Roadha Mihaaru
މަހުމޫދު މަރާލީ ސާލިމް ފައިސާ ބޭނުންވެގެން: ފުލުހުން

މަހުމޫދު މަރައިލީ ސާލިމް ފައިސާ ބޭނުންވެގެން ކަމަށް ބެލެވޭ ސަބަބުތައް އެބަހުރި: ފުލުހުން

02 ޑިސެމްބަރ 2021

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލީ އެ މަރުގެ ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ފައިސާ ބޭނުންވެގެން ކަމަށް ބެލެވޭ ސަބަބުތައް އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލީ އެ މަރުގެ ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ފައިސާ ބޭނުންވެގެން ކަމަށް ބެލެވޭ ސަބަބުތައް އެބަހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން އެހެން ބުނީ، މަހުމޫދުގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ބޭއްވި މީޑިއާ ބްރީފިންގަ އެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ސާލިމްގެ އިއުތިރާފުންނާއި ފުލުހުން ހޯދި ކަންކަމާ ބެހޭ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެގޮތުން ސާލިމް ދިރިއުޅުނު ގެއިން ފެނުނު މަހުމޫދުގެ ބައެއް ތަކެތީގެ ފޮޓޯ ވެސް ދައްކައިލި އެވެ.

ސީރިއަސް އެންޑް އޯގަޒައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، ސާލިމް، މަހުމޫދު މަރައިލީ ފައިސާގެ ބޭނުމުގައި ކަމަށް ތަހުގީގަށް ހޯދާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަހުގީގުގެ ތެރެއިން ފުލުހުން ހޯދާފައި ވަނީ 500ރ. ގެ ވިއްސަކަށް ނޫޓެވެ. އެއީ މަހުމޫދު އެ ރޭ ގެންގުޅުނު ފައިސާ ކަމަށް ގަބޫލުކުރެވޭ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ.

ފުލުހުން މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މަހުމޫދު މަރައިލީ ސާލިމް ވަކި ކަމެއް ކުރަން ވަކި އަދަދަކަށް ފައިސާ ބޭނުންވެގެން ކަމަށް ފުލުހުންނަށް ސީދާ ބުނެވެން ނެތް ކަމަށެވެ. ނަމަވެސް، ސާލިމް ފައިސާ ބޭނުންވެގެން އުޅޭ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ތަހުގީގަށް އަޅުގަނޑުމެންނަށް އެބަ ހުއްޓޭ އެސްޓެބްލިޝްވާން އޭނާ ފައިސާއަށް ބޭނުންވާ ބައިވަރު ސަބަބުތައް. [ފައިސާ] ބޭނުންވެގެން އުޅޭކަން ތަހުގީގަށް އެބަ ހުއްޓޭ އެނގެން:--- ޝިފާއު

"މި އަދަދަށް ފައިސާ ބޭނުން ވެގެންނޭ މިކަން ހިންގީ، މި ގޮތަށް ތަހުގީގަށް މައުލޫމާތު ދިނީއެއް ނޫނޭ. އެކަމަކު ތަހުގީގަށް އަޅުގަނޑުމެންނަށް އެބަހުއްޓޭ އެސްޓެބްލިޝްވާން އޭނާ ފައިސާ އަށް ބޭނުންވާ ބައިވަރު ސަބަބުތައް. [ފައިސާ] ބޭނުންވެގެން އުޅޭކަން ތަހުގީގަށް އެބަހުއްޓޭ އެނގެން،" ޝިފާއު ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި، މިހާތަނަށް ބެލި ބެލުމުން ސާލިމާއި އޭނާގެ އާއިލާއާ ދެމެދު ފައިސާގެ ވާހަކަތަކެއް ދެއްކެވިފައި ވެ އެވެ. އަދި ރަށަށް ފޮނުވަން ފައިސާ ހޯދުމުގެ ބޭނުން ސާލިމްގެ އޮތް ކަމަށް ފާހަގަވާ ކަމަށް ބުންޏެވެ.

ޝާ އަލޮމް މިއާ އާއިލާއާ ދިން ފޯނު ކޯލުތަކުގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ އެ ފެމިލީގައި ފައިސާގެ ނީޑްއެއް [ބޭނުމެއް] އޮތްކަން: --- ހަސަން ސައީދު

"ޝާ އަލޮމް މިއާ އާއިލާ އާއި ދިން ފޯނު ކޯލުތަކުގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެ ފެމިލީގައި ފައިސާގެ ނީޑްއެއް [ބޭނުމެއް] އޮތްކަން،" ހަސަން ސައީދު ވިދާޅުވި އެވެ.

ސާލިމް ފައިސާ ބޭނުންވެގެން އުޅުނު ކަމަށް ބުނި އިރު އޭނާ ދަނގެތީގެ ފިހާރައެއް ފަޅާލައިގެން ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހަސަން ސައީދު ވިދާޅުވީ، މި މައްސަލައިގައި ސާލިމް ފިޔަވައި އިތުރު މީހަކަށް ތުހުމަތު ނުކުރެވޭ ކަމަށެވެ. އެންމެ ފަހުން މަހުމޫދުގެ ފޯނަށް ގުޅާފައި އޮތީ ވެސް ސާލިމް ކަމަށާއި އެ ދެ މީހުން ބާރަށް ހިނގާފައި ގޮސް ސާލިމް ދިރިއުޅުނު އެ ރަށު ނެދުންގެ އަށް ވަން މަންޒަރު ވެސް ފެންނަން އެބަ ހުރި ކަމަށް ވިދާޅުވި އެވެ. އަދި އޭގެ އެތައް ގަޑިއިރެއް ފަހުން ދަންވަރު މީހަކު ކޮނޑަށް އަރުވައިގެން ގެންދާ މަންޒަރު ވެސް ފެންނަން އެބަހުރި ހަސަން ސައީދު ކަމަށް ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި ސާލިމްގެ ދިރިއުޅުމާ މެދު ބަލަން ޖެހޭ ކަންކަން ވެސް ބެލުމުގެ މަސައްކަތް އިންޓަޕޯލް މެދުވެރިކޮށް، ކުރަމުންދާ ކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުންޏެވެ.

މުޅި މައްސަލައިގެ ތަހުގީގު ނިންމައި އަންނަ ހަފުތާގައި ޕީޖީ އޮފީހަށް ހުށަހަޅާނެ ކަމަށް މިއަދު ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ސާލިމް ވަނީ ކުށަށް ތަހުގީގުގެ އިތުރުން ބަންދު މުރާޖައާގެ އަޑުއެހުމެއްގެ ޝަރީއަތަށް ވެސް އިއުތިރާފުވެފަ އެވެ.