Roadha Mihaaru
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ

ޓްވިޓާ، ފޭސްބުކް އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ

09 ޖުލައި 2021

ފޭސްބުކާއި ޓްވިޓާ އިން މި އަހަރުގެ ކުރީކޮޅު ބޭރުކޮށްލާފައިވާތީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކުންފުނިތަކަށް ދައުވާކުރަން ނިންމަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކާއި ޓްވިޓާ އިން މި އަހަރުގެ ކުރީކޮޅު ބޭރުކޮށްލާފައިވާތީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކުންފުނިތަކަށް ދައުވާކުރަން ނިންމަވައިފި އެވެ.

މިކަން ބުދަ ދުވަހު ނިއު ޖާޒީގެ ބެޑްމިންސްޓާގައި އޮންނަ އަމިއްލަ ގޮލްފް ކޯހުގައި އިއުލާންކުރައްވައި ޓްރަމްޕް ވިދާޅުވީ އޭނާ ދައުވާކުރައްވަނީ ފޭސްބުކާއި ޓްވިޓާގެ އިތުރުން ގޫގުލް އާއި އެ ކުންފުނިތަކުގެ އިސް ވެރިންނަށް ކަމަށެވެ.

ފޭސްބުކްގެ ވެރިޔަކީ މާކް ޒަކަބާގެވެ. ޓްވިޓާގެ ވެރިޔަކީ ޖެކް ޑޯޒީ އެވެ. އަދި ގޫގުލްގެ ވެރިޔަކީ ސުންދަރު ޕިޗާއީ އެވެ.

މި ކުންފުނިތަކަށް ދައުވާކުރައްވަން ޓްރަމްޕް ނިންމެވީ ވެރިކަމުގެ ދެވަނަ ދައުރު ލިބިވަޑައިނުގަތުމުން ސަޕޯޓަރުންތަކެއް ލައްވައި މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކެޕިޓޮލްގައި ހިންގުވި ބޮޑެތި ހަމަނުޖެހުންތަކާއި އެކަމާ ގުޅުވައިގެން ސޯޝަލް ޕްލެޓްފޯމްތަކުގައި އެކަމަށް ހިތްވަރު ދެއްވައި އަދި ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ސާބިތު ނުހިހޭ ވާހަކަތައް ތަރުރާރުކޮށް ދައްކަވަމުން ދިއުމާ ގުޅިގެންނެވެ. އެގޮތުން ފޭސްބުކާއި ޓްވިޓާގެ އިތުރުން ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބްގެ ޓްރަމްޕްގެ އެކައުންޓްތައް ބްލޮކްކުރި އެވެ.

ޓްވިޓާ އިން ޓްރަމްޕް ބޭރުކޮށްލީ ދާއިމަށެވެ. އަދި ފޭސްބުން އެޅި ފިޔަވަޅު 2023 ހަމައަށް ދަމަހައްޓަން އެތަނުގެ އޯވަސައިޓް ބޯޑުން ލަފާ ދިނުމާ ގުޅިގެން އެފްބީ އެކައުންޓް އޭގެ ކުރިން އިޔާދަނުކޮށްދޭން ނިންމީ މިދިޔަ މަހުގެ ތެރޭގަ އެވެ. ޓްރަމްޕްގެ ޔޫޓިއުބް ޗެނެލް މާޗް މަހުގެ ތެރޭގައި އިޔާދަކޮށް ދީފައިވެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އަށް ފިޔަވަޅު ބޮޑެތި ޓެކް ކުންފުނިތަކަށް ދައުވާކުރަން ނިންމީ އަމިއްލަފުޅަށް ގެއްލުނު ހައްގުތަކާއި އެކު، އެތައް ބައެއްގެ ހައްގުތައް ކަށަވަރުކޮށް ދެއްވުމުގެ ގޮތުންނެވެ،.ހާއްސަކޮށް ސިޔާސީ މީހުންގެ ހައްގުތަކަށް ޓެކް ކުންފުނިތަކުން އަރައިގަމުންދާ ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ނަގާކިޔާ ބޮޑު ތިން ކުންފުންޏަކަށް އޭނާ ދައުވާކުރެއްވުމުން އެ ކުންފުނިތަކަށް ރަނގަޅު ފިވާލަޅެއް ލިބި، ހަމަބިމަށް ތިރިވާނެ ކަމަށެވެ.

މީޑިއާތަކުން ބުނީ ޓެކް ކުންފުނިތަކަށް ދައުވާކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިޔަސް ކުންފުނިތަކަށް އެއްވެސް ބިރެއް ނެތް ކަމަށެވެ. ސަބަބަކީ މީގެ ކުރިން ވެސް ޓެކް ކުންފުނިތަކާ ދެކޮޅަށް ޓްރަމްޕް ކުރެއްވި ގިނަ މަސައްކަތްތައް ފަނުފުލުން ގޮސްފައިވާތީ އެވެ. އެހެންވެ ޓެކް ކުންފުނިތަކަށް އޭނާ ކުރައްވާ ދައުވާތައް ކޯޓުން ބަލައިގަތުމުގެ ފުރުސަތު ވެސް ކުޑަ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ފޭސްބުކާއި ޓްވިޓާ އާއި އަދި ގޫގުލް އަށް ދައުވާޖުރައްވަން ޓްރަމްޕް ނިންމެވި އިރު މިދިޔަ ހަފުތާގައި އޭނާގެ ޓީމުން "ގެޓާ" ގެ ނަމުގައި އަމިއްލަ ސޯޝަލް އެޕެއް ވެސް ލޯންޗްކޮށްފައިވެ އެވެ.