Roadha Mihaaru
ޓްވިޓާގެ ސީއީއޯ އިސްތިއުފާ ދީފި

ޓްވިޓާގެ ސީއީއޯ އިސްތިއުފާ ދީފި

01 ޑިސެމްބަރ 2021

ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓްވިޓާގެ ސީއީއޯ ޖެކް ޑޯޒީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިކަމާ ގުޅިގެން އެ ޓްވިޓާ އިން ނެރުނު ބަޔާނެއްގައި ބުނީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާގެ ދައުރު އަންނަ އަހަރު ހަމަވަންދެން ކުންފުނީގެ ބޯޑް މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށެވެ. އެކަމަކު މި ދަނޑިވަޅުގައި ޑޯޒީ މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވީ ޓްވިޓާ މިހާރު އޮތީ ވަރަށް ވެސް ރަނގަޅު ހިސާބެއްގައިކަމުން ދެން އެ ކުންފުނި މިސްރާބު ޖަހަންވީ އޭގެ ބާނީންނާ ނުލައި ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. އެ ވާހަކަތައް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ޑޯޒީ ވިދާޅެއް ނުވެ އެވެ.

ޓްވިޓާ އަކީ ޑޯޒީ އާއި ނޯއާ ގްލާސް އާއި ބިޒް ސްޓޯންގެ އިތުރުން އެވަމް ވިލިއަމްސް ގުޅިގެން މީގެ 15 އަހަރު ކުރިން ވުޖޫދަށް ގެނައި އެއްޗެކެވެ.

އަމިއްލަ މިކްކިއްޔާތު މިހާރު 11.8 ބިލިއަން ޑޮލަރަށް އަރާ ޑޯޒީ އަކީ ޕޭމަންޓް ކުންފުނި، ސްކެއާގެ ވެސް ސީއީއޯ އެވެ. އޭނާ ޓްވިޓާގެ ސީއީއޯގެ މަގާމުން ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ޓްވިޓާގެ ހިއްސާގެ ވިޔަފާރި އަށް ވެއްޓުމެއް އައިސްފައިވެ އެވެ.

ޓްވިޓާ އިން ބުނީ ޑޯޒީ މަގާމު ދޫކޮށްލައިވާ ގޮތުން އާ ސީއީއޯއެއް ކަނޑައަޅަންދެން ކުންފުނީގެ ސީއީއޯގެ މަގާމު އަދާކުރައްވާނީ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ޕަރާގް އަގަރްވާލް ކަމަށެވެ.

ޓްވިޓާ އަކީ ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެވެ.