Roadha Mihaaru
ކޮވިޑް ވެކްސިން މަޖުބޫރުކުރުމާ މެދު ވިސްނަންވެއްޖެ

ކޮވިޑް ވެކްސިން މަޖުބޫރުކުރުމާ މެދު ވިސްނަންވެއްޖެ: އީޔޫ

02 ޑިސެމްބަރ 2021

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވަބާއިން ރައްކާތެރިވުމުގެ ގޮތުން، ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުކުރުމާ މެދު، ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ފުންކޮށް ވިސްނަންވެއްޖެ ކަމަށް، އެ ޖަމާއަތުގެ ވެރިޔާ އުރްސުލާ ވޯން ދޭލަޔާން ވިދާޅުވެއްޖެ އެވެ.

މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ވަބާއިން ރައްކާތެރިވުމުގެ ގޮތުން، ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުކުރުމާ މެދު، ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ފުންކޮށް ވިސްނަންވެއްޖެ ކަމަށް، އެ ޖަމާއަތުގެ ވެރިޔާ އުރްސުލާ ވޯން ދޭލަޔާން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދާދި ފަހުން ދެކުނު އެފްރިކާ އިން ފެނިފައިވާ، ކޮވިޑް ޖައްސާ ވައިރަހުގެ އާ ބާވަތް، އޮމިކްރޯން ފެތުރެމުންދާ ގޮތަށާއި އޭގެ ނުރައްކަލަށް ބަލާއިރު ވެސް، ކޮވިޑް ވެކްސިން މަޖުބޫރުކުރުމާ މެދު ވިލާތުގެ ގައުމުތަކުން ވަރަށް ފުންކޮށް ވިސްނަންޖެހެ އެވެ.

އޮމިކްރޯން ބާވަތުގެ ވައިރަސް ފެތުރެމުންދާ ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައި ވަނީ 24 ގައުމަކުންނެވެ. އެ ބާވަތުގެ ވައިރަސް ވިލާތުގެ ގައުމުތަކުން އެންމެ ފުރަތަމަ ފެނިފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

މީގެ އިތުރުން، މި އަހަރުގެ ފިނި މޫސުން މިހާރު ފެށިގެން ކުރިއަށް ދާއިރު، ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު، ވިލާތުގެ ގައުމުތަކުގައި ވަނީ ވަރަށް ބޮޑަށް މައްޗަށް ދާން ފަށައިފަ އެވެ. އެހެންކަމުން، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެ ގައުމުތަކުގައި މިހާރު ވަނީ ވަރަށް ބޮޑަށް ހަރުކަށި ކޮށްފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން ބަލި ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް އަލާމާތްތައް ފެނިފައިވާ މީހުންގެ ހަށިގަނޑުން މާ ނުރައްކާތެރި ކަންތައްތަކެއް ނުފެނެ އެވެ. އެހެން ނަމަވެސް، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހަކީ މާ ބާރުގަދަ ބާވަތެއްގެ ކޮވިޑް ވައިރަހެއް ކަމަށް ބުނެ ބައެއް ގައުމުތަކުން އަންނަނީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

ވިލާތުގެ ގައުމުތަކުގައި ކޮވިޑް ބަލި ފެތުރޭ ނިސްބަތް މަތިވަމުންދާ އިރު، އެ ގައުމުތަކުގައި ތިން ބައިކުޅަ އެއްބައި މީހުން އަދިވެސް ތިބީ ކޮވިޑް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖަހަ އެވެ. އެހެންކަމުން، ކޮވިޑް ވެކްސިން ވިލާތުގެ ގައުމުތަކުގައި ކޮވިޑް ވެކްސިން މަޖުބޫރުކުރުމަކީ ވެސް ގޮންޖެހުން ބޮޑު ކަމަކަށް ވަނީ ވެފަ އެވެ.

ވިލާތުގެ އިއްތިހާދުގެ ވެރިޔާ އުރްސަލާ ވިދާޅުވި ގޮތުގައި، ކޮވިޑް ވެކްސިން މަޖުބޫރު ކުރުމަށް އެ އިއްތިހާދުން ނުނިންމި ކަމުގައި ވިޔަސް، ވަކިވަކި ގައުމުތަކަށް މިހާރު ވެސް އެކަން ކުރެވޭނެ އެވެ. އެ ގޮތުން ގްރީސްގައި މިހާރު ވެސް ވަނީ ކޮވިޑް ވެކްސިން މަޖުބޫރުކޮށް، ވެކްސިން ނުޖަހައި ބޭރަށް ނުކުމެ އުޅޭ، 60 އަހަރުން މަތީގެ ކޮންމެ މީހަކު، މަހަކު 100 ޔޫރޯ އިން ޖޫރިމަނާ ކުރަން ފަށައިފަ އެވެ.

އޭގެ އިތުރުން މިފެށޭ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން، އޮސްޓްރިއާގައި ވެސް ކޮވިޑް ވެކްސިން މަޖުބޫރު ކުރުމަށް އެ ގައުމުން މިހާރު ވަނީ ނިންމައިފަ އެވެ. އަދި ޖަރުމަން ވިލާތުގައި ވެސް ކޮވިޑް ވެކްސިން މަޖުބޫރުކުރުމާ މެދު، އެ ގައުމުގެ ސިޔާސީ އިސް ފަރާތްތަކުގެ މެދުގައި މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.