Roadha Mihaaru
7 ކަމެއް ހުއްޓާލަން އެދި މުއިއްޒުގެ ސިޓީއެއް ރައީސަށް

ސަރުކާރުން ހަތް ކަމެއް މަޑުޖައްސާލަން އެދިވަޑައިގެން އިންތިހާބީ ރައީސްގެ ސިޓީއެއް ރައީސަށް

05 އޮކްޓޯބަރ 2023

ވެރިކަން ބަދަލުވުމުގެ މަރުހަލާ ފަށައިގެން މިހާރު ކުރިއަށް ގެންދާއިރު، ސަރުކާރުން މި ވަގުތު ބައެއް ކަންކަން މަޑުޖައްސާލަން އެދިވަޑައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވައިފަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ ފަށައިގެން މިހާރު ކުރިއަށް ގެންދާއިރު، ސަރުކާރުން މި ވަގުތު ބައެއް ކަންކަން މަޑުޖައްސާލަން އެދިވަޑައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވައިފަ އެވެ.

އިއްޔެ ފޮނުއްވި އެ ސިޓީފުޅުގައި މުއިއްޒު ހަތް ކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންނެވި އެވެ. އެއީ:

1- ދައުލަތުގެ އެއްވެސް ވަޒީފާއެއް އަލަށް މީހަކަށް ނުދިނުން އަދި މަގާމުގެ ކުރިއެރުން ނުދިނުން.

2- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުން.

3- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން.

4- ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމަށް އާ ހުއްދައެއް ނުދިނުން.

5- ޕީއެސްއައިޕީ ނުވަތަ އެހެން އެއްވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން.

6- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން.

7- ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި 19،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުން ރާއްޖޭގެ އާ ރައީސްކަމަށް އިންތިހާބު ކޮށްފައިވާ މުއިއްޒާާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖެހިގެން އައި ދުވަހު ބާއްދަލު ކުރައްވައިފަ އެވެ.

މުއިއްޒުގެ ސިޓީފުޅުގައި ވަނީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީއާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާ އަށް ޝުކުރު އަދާކުރަައްވައިފަ އެވެ. އަދި ދެ ބޭފުޅުންގެ ބައްދަލުވުމުގައި، އާ ސަރުކާރާ ބާރުތައް ހަވާލު ކުރެއްވުމުގެ ކަންކަން އޮމާންކަމާ އެކު ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވިކަން ފާހަކުރައްވައި ޝުކުރުވެރިކަމާ އެކު އެކަން ބަލައިގަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި އާ ޕްރޮޖެކްޓްތައް ނުފެށުމާއި އާ ހަރަދުތައް ކުރުން ފަދަ ކަންކަން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރައިވެޓައިޒޭޝަން ބޯޑުން ވެސް ވަނީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް އަންގައިފަ އެވެ.