Roadha Mihaaru
މިސް ވޯލްޑް މަނޫޝީގެ ފުރަތަމަ ފިލްމުގެ ޓީޒާއެއް

މިސް ވޯލްޑް މަނޫޝީ ބޮލީވުޑަށް ނެރޭ ފިލްމުގެ ޓީޒާއެއް ދައްކާލައިފި

16 ނޮވެމްބަރ 2021

ކުރިގެ މިސް ވޯލްޑްގެ ތާޖު ހޯދި މަނޫޝީ ޗިލާރް ބޮލީވުޑަށް ނެރޭ އަކްޝޭ ކުމާރުގެ ފިލްމު "ޕްރިތުވީރާޖް" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިގެ މިސް ވޯލްޑްގެ ތާޖު ހޯދި މަނޫޝީ ޗިލާރް ބޮލީވުޑަށް ނެރޭ އަކްޝޭ ކުމާރުގެ ފިލްމު "ޕްރިތުވީރާޖް" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ބޮޑު ބަޖެޓަކުން ހަދާފައިވާ މި ފިލްމަކީ އިންޑިއާގެ ކުރީގެ ރަސްކަަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހާންގެ ވާހަކަ ކިޔައިދޭ ތާރީހީ ހަނގުރާމަ ފިލްމެކެވެ. އަކްޝޭ ޓައިޓްލް ރޯލު ކުޅެފައިވާ "ޕްރިތުވީރާޖް" ލިޔެ، ޑައިރެކްޓްކުރީ ޗަންދުރަޕްރަކާޝް ދިވެދީ އެވެ.

މި ފިލްމުގައި މަނޫޝީ، 24، ގެ ކެރެކްޓާ އަކީ ރާނީ ސަނިއޮގީތާގެ ރޯލެވެ. ކާސްޓްގައި ސަންޖޭ ދަތާއި ސޯނޫ ސޫދުގެ އިތުރުން އަޝުތޯޝް ރާނާ އާއި މަޝްހޫރު ޓީވީ ބަތަލާ ސާކްޝީ ތަންވަރާއި ލަލިތު ތިވާރީ ވެސް ހިމެނޭ "ޕްރިތުވީރާޖް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޖެނުއަރީ 21 ގަ އެވެ.

މި ފިލްމަކީ ކުރިން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭ ގޮތަށް އިއުލާންކުރި ފިލްމެކެވެ. އެކަމަކު ކޮވިޑް-19 އާ ހެދި މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ.

މަނޫޝީގެ އަލަތު ފިލްމުގެ ޓީޒާއެއް ދައްކައިލި އިރު، އޭނާ ވަނީ ވައިއާރްއެފްގެ އެހެން ފިލްމެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ. އެއީ ޒުވާން އެކްޓަރު ވިކީ ކޯޝަލާ އެކު ކުޅެފައިވާ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ. އޭގެ ޑައިރެކްޓަރަކީ "ދޫމް 3" އާއި "ތަގްސް އޮފް ހިންދުސްތާން" ގެނެސްދިން ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވައިއާރްއެފުން އޮތީ މަނޫޝީއާ އެކު ތިން ފިލްމެއްގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެގޮތުން ތިން ވަނަ ފިލްމަކީ ބަތަލާ އަނަންޔާ ޕާންޑޭގެ ކަޒިން އަހާން ޕާންޑޭ ލޯންޗްކުރަން އާ ޑައިރެކްޓަރު ޝިވް ރާވަލް ހަދާ ފިލްމެއް ކަމަށްވެ އެވެ.