ ވަރުގެ ފިލްމެއް ކަމަށް ބުންޏެވެ.

ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "ތަޅަޕް" ގެ ވާހަކަގައި މާ ބޮޑު އާ ކަމެއް ނެތަސް، ފިލްމު ބަލާހިތްވާ ޝައުގުވެރި އެއްޗަކަށް ހަދައި ދިނީ އަހާން އާއި ތާރާގެ އެކްޓިން އެވެ. އެގޮތުން ދެ ތަރިން ވެސް އެ މީހުންގެ ރޯލުތައް ވަރަށް މޮޅަށް އަދާކޮށްފައިވާ ކަމަށް ބުންޏެވެ.

ކުރިން ހީކުރި ވަރަށް ވުރެ ރަނގަޅަށް ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު "ތަޅަޕް" އަށް ތަރަން ދީފައި ވަނީ ފަހެކުން ތިނެއް ބައިގެ ރޭޓިންއެކެވެ.