Roadha Mihaaru
ސާލިމް ޝަރީއަތް ނިމެންދެން ބަންދަށް

ސާލިމް ޝަރީއަތް ނިމެންދެން ބަންދަށް، ތަހުގީގު ނިމެނީ

16 ނޮވެމްބަރ 2021

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމައިފި އެވެ.

ދަނގެތީ ކޯޓުން އޮކްޓޯބަރު 31 ވަނަ ދުވަހު ކުރި 15 ދުވަހަށް ބަންދު ހަމަވާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އިއްޔެ ގެންދިޔައީ ކްރިމިނަލް ކޯޓަށެވެ. އެ ކޯޓުން ނިންމީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރާށެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިކަން ކަށަވަރުކޮށްދެއްވި އެވެ.

ފުލުހުން ބުނީ މިހާރު ކުރިއަށްދަނީ ތަހުގީގުގެ ފުރިހަމަކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ތަހުގީގު ފުރިހަމަކޮށް ސާލިމްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

ފުލުހުންގެ ބަންދުގައި ސާލިމް ހުއްޓާ އޭނާގެ އަތް ބިންދައިގެން ދިޔުމުން އޭނާއަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފަ އެވެ. ފުލުހުން ބުނާ ގޮތުގައި އޭނާގެ އަތް ބިންދައިގެން ދިޔައީ އޭނާ ފާހާނާ ތެރެއަށް ވެއްޓިގެން ކަމަށެވެ.

މަހުމޫދުގެ މަރުގެ ތުހުމަތު ދަނގެތީގައި އުޅޭ އެހެން ރަށެއްގެ ދެ މީހަކަށް އެންމެ ފުރަތަމަ ކުރެވުނު ނަމަވެސް، ފުލުހުން ބުނެފައި ވަނީ ސާލިމް ފިޔަވައި އިތުރު އެއްވެސް މީހަކު މަހުމޫދު މަރާލުމުގައި ބައިވެރިވި ކަމުގެ ހެއްކެއް ލިބިފައި ނެތް ކަމަށެވެ. އެކަމަކު، ސާލިމްއާ ގުޅުވާލެވޭ ގިނަ ހެކިތަކެއް އޭނާ އުޅުނު ގޭގައި ވަޅުލާފައި ހުއްޓާ ފުލުހުން ވަނީ ހޯދައިފަ އެވެ. އަދި ސާލިމް ވަނީ ބައެއް ކަންތައްތައް ތަހުގީގަށް ކިޔައި ވެސް ދީފަ އެވެ.

މިހާތަނަށް ބެލެވޭ ގޮތުގައި ސާލިމް މަހުމޫދު މަރައިލީ މަހުމޫދު އަތުން އޭނާ ފައިސާތަކެއް ހޯދަން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގަ އެވެ.