Roadha Mihaaru
"ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރަން ޖެހޭ"

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރެވޭ ގޮތަށް ޕްރޮގްރާމްތައް ބަދަލުކުރަން ޖެހޭ: ރައީސް

05 ޑިސެމްބަރ 2021

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ބެހޭ ޕްރޮގްރާމްތައް، އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ބެހޭ ޕްރޮގްރާމްތައް، އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮންމެ ދެ އަހަރަކުން އެއް އަހަރުދޭ ރިވެލި އެވޯޑް ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެންމެ އެދެވޭ ނަތީޖާ ނެރެވޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ބާރުވެރި ކުރެވޭ ގޮތަށްް ޕްރޮގްރާމްތައް ބައްޓަން ކޮށްގެން ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމީހުންނަށް ބޭނުންވާ އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. ފަސޭހައިން ލިބުން މުހިއްމު އާލާތްތަކުގެ ލިސްޓެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން މިހާރު އެކުލަވާލައިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް އެބަ ގެންނަންޖެހޭ. އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭފަދަ ގޮތަކަށް، އެ ޕްރޮގްރާމްތައް ބައްޓަންކުރުން. އެފަދަ ޕްރޮގްރާމްތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ހާސިލު ކުރެވޭނީ އޭރުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިރޭ ރިވެލި އެވޯޑް ހާސިލުކުރި ބޭފުޅުންގެ ތެރޭގައި ވެސް ވަރަށް ފަަންނުވެރި ހުނަރުވެރިން އެބަތިއްބެވި އެވެ. ކުރަންވީ ކަމަކީ އެފަދަ ބޭފުޅުންގެ ހުނަރުވެރިކަން އިތުރަށް ތަރައްގީކުރަން މަގުފަހިކޮށްދިނުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޭރުން އެފަދަ ބޭފުޅުންގެ ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރަށް ތަރައްގީވެ، މުޖުތަމައަށާއި މުޅި ގައުމަށް ވެސް، މިހާރަށްވުރެ އެތައް ގޮތަކުން މަންފާކުރާނެ. އަދި އެއީ އެބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ވެސް ލިބޭ އަގުހުރި ފުރުސަތަކަށްވާނެ،" ރައީސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި ކުރެވިދާނެ މުހިއްމު އެހެން ކަންތައްތައް ވެސް އެބަހުރިކަމަށާއި އޭގެ އެއް ކަމަކީ އެމީހުންނަށް މިހާރަށް ވުރެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމީހުންނަށް އެހީތެރިވުމަކީ ދިރިއުޅުމުގެ ބައެއް ކަމަށް ހަދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް މުޖުތަމައުގެ ވަރަށް މުހިއްމު ހިއްސާއެއް ކަމަށާއި އެ ހިއްސާ ފުރިހަމަވާނީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.