Roadha Mihaaru
މާމަދަރިފުޅާ އެކު 74 އަހަރުގައި ގްރެޖްއޭޓްވެއްޖެ

އުމުރުން 22 އަހަރުގެ މާމަދަރިފުޅާ އެކު 74 އަހަރުގައި ގްރެޖްއޭޓްވެއްޖެ

15 ޑިސެމްބަރ 2020

އެމެރިކާގެ 74 އަހަރުގެ އަންހެނަކު އޭނާގެ 22 އަހަރުގެ މާމަދަރިފުޅާ އެކު ގްރެޖްއޭޓްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ 74 އަހަރުގެ އަންހެނަކު އޭނާގެ 22 އަހަރުގެ މާމަދަރިފުޅާ އެކު ގްރެޖްއޭޓްވެއްޖެ އެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް ޓެނެސީ އޮފް ޗެޓަނޫގާ (ޔޫޓީސީ) އެންތުރޮޕޮލޮޖީ ދާއިރާ އިން ބެޗްލާޒް ޑިގްރީ ހާސިލުކޮށް ގްރެޖްއޭޓްވި މާމަ ޕޭޓް އޯމަންޑް އަބަދު ވެސް ހިތުއަޅައިގެން ހުރި ކަމަކީ ހަޔާތުގެ ކޮންމެވެސް ހިސާބަކުން ގްރެޖްއޭޓްވާށެވެ. އެހެންވެ ކިޔެވުމަށް އޮތް ލޯތްބާއި ޝައުގުވެރިކަން ދުވަހަކު ވެސް ކުޑައެއް ނުވެ އެވެ. އެކަމަކު އަލުން އޭނާ އަށް ކިޔަވަން ފުރުސަތު ލިބި ގްރެޖްއޭޓްވީ 1978 ގައި ކިޔެވުން ހުއްޓާލާފައި ވަނިކޮށެވެ.

ސާޅީސް ދެ އަހަރު ފަހުން ލިބުނު މި ކާމިޔާބީއާ ބެހޭ ގޮތުން ޕޭޓް ބުނީ ކިޔެވުމަށް ވަކި އުމުރަށް ނެތްކަން އޭނާގެ ހިތްވަރު ވެސް ސާބިތުކޮށް ދެވިއްޖެ ކަމަށެވެ. ކިޔެވުން ހުއްޓާލައި ފަހުން ޕޭޓް ހުރިހާ ވަގުތެއް ދިނީ އާއިލާއަށެވެ. އެކަމަކު އެއީ އެކައުންޓަންޓެއްގެ ވަޒީފާ ވެސް އަދާކުރަމުންނެވެ.

ޕޭޓް ކިޔައިދިން ގޮތުގައި އަލުން ކިޔަވަން ފަށައި ގްރެޖްއޭޓްވުމުގެ ހިތްވަރު އެންމެ ބޮޑަށް ދިން މީހަކީ ފިރިހެން ދަރިފުޅު އަދި އެކީގައި ގްރެޖްއޭޓްވި މާމަދަރި މެލޮޑީ އޯމަންޑްގެ ބައްޕަ އެވެ.

ޓެނެޒީ ޔުނިވަސިޓީން ގްރެޖްއޭޓްވި ނަމަވެސް މެލޮޑީ އަލުން ކިޔަވަން ފަށައި އެންމެ ފުރަތަމަ ގުޅުނީ އެޓްލާންޓާގެ ކެނެސޯ ސްޓޭޓް ޔުނިވަސިޓީއާ އެވެ. އެކަމަކު އެ ތަނުގައި އެއް ސެމިސްޓާ ފުރިހަމަކުރުމަށް ފަހުން ޔޫޓީސީއާ ގުޅުނީ އެވެ. ސަބަބަކީ މެލޮޑީ އެކަމަށް އެދެމުން ދިއުމެވެ. މާމައާ ދެ މީހުން އެއް ތަނެއްގައި ކިޔެވުމަކީ ޝަރަފެއްގެ ގޮތުގައި ދެކިގެން މެލޮޑީގެ އެދުމަށް ޔޫޓީސީއާ ޕޭޓް ގުޅުންވެގެން ދިޔައީ ދެ މީހުންގެ ގްރެޖްއޭޝަން އެއް ދުވަހެއްގައި ބާއްވަން ލިބި، އެކީގައި ގްރެޖްއޭޓްވުމެވެ.

މިކަމާ ބެހޭ ގޮތުން މެލޮޑީ ބުނީ މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.

"އަހަރެން އަބަދު ވެސް އުންމީދުކުރިން ޔުނިވަސިޓީއަކުން ގްރެޖްއޭޓްވެވޭނެ ކަމަށް. އެކަމަކު އެހާ ބޮޑަށް އުންމީދެއް ނުކުރަން މާމައާ އެއް ދުވަހެއްގައި ގްރެޖްއޭޓްވެވޭނެ ކަމަކަށް،" ސައިކޮލޮޖީ ކިޔެވި މެލޮޑީ ބުންޏެވެ. "މިއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ހާއްސަކޮށް އަހަންނަށް ލިބުނު ޝަފަރެއް."

ޕޭޓް ކިޔައިދިން ގޮތުގައި ގްރެޖްއޭޓްވި އިރު އެންމެ އުނދަގޫ ކަމަކަށްވީ ކޮވިޑް-19 އާ ހެދި ކިޔެވުން އޮންލައިންކޮށް ގެންދަން ޖެހުމެވެ.

"އަހަންނަކީ ކުލާސްތަކަށް ހާޒިރުވާން ވަރަށް ގަޔާވި މީހެއް އަބަދު ވެސް. އެކަމަކު މި ފަހަރު ބޮޑު ބަލިމަޑުކަމަކާ ހެދި އޮންލައިންކޮށް ކިޔެވުން ވެގެން ދިޔައީ އެހާ ފަސޭހަ ކަމަކަށް ނޫން،" އޭނާ ބުންޏެވެ. "އެންމެ މިސްވި ކަމަކީ ދަރިވަރުންނާއި ލެކްޗަރާއިންނާ ސީދާ ބައްދަލުވެވި ވާހަކަ ދެއްކޭނެ ފުރުސަތު ވެސް ނެތީމަ. އަހަންނަކީ އަބަދު ވެސް މީހުންގެ ތެރޭގައި އުޅެން ގަޔާވާ މީހެއް."

ޔޫޓީސީގެ ޗާންސެލަރު ސްޓީވެން އާރް އެންގްލް ވިދާޅުވި ގޮތުގައި މާމައަކާއި މާމަދަރިފުޅުގެ ގްރެޖްއޭޝަން އެއް ދުވަހެއްގައި ބޭއްވުމަކީ އެ ޔުނިވަސިޓީ އަށް ފަހުރެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

"މީގައި ދައްކުވައި ދެނީ ކެރިގެން ހިތްވަރާ އެކު ކަމަކާ ކުރިމަތިލައިފި ނަމަ ކާމިބާކުރެވިދާނެކަން. އަހަރެމެން ވަރަށް އުފާކުރަން ޔޫޓީސީގެ ދެހާސްވިހީ ގްރެޖްއޭޝަނުގައި ޕޭޓް އާއި އޭނާގެ މާމަދަރިފުޅު ހިމެނުނީތީ." އޭނާ ވިދާޅުވި އެވެ.