Roadha Mihaaru
ބާބިލްއާ އެކު ވައިއާރްއެފްގެ "ދަ ރެއިލްވޭމެން"

ބާބިލްއާ އެކު ވައިއާރްއެފްގެ ފުރަތަމަ ވެބް ސީރީޒަކަށް "ދަ ރެއިލްވޭމެން"

03 ޑިސެމްބަރ 2021

އިންޑިއާގެ އެންމެ ބޮޑު އެއް ފިލްމު ސްޓޫޑިއޯ ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ތައާރަފު ކުރާ ސްޓްރީމިން ޕްލެޓްފޯމަށް ހަދާ ފުރަތަމަ ސީރީޒް "ދަ ރެއިލްވޭމެން: ދި އަންޓޯލްޑް ސްޓޯރީ އޮފް ބޯޕާލް 1984" ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާނާ އެކު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެންމެ ބޮޑު އެއް ފިލްމު ސްޓޫޑިއޯ ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ތައާރަފު ކުރާ ސްޓްރީމިން ޕްލެޓްފޯމަށް ހަދާ ފުރަތަމަ ސީރީޒް "ދަ ރެއިލްވޭމެން: ދި އަންޓޯލްޑް ސްޓޯރީ އޮފް ބޯޕާލް 1984" ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާނާ އެކު އިއުލާންކޮށްފި އެވެ.

އަދިތިޔާ ޗޯޕްޅާގެ ކުންފުނީގެ ފުރަތަމަ ވެބް ސީރީޒްގެ މައިގަނޑު އެއް ބަތަލަކީ މިދިޔަ އަހަރު މަރުވި އިރުފާންގެ ދަރިފުޅު ބާބިލްކަން ކަށަވަރުކޮށް ދީފައި މި ވަނީ އޭނާ އެ ސްޓޫޑިއޯގެ ޕްރޮޖެކްޓަކަށް ސޮއިކުރި ވާހަކަ އޮކްޓޯބަރު މަހުގެ ތެރޭގައި ބައެއް މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައި ވަނިކޮށެވެ. ބާބިލް އެކްޓިން އަށް ތައާރަފުކުރާ ފިލްމަކީ ނެޓްފްލިކްސް އަށް ހަދާ "ގަލާ" އެވެ. މި ފިލްމަކީ ބަތަލާ އަނުޝްނާ ޝަރުމާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އަށް އަންވިތާ ދަތު ޑައިރެކްޓްކުރާ އެއްޗެކެވެ.

މި އަހަރުގެ ކުރީކޮޅު އިއުލާންކުރި "ގަލާ" ގެ ބަތަލާ އަކީ ޓްރިޕްތީ ދިމްރީ އެވެ.

ވައިއާރްއެފްގެ ސްޓްރީމިން ޕްލެޓްފޯމްގެ ފުރަތަމަ ވެބް ސީރީޒް "ދަ ރެއިލްވޭމެން" ގެ ކާސްޓްގައި އާރް މާދުވަން، ކޭކޭ މެނަން އަދި ދިވްޔަންޑޫ ވެސް ހިމެނެ އެވެ. މިއީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝިވް ރާވައިލް ހަދާ އެއްޗެކެވެ. އޭނާ އަކީ "ލަވް ސްޓޯރީ" އާއި "ބޭތާބު" އަދި "ސަމަންދަރު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރާހުލް ރަވައިގެ ދަރިއެކެވެ.

"ދަ ރެއިލްވޭމެން" އަކީ 1984 ގައި ބޯޕާލްގެ ގޭސް ޕްލާންޓަކުން ލީކްވެ، އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ވެއްޓުނު ހިތާމަވެރި ހާދިސާ އަށް ބިނާކޮށް ހަދާ އެއްޗެކެވެ. މި ސްޓްރީމްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު 2 ގަ އެވެ.

"ދަ ރެއިލްވޭމެން" ގެ އިތުރުން ވައިއާރްއެފުން މިހާރު އޮތީ އިތުރު ހަތަރު ސީރީޒެއްގެ މަސައްކަތް ވެސް ފަށައިފަ އެވެ. އެކަމަކު އެ އެއްޗިއްސާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ވައިއާރްއެފުން ލޯންޗްކުރާ ސްޓްރީމިން ޕްލެޓްފޯމްގެ ނަމަކީ ވައިއާރްއެފް އެންޓަޓައިންމަންޓެވެ.