Roadha Mihaaru
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް

ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް

04 ޑިސެމްބަރ 2021

ޓްވިޓާގެ އާ ސީއީއޯ ޕަރާގު އަގްރަވާލްގެ މޭސްތިރިކަމުގެ ދަށުން ކުންފުނި އަލުން ބައްޓަންކޮށް، ތަރުތީބުކުރަން ކުރާ މަސައްކަތްތަކާ އެކު ކުންފުނީގެ އިސްވެރިންތަކެއް އެތަން ދޫކޮށްލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓްވިޓާގެ އާ ސީއީއޯ ޕަރާގު އަގްރަވާލްގެ މޭސްތިރިކަމުގެ ދަށުން ކުންފުނި އަލުން ބައްޓަންކޮށް، ތަރުތީބުކުރަން ކުރާ މަސައްކަތްތަކާ އެކު ކުންފުނީގެ އިސްވެރިންތަކެއް އެތަން ދޫކޮށްލަން ނިންމައިފި އެވެ.

މިދިޔަ ހަފުތާގައި ޓްވިޓާގެ ސީއީއޯގެ މަގާމުން ޖެކް ޑޯޒީ އިސްތިއުފާ ދެއްވުމުން ސީއީއޯގެ މަގާމު ޕަރާގަށް ލިބިވަޑއިގަތުމާ އެކު ކުންފުނި ދޫކޮށްލަން ނިންމެވި މީހުންގެ ތެރޭގައި އިންޖިއަރިން ލީޑު މައިކަލް މޮންޓާނޯ އާއި ޑިޒައިން އެންޑް ރިސާޗް ލީޑް ޑޭންޓްލީ ޑޭޭވިޒް ހިމެނެ އެވެ.

ޓްވިޓާގެ އޮނިގަނޑު އަލުން ތަރުތީބުކޮށް، މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކުރުމުގެ ގޮތުން މައިގަނޑު ތިން ޑިވިޝަނަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފަ އެވެ. އެއީ ކޮންޒިއުމާ، ރެވެނިއު އަދި ކޯ ޓެކް ޑިވިޝަނެވެ. ޓްވިޓާ އިން ބުނި ގޮތުގައި އެ ތިން ޑިވިޝަން އަލުން ތަރުރީބުކުރަނީ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކޮށް، ހަލުވިކޮށް، ނަތީޖާ ރަނގަޅުކުރުމުގެ ގޮތުންނެވެ.

އެގޮތުން ކޮންޒިއުމާ ޑިވިޝަންގެ ވެރިޔަކަށް އައްޔަންކުރަން ނިންމާފައި ވަނީ ކޭވޮން ބޭކްޕޯ އެވެ. ރެވެނިއުގެ ވެރިޔަކަށް އައްޔަންކުރަން ނިންމާފައި ވަނީ ބްރޫސް ފާލްކް އެވެ. އަދި ކޯ ޓެކް ޑިވިޝަން އައްޔަކުރަން ނިންމާފައި ވަނީ ނިކް ކާލްޑްވެލް އެވެ.

ޓްވިޓާގެ ތަރުޖަމާނު ލޯރާ އެލެގްޒެންޑާ ވިދާޅުވި ގޮތުގައި ޕަރާގްގެ ލީޑަޝިޕްގެ ދަށުން ޓްވިޓާގެ އޮނިގަނޑަށް ގެންނަ ބަދަލުތަކާ އެކު ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރެވޭނެ އެވެ. އަދި އޭނާ އަކީ ވަކި އަމާޒެއް އޮވެގެން އަބަދު ވެސް މަސައްކަތްކުރައްވާ މީހެއް ކަމަށާއި އެހެންވެ އާ ސީއީއޯ އާ އެކު ޓްވިޓާގެ ކުރިމަގު ވަރަށް އުޖާލާވާނެ ކަމަށް ވިދާޅުވި އެވެ.

އެންމެ މަގުބޫލު ސޯޝަލް އެޕްތަކުގެ ތެރޭގައި ހިމެނޭ ޓްވިޓާގެ އާ ސީއީއޯ ޕަރާގް، 37، އަކީ އިންޑިއާ އަށް ނިސްބަތްވާ މީހެކެވެ. އަޖްމާ އަށް އުފަން އަގަރްވާލަށް އެ މަގާމު ލިބުމާ ގުޅިގެން އިންޑިއާގެ ވަރަށް ގިނަ ބަޔަކު ޓްވިޓާގައި އުފާފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ މަޝްހޫރު ބައެއް ސެލެބްރިޓީން ވެސް ހިމެނެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓެކް ކުންފުނިތައް ކަމަށްވާ ގޫގުލް ހިންގާ އަލްފަބެޓާއި މައިކްރޮސޮފްޓްގެ އިސްވެރިންތަކެއްގެ ގޮތުގައި ވެސް ތިބީ އިންޑިއާގެ ބައެކެވެ. އެގޮތުން މަދުރާއީ އަށް އުފަން ސުންދަރު ޕިޗާއީ، 49، އަކީ އަލްޕަބެޓްގެ ސީއީއޯ އެވެ. ހައިދަރުއާބާދަށް އުފަން ސަތިއަ ނަޑެލާ، 54، އަކީ މައިކްރޮސިފްޓްގެ ސީއީއޯ/ޗެއާމަނެވެ.