Roadha Mihaaru
ހަންކެޑެ އެންމެފަހުން ރިއަލް އެސްޓޭޓް ޓޫރިޒަމަށް

ހަންކެޑެ އާއި ގާފަރު ފަޅު ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހާއްސަކޮށްފި

02 ޑިސެމްބަރ 2021

ކ. ގާފަރު ފަޅާއި މީގެ އެތައް އަހަރެއް ކުރިން ފެށިގެން ޓޫރިޒަމް ތަރައްގީ ކުރަން އުޅެއުޅެ ނާކާމިޔާބު ވެފައިވާ އައްޑޫ ހިތަދޫ ހަންކެޑެ ސަރަހައްދު، އެންމެ ފަހުން ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހުޅުވައިލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކ. ގާފަރު ފަޅާއި މީގެ އެތައް އަހަރެއް ކުރިން ފެށިގެން ޓޫރިޒަމް ތަރައްގީ ކުރަން އުޅެއުޅެ ނާކާމިޔާބު ވެފައިވާ އައްޑޫ ހިތަދޫ ހަންކެޑެ ސަރަހައްދު، އެންމެ ފަހުން ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހުޅުވައިލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސްގެ ދެ ގަރާރުގައިވާ ގޮތުން، މި ދެ ސަރަހައްދު ތަރައްގީ ކުރާނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަމަަށްވާ މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނަށް ކުއްޔަށް ދީގެންނެވެ.

ޓޫރިޒަމްގެ ގާނޫނުގައިވާ ގޮތުން، ޓޫރިސްޓް ރިސޯޓު ހެދުމާއި ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމާއި ކުއްޔަށް ދޫކުރާނެ ރަށްތަކާއި ބިންތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދެ ސަރަހައްދެއް ކަނޑައެޅި އިރު އަންނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ވަނީ ހަތަރު ރަށެއް ހިއްކައިގެން، އެ ތަންތަން ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ނިންމައިފަ އެވެ.

އެ ރަށްރަށް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުން، ދައުލަތުގެ އާމްދަނީ އިތުރު ވާނީ މި ވިޔަފާރިން އެމްއެފްއެމްސީ އަށް ވާ ފައިދާ އިން ދައުލަތަށް ދޭ ޑިވިޑެންޑުގެ އަދަދަށް ރިއާޔަތް ކޮށެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީ ކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނަށް ކުރަންޖެހޭ ހަރަދުތައް ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެހެން ހިފެހެއްޓުމަށާއި މި މަސައްކަތުން ދައުލަތަށް އާމްދަނީ އިތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، މި ވިޔަފާރި ހިންގުމުން އަންނަ އަހަރު އިންޓެރިމް ޑިވިޑެންޑް ޑިކްލެއާ ކުރުމަށް ރާވާފައި ވެ އެވެ. މިގޮތަށް ޑިވިޑެންޑްގެ ގޮތުގައި 231 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާ ކޮށްފަ އެވެ.

މިއީ ގާފަރު ފަޅުގައި ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވައިލި ފުރަތަމަ ފަހަރު ކަމަށް ވާއިރު، އެ ފަޅު ހިއްކައިގެން އެ ސަރަހައްދު ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ސ.ހަންކެޑެ. އެރަށުގައި ރިސޯޓު ހެދުމަށް އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވޭ.

ސ.ހަންކެޑެ. އެރަށުގައި ރިސޯޓު ހެދުމަށް އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވޭ.

ހަންްކެޑެ އަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން މަސައްކަތް ކުރި ރަށެކެވެ. އެ ރަށް ތަރައްގީ ކުރަން ސަރުކަރުން ފުރަތަމަ ހަވާލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2005 ގަ އެވެ. ހަންކެޑެއިގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެވެ. އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުން ސަރުކާރުން ވަނީ 2،500 ޑޮލަރުން އެ ކުންފުނި ޖޫރިމަނާކޮށް، ހަންކެޑެ ނަގައިފަ އެވެ.

އޭގެ ފަހުން 2008 ގައި އަދި 2013 ވަނަ އަހަރު ވެސް ހަންކެޑެ ތަރައްގީ ކުރަން އެހެން ދެ ކުންފުންޏާ ހަވާލުކުރި އެވެ. އެކަމަކު، މަސައްކަތް ކުރިއަށް ނުދިއުމުން 2019 ވަނަ އަހަރު އެންމެ ފަހުން އެ ރަށް ތަރައްގީ ކުރަން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ އެކު ހެދި އެގްރީމެންޓް ވަނީ ބާތިލްކޮށްފަ އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އިތުރަށް ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް 12 ރަށެއް ހުޅުވައިލައި އޭގެ ކޮންމެ ރަށަކުން އެކުއިޒިޝަން ފީގެ ގޮތުގައި ހަތް ލައްކަ ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ހޯދަން ވެސް ބަޖެޓު ކޮށްފައިވެ އެވެ. އަދި ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދަން ވެސް އަންނަ އަހަރުގެ ބަޖެޓުގައިވެ އެވެ.