Roadha Mihaaru
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން

އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން

20 ސެޕްޓެމްބަރ 2022

އެމެރިކާގައި ހަލުވިކަމާއެކު ފެތުރި މިލިއަނަކަށް ވުރެ ގިނަ މީހުން މަރުވި ކޮވިޑް-19 ވަބާ، އެ ގައުމުގައި ނިމުމަކަށް އަތުވެއްޖެކަން އެ ގައުމުގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރައްވައިފި އެވެ.

އެމެރިކާގައި ހަލުވިކަމާއެކު ފެތުރި މިލިއަނަކަށް ވުރެ ގިނަ މީހުން މަރުވި ކޮވިޑް-19 ވަބާ، އެ ގައުމުގައި ނިމުމަކަށް އަތުވެއްޖެކަން އެ ގައުމުގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރައްވައިފި އެވެ.

ސީބީއެސް ޓީވީ އިން މިދިޔަ އާދީއްތަ ދުވަހު ދެއްކި، އިންޓަވިއެއްގައި ރައީސް ބައިޑެން ވިދާޅުވީ ކޮވިޑްގެ މައްސަލަތައް އެމެރިކާގައި ހުއްޓަސް، އެގައުމުގައި އޮތް ވަބާގެ ހާލަތު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ބައިޑެން މިމޭރުމުން ވާހަކަ ދެއްކެވި އިރު، މިހާރު ވެސް ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް އެ ގައުމުގައި ކޮވިޑް ޖެހެމުންދާ ކަން ރެކޯޑްތަކުން ދައްކަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑާ ދެކޮޅަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އަދިވެސް އެބަހުއްޓެވެ. އެހެން ނަމަވެސް، މިހާރު ވަބާގެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށާއި، މިހާރު އެމެރިކާގައި އެކަކުވެސް ކޮވިޑުން ރައްކާތެރިވުމަށް މާސްކް އަޅައިގެން އުޅޭ މަންޒަރު ވެސް ނުފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އުފެއްދި ވެކްސިންތައް، މިދިޔަ އަހަރުގެ ތެރޭގައި ބޭނުންކުރަން ފެށުމާ ގުޅިގެން، އެ ބަލީގައި ހާލު ބޮޑުވެ މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް މިހާރުވެސް އެ ގައުމުގައި އެވްރެޖް ގޮތެއްގައި ކޮންމެ ދުވަހަކު ވެސް 400 މީހުން، ކޮވިޑް ބަލީގައި މަރުވާ ކަމަށް، އެ ގައުމުގެ ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކަ އެވެ.

ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ދާން ފެށުމާ ގުޅިގެން، ރައީސް ބައިޑެންގެ ސަރުކާރުން ދޭން ފަށާފައިވާ ލުއިތަކާ މެދު އެ ގައުމުގެ އާންމު ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މާ ބޮޑަށް ލުއިތައް ދޭން ފެށުމުން، ކޮވިޑް ފެތުރޭ މިންވަރު މިހާރު ވަނީ މަތިވާން ފަށައިފަ އެވެ.

ޗައިނާގެ ވޫހާން ސަހަރުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެތުރެން ފެށި ކޮވިޑް-19، މުޅި ދުނިޔެއަށް އާންމުވެ، މިދިޔަ ދެ އަހަރާއި ހަ މަސް ތެރޭގައި އެމެރިކާ އިން އެކަނިވެސް 97.5 މިލިއަން މީހުންނަށް އެ ބަލި ޖެހިފައިވެ އެވެ. އޭގެ ތެރެއިން މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 617.6 މިލިއަނަށް އަރައިފަ އެވެ. އޭގެ ތެރެއިން 6.45 މިލިއަން މީހުން ވަނީ މަރުވެފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވަނީ އިންޑިއާގަ އެވެ. އެ ގައުމުގެ 44.5 މިލިއަން މީހުންނަށް މި ބަލިޖެހިފައިވާ އިރު، އޭގެ ތެރެއިން 528 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.