Roadha Mihaaru
އަހާން އަށް ރާކޭޝްގެ ވަރަށް ހާއްސަ ފޯން ކޯލެއް!

އަހާން އަށް ރާކޭޝްގެ ވަރަށް ހާއްސަ ފޯން ކޯލެއް!

30 ޖެނުއަރީ 2022

މިދިޔަ މަހު ރިލީޒްކުރި ކާމިޔާބު ފިލްމު "ތަޅަޕް" އިން ބޮލީވުޑަށް ނުކުތް ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ އަށް، އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ފަރާތުން ލިބުނު ފޯނު ކޯލުން ވަރަށް ހާއްސަ ކަމެއް އަހާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ރިލީޒްކުރި ކާމިޔާބު ފިލްމު "ތަޅަޕް" އިން ބޮލީވުޑަށް ނުކުތް ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ އަށް، އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ފަރާތުން ލިބުނު ފޯނު ކޯލުން ވަރަށް ހާއްސަ ކަމެއް އަހާން ބުނެފި އެވެ.

އުމުރުން 25 އަހަރުގެ އުންމީދީ އެކްޓަރު މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ ރާކޭޝް ގުޅީ "ތަޅަޕް" ގެ ޓްރެއިލާ ލޯންޗްކުރި ދަނޑިވަޅު ކަމަށެވެ. އަދި އޭނާ އަކީ ފިލްމު އިންޑަސްޓްރީގެ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ގުޅާފައި ޓްރެއިލާ އަށް ތައުރީފުކޮށް ހިތްވަރުން ދިން މީހާ ކަމަށް ވެސް އަހާން ބުންޏެވެ.

"އެއްގޮތަކަށް ވެސް އުންމީދުކުރި ކޯލެއް ނޫން އެއީ. އެކަމަކު ޓްރެއިލާ ބަލާފައި އަހަރެންގެ އެކްޓިން ވަރަށް ރަނގަޅު ކަމަށް ރާކޭޝް ސާ ކަހަލަ މޮޅު ޑައިރެކްޓަރު ބުނުންވެގެން ދިޔައީ ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް އަދި ޝަރަފަކަށް،" އަހާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރާކޭޝްއާ ދެކެވުނު ވާހަކަތަކުގެ ތެރޭގައި ކުރިއަށް ދާންވީ ގޮތުގެ ބައެއް ނަސޭހަތްތަކާއި އަދި ރަނގަޅަށް މަސައްކަތްކޮށްފި ކުރިމަގު ވަރަށް އުޖާލާ އެކްޓަރެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ބުނި ކަމަށް އަހާން ބުންޏެވެ.

"ރާކޭޝް ސާގެ ކޯލު އަބަދު ވެސް ހަނދާނުގައި ހުންނާނެ. ވަރަށް އުންމީދު ވެސް ކުރަން ކޮންމެވެސް ހިސާބެއްގައި އެކީގައި މަސައްްކަތް ވެސް ކުރަން ލިބޭނެ ކަމަށް،" އޭނާ ބުންޏެވެ.

މިދިޔަ މަހުގެ 3 ގައި ރިލީޒްކުރި "ތަޅަޕް" އަކީ މިދިޔަ އަހަރު ސިނަމާތަކުގައި ރިލީޒްކުރި މަދު ފިލްމުތަކުގެ ތެރެއިން ވިޔަފާރި އެންމެ ރަނގަޅު އެއް ފިލްމެވެ. މިލަން ލުތުރިއާ ޑައިރެކްޓްކުރި ފިލްމުގައި އަހާން ދެއްކި އެކްޓިން އަށް ވަރަށް ގިނަ ބަޔަކު ތައުރީފުކުރި އެވެ. އޭގެ ތެރޭގައި ގިނަ ކްރިޓިކުން ވެސް ހިމެނެ އެވެ.

ތާރާ ސުތާރިއާ ބަތަލާގެ ރޯލު ކުޅުނު "ތަޅަޕް" އަކީ 2018 ގެ ތެލެގޫ ފިލްމު "އާރްއެކްސް 100" ގެ ރިމޭކެކެވެ.

"ތަޅަޕް" އަށް ފަހު އަހާން ދެން ކުޅޭނެ ފިލްމެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އޭނާ އަށް އަންނަނީ މިހާރު ގިނަ ހުށަހެޅުންތައް ލިބެމުންނެވެ.