Roadha Mihaaru
ސަލްމާންގެ "ސުލްތާން" ގެ ދެވަނަ ބައެއް ހަދާނެ

ސަލްމާންގެ "ސުލްތާން" ގެ ދެވަނަ ބައެއް ހަދާނެ

08 ޖުލައި 2021

ދެހާސް ސޯޅައިގައި ގެނެސްދިން ސަލްމާންގެ ކާމިޔާބު ކުޅިވަރު ފިލްމު "ސުލްތާން" ގެ ދެވަނަ ބައެއް ހަދާނެ ކަމަށާއި އޭގެ ވާހަކަ ވެސް އޮތީ އިތުރު ބަޔަކަށް ގެންދެވޭ ގޮތަށް ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ސޯޅައިގައި ގެނެސްދިން ސަލްމާންގެ ކާމިޔާބު ކުޅިވަރު ފިލްމު "ސުލްތާން" ގެ ދެވަނަ ބައެއް ހަދާނެ ކަމަށާއި އޭގެ ވާހަކަ ވެސް އޮތީ އިތުރު ބަޔަކަށް ގެންދެވޭ ގޮތަށް ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފި އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރި ފިލްމު ރިލީޒްކުރިތާ އަންގާރަ ދުވަހަށް ފަސް އަހަރުވުމާ ގުޅިގެން ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަލީ ބުނީ ސީކްއެލްއަކާ ދޭތެރޭ އޭނާ ވިސްނާތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ.

"ވަރަށް އަވަހަށް އަހަރެން މިކަމާ ގުޅޭ ގޮތުން އާދީ [ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ] އާ މަޝްވަރާކޮށް، ފިލްމުގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތް ވެސް ރާވާނަން. އަދި އެއަށް ފަހު ފިލްމު ސަލްމާނަށް ހުށަހަޅާނަން." އޭނާ ބުންޏެވެ.

އަލީ ބުނި ގޮތުގައި ސަލްމާން ރެސްލިންތެޅުންތެރިއެއްގެ ރޯލު ކުޅުނު "ސުލްތާން" ވަރަށް ކާމިޔާބު ފިލްމަކަށްވީ ވެސް ސަލްމާނާ ހެދި އެވެ. އަދި އެ ނޫން މީހަކާ އެކު އެ ފިލްމު ހަދަން އެއްވެސް އިރެއްގައި ހިޔާލު ވެސް ނުކުރާ ކަމަށް ބުންޏެވެ. "ސުލްތާން" ގެ ވާހަކަ ބިނާކޮށްފައި އޮތީ އިންޑިއާގެ ހަރިއާނާ އަށް ނިސްބަތްވާ ދުނިޔޭގެ ފެންވަރުގެ ކުރީގެ ރެސްލިން ޗެމްޕިއަން ސުލްތާން އަލީ ޚާނަށެވެ.

އޭނާގެ ރޯލު ސަލްމާން ލައްވައި ކުޅުވުމާ ބެހޭ ގޮތުން އަލީ ބުނީ އެ ރޯލު އެންމެ ފުރިހަމަ އަށް ކުޅެވޭނީ ސަލްމާން ފަދަ ޝަހުސިއްޔަތު ވަރުގަދަ އެކްޓަރެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި އެންމެ އުފާވި ކަމަކީ ސަލްމާންގެ ފަރާތުން މޮޅު އެކްޓިން އަށް ނެރެވުމެވެ.

"ސަލްމާންގެ އަސްލު ޕޮޓެންޝަލް ނެރެދެވުނު ފިލްމުތައް އަހަރެން ގަބޫލުކުރާ ގޮތުގައި ނިސްބަތުން މަދު. އަދި ސުލްތާން އަކީ އަހަރެން ގަބޫލުކުރާ ގޮތުގައި ސަލްމާންގެ އެންމެ މޮޅު އެކްޓިންއެއް ފެނިގެން ދިޔަ އެއް ފިލްމަށް ވާނެ." ސަލްމާނާ އެކު އަލަށް ހެދި ފިލްމާ ބެހޭ ގޮތުން އަލީ ބުންޏެވެ.

އޭނާ ބުނީ ކުރިއަށް ފަށަން ހުރި ޕްރޮޖެކްޓްތައް ނިންމާފައި "ސުލްތާން" ގެ ދެވަނަ ބަޔަށް ތައްޔާރުވާނެ ކަމަށެވެ. އަދި އެ ފިލްމަކީ ހަދަން ވަރަށް ބޭނުންވާ އެއްޗެއް ކަމަށް ބުންޏެވެ.

"އަބަދު ވެސް ވަރަށް ބޭނުންވޭ ސަލްމާނާ އެކު މަސައްކަތްކުރަން. އުންމީދުކުރަނީ މާ ލަސްތަކެއް ނުވެ އަނެއްކާ ވެސް އަހަރެމެން ދެ މީހުންނަށް ސެޓަކުން ދިމާވާން ފުރުސަތު ފަހިވެގެން ދާނެ ކަމަށް." އަލީ ބުންޏެވެ.

ދެހާސް ސޯޅައިގައި ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފަސް ފިލްމުގެ ތެރޭގައި ހިމެނޭ "ސުލްތާން" ގެ ބަތަލާ އަކީ ސަލްމާނާ އެކު އަލަށް މަސައްކަތްކުރި އަނުޝްކާ ޝަރުމާ އެވެ.

އެ ފިލްމަށް ފަހު ސަލްމާނާ އެކު އަލީ ވަނީ އިތުރު ދެ ފިލްމެއް ވެސް ގެނެސްދީފަ އެވެ. އެއީ 2017 ގެ "ޓައިގާ ޒިންދާ ހޭ" އާއި 2019 ގެ "ބާރަތު" އެވެ.

އަލީ މި ވަގުތު އަންނަނީ ކެޓްރީނާ ކައިފާ އެކު "ސުޕަ ސޯލްޖާ" ކިޔާ ސުޕަހީރޯ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އަދި "މިސްޓަ އިންޑިއާ" ކިޔާ ޓްރިލޮޖީއެއް ވެސް އޭނާގެ އަތުގައި އެބައޮތެވެ.

މެއި މަހު ގެނެސްދިން "ރާދޭ" އަށް ފަހު ސަލްމާން ފެންނަން ހުރި ފިލްމުތަކުގެ ތެރޭގައި "އަންތިމް" އާއި "ޓައިގާ 3" އަދި ބައިޖާން (ކަބީ އީދު ކަބީ ދިވާލީ) ހިމެނެ އެވެ.