Roadha Mihaaru
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި

ޝާހްރުކް ފިލްމީ މަސައްކަތަށް އަލުން ނުކުތުން މި މަހު 15 ގައި

07 ޑިސެމްބަރ 2021

ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުމާ އެކު ޝާހްރުކްގެ ފިލްމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން މި މަހުގެ 15 ގައި އެ މަސައްކަތް އަލުން ފަށާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުމާ އެކު ޝާހްރުކްގެ ފިލްމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ފަހުން މި މަހުގެ 15 ގައި އެ މަސައްކަތް އަލުން ފަށާ ގޮތަށް ނިންމައިފި އެވެ.

މީޑިއާތަކުން ކުރިން ވެސް، މި މަހުގެ ތެރޭގައި ޝާހްރުކް އަލުން ފިލްމީ މަސައްކަތްތައް ފަށާނެ ކަމަށް ބުނެފައިވެ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ސިދާތު އާނަންދު ޑައިރެކްޓްކުރާ "ޕަތާން" ޝޫޓިން އަލުން މި މަހުގެ 15 ގައި މުމްބާއީގައި ފަށާ އިރު، މަސައްކަތް ކުރިއަށް ގެންދާނީ ސެކިއުރިޓީ ވަރަށް ވަރުގަދަ ސެޓެއްގަ އެވެ. ޝޫޓިން ފެށުމަށް ފަހު މުމްބާއީގައި 15-20 ވަރަކަށް ދުވަހުގެ ޝެޑިއުލްއެއްގައި ކުރިއަށް ގެންދާނެ އެވެ.

މި ޝެޑިއުލްގައި ބަތަލާ ދީޕިކާ ޕަދްކޯން އާއި ޖޯން އަބްރަހަމް ވެސް ބައިވެރިވާނެ އެވެ. ދީޕިކާ މި ވަގުތު ހުރީ ޕްރަބާސްއާ އެކު ކުޅޭ ފިލްމު "ޕްރޮޖެކްޓް ކޭ" އަށް ހައިދަރުއާބާދުގަ އެވެ.

"ޕަތާން" ގެ ޝޫޓިން އަލުން މުމްބާއީގައި ފަށާ އިރު، މީގެ ޝެޑިއުލްއެއް އޮކްޓޯބަރު މަހު ސްޕެއިންގައި ކުރިއަށް ގެންދާ ހަމަޖެހިފައި އޮތެވެ. އެކަމަކު އެ ޝެޑިއުލް ކެންސަލްކޮށް، ޝާހްރުކް ފިލްމީ މަސައްކަތްތައް މެދުކަނޑާލީ އެ މަހުގެ 2 ވަނަ ދުވަހުގެ ރޭ އަރިއަން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމާ ގުޅިގެންނެވެ. އަރިއަން ކަފާލާތުގެ ދަށުން ދޫކުރީ އޮކްޓޯބަރު 30 ގަ އެވެ.

ޝާހްރުކް ދާދި ފަހުން ވަނީ އޭނާ ދެން ކުޅެން އެއްބަސްވާ ފިލްމުތަކުގައި އިންޑިއާ އިން ބޭރުގެ ޝޫޓިން ޝެޑިއުލްތައް ދިގުދެމިގެންދާ ގޮތަށް ނުރޭވުމަށް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ފަރާތުން އެދިފަ އެވެ. އަދި އެގޮތަށް އެދުނީ ވީހާ ވެސް ބޮޑަށް އާއިލާ އަށް ވާނުވާ ބަލަން މުމްބާއީގައި ހުންނަން ބޭނުންވުމެވެ.

"ޕަތާން" ގެ އިތުރުން ޝާހްރުކް އޮތީ ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ލަޔަން" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ފަށައިފަ އެވެ. އަދި މި ދެ ފިލްމު ނިންމާފައި އޭނާ ދެން ކުޅޭ ގޮތަށް އޮތީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެކެވެ.