Roadha Mihaaru
މަހްމޫދުގެ މަރު: އަންނަ މަހު ސާލިމަށް ހުކުމްކުރަނީ

މަހްމޫދުގެ މަރު: ސާލިމްގެ އިއުތިރާފް ދެމެހެއްޓުމުން އަންނަ މަހު ހުކުމް ކުރަނީ

26 ޖެނުއަރީ 2022

އދ. ދަނގެތީގައި އެރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި އޭނާގެ ގާތިލް ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް އަންނަ މަހު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ދަނގެތީގައި އެރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި އޭނާގެ ގާތިލް ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް އަންނަ މަހު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު ފައިސާގެ ބޭނުމުގައި މަހްމޫދު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަޅަކަށް ވައްޓާލި މައްސަލާގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެެ މައްޗަށް ކުރި ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއަށް އޭނާ އެއްބަސްވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.

މިއަދު ވެސް ދައުލަތުން ވަނީ ސާލިމް ޝަރީއަތުގައި އިއުތިރާފް ވިޔަސް އޭނާއާ ދެކޮޅަށް ހެކި ހުށަހަޅަން ބޭނުން ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އިއުތިރާފަށް ވުރެ ވަރުގަދަ ހެއްކެއް އޮންނާނެ ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށާއި ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ވެސް އޮންނަނީ އިއުތިރާފް ވުމުން އަވަހަށް މައްސަލަ ނިންމަން ކަމަށެވެ. އެހެންވެ ހެކި ހުށަހަޅަން ފުރުސަތު ނުދޭން ގާޒީ ނިންމެވީ އެވެ.

އެކަމަކު މިއަދު ވަނީ ސާލިމަށް މަހްމޫދު ފޮޓޯއަކާއި ސާލިމް އުޅުނު ގޭތެރޭ ވަޅުލާފައި އޮއްވައި ފެނުނު މަހްމޫދުގެ އައިޑީކާޑު ސާލިމަށް ދައްކައި އެއީ މަހްމޫދު ތޯ އަހައިފަ އެވެ. ސާލިމް ބުނީ އެއީ މަހްމޫދު ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެކަމަކު އެންމެ ފަހުން ފެނުނު އިރު މަހްމޫދު ހުރި ގޮތާ ކުޑަކޮށް ތަފާތު ކަމަށެވެ.

ސާލިމް މިއަދު ވެސް ބުނީ މަހްމޫދު މަރާލީ ޝައިތާނާގެ ވަސްވާހަށް ކަމަށާއި ދައުވާތަަަކަށް އިއުތިރާފް ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ހަމަ ބުއްދީގައި ހުރެގެން ކަމަށެވެ.

ސާލިމްގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ކުރިން މަހްމޫދުގެ ވާރިސުންގެ ބަސް ހޯދަން ޖެހޭތީ ވާރިސުން ސާބިތު ކުރުމުގެ ގޮތުން ދަނގެތީގެ ދެ މީހެއްގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނެގި އެވެ. އެ ދެ މީހުން ވެސް ބުނީ މަހްމޫދުގެ ވާރިސުންގެ ގޮތުގައި ތިބީ ފަސް ކުދިންނާއި އޭނާގެ މަންމަ ކަމަށެވެ.

ގާޒީ ޝަކީލް ވިދާޅުވީ ވާރިސުންގެ ބަސް މިއަދު ނަގަން މަސައްކަތް ކުރިޔަސް، ބައެއް ވާރިސުން ކަރަންޓީންގައި ތިބުމުން އެކަން ފަސްކުރަން ޖެހިފައިވާ ކަމަށެވެ. އެހެންވެ، ދެން އޮންނަ އަޑުއެހުމުގައި ވާރިސުންގެ ބަސް ހޯދުމަށް އަންނަ މަހުގެ ހަތް ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ފަހު އެ ދުވަހު ސާލިމްގެ މައްޗަށް ހުކުމް އިއްވާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން ވާރިސުންނަށް ތިން އިހްތިޔާރެއް އޮވެ އެވެ. އެއީ ގާތިލުގެ ކިބައިން މަރަށް މަރު ހިފުން ނުވަތަ މަރުގެ ދިޔަ އަތުލުން ނުވަތަ މައާފް ދިނުމެވެ. މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެކަމަށް ބޭނުންވާ ނަމަ އެވެ. އަދި މަރުގެ ދިޔަ އަތުލިޔަސް ނުވަތަ މައާފް ކުރިޔަސް، ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ ޖަލު ހުކުމެއް ސާލިމްގެ މައްޗަށް އަންނާނެ އެވެ.