Roadha Mihaaru
ސޫދާންގެ އަސްކަރީ ސަރުކާރަށް ފިއްތުން އިތުރުވަނީ

ސޫދާންގެ އަސްކަރީ ސަރުކާރަށް ފިއްތުން އިތުރުވަނީ

28 އޮކްޓޯބަރ 2021

ސޫދާނުގައި އޮތް މަދަނީ ސަރުކާރު މިދިޔަ ހޯމަ ދުވަހު އުވާލައި، ސިފައިން އެ ގައުމުގެ ވެރިކަމާ ހަވާލުވުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖްތަމައުން ކުރިމަތިކުރާ ފިއްތުންތައް އަނެއްކާ ވެސް އިތުރުވެއްޖެ އެވެ. އެ ގޮތުން އެފްރިކަން ޔޫނިއަނުން މިހާރު ވަނީ ސޫދާންގެ މެމްބަރުކަން ވަގުތީ ގޮތުން އުވާލައިފަ އެވެ.

ސޫދާނުގައި އޮތް މަދަނީ ސަރުކާރު މިދިޔަ ހޯމަ ދުވަހު އުވާލައި، ސިފައިން އެ ގައުމުގެ ވެރިކަމާ ހަވާލުވުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖްތަމައުން ކުރިމަތިކުރާ ފިއްތުންތައް އަނެއްކާ ވެސް އިތުރުވެއްޖެ އެވެ. އެ ގޮތުން އެފްރިކަން ޔޫނިއަނުން މިހާރު ވަނީ ސޫދާންގެ މެމްބަރުކަން ވަގުތީ ގޮތުން އުވާލައިފަ އެވެ.

ސޫދާނުގައި އޮތް ސަރުކާރު އުވާލައި، ސިފައިން ވެރިކަމާ ހަވާލުވުމާ ގުޅިގެން، އެކަމާ ދެކޮޅު ހެއްދެވި ސޫދާންގެ ސަފީރުންގެ ތެރެއިން ހަ ސަފީރަކު އިއްޔެ ވަނީ މަގާމުން ދުރުކޮށްފަ އެވެ. ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް ބުރްހާންގެ އަމުރުފުޅަށް، މަގާމުން ވަކިކުރިކަން އެންގީ، އެމެރިކާ، ޔޫރަޕިއަން ޔޫނިއަން، ގަތަރު، ޗައިނާ، ފަރަންސޭސި ވިލާތް އަދި ޖެނީވާގައި ހުންނަ އދ.ގެ މަރުކަޒަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުންނެވެ.

ސިފައިން ގައުމުގެ ވެރިކަން އަތުލުމާ ގުޅިގެން، 12 ގައުމެއްގައި ތިއްބަވާ ސޫދާންގެ ސަފީރުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް މަގާމުން ދުރުކުރީ، ހަ ސަފީރެކެވެ.

ސިފައިން ގެނައި އިންގިލާބާ ގުޅިގެން ބައިނަލްއަގުވާމީ މުޖްތަމައުން ކުރިމަތިކުރަން ފެށި ފިއްތުންތަކާ ގުޅިގެން، ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު މިހާރު ވަނީ އޭނާގެ ގެއަށް ބަދަލުކޮށްފަ އެވެ. ސިފައިން ވެރިކަން ފުރޮޅައިލުމަށް ފަހު ބޮޑުވަޒީރު ހައްޔަރުކޮށް، ބުދަ ވިލޭރޭގެ ނިޔަލަށް ހުންނެވީ، ސިފައިންގެ ވެރިޔާ ޖެނެރަލް ބުރްހާންގެ ގޭގައި ސިފައިންގެ ހިމާޔަތުގަ އެވެ.

ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު

ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު

ގެއަށް ބަދަލުކުރުމާ ގުޅިގެން ހަމްދޫކު އިއްޔެ ވަނީ، ސޫދާނުގައި ތިއްބަވާ ބޭރުގެ ބައެއް ސަފީރުންނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުންތަކަށް ފަހު ހަމްދޫކު ވިދާޅުވީ ގައުމުގައި ޑިމޮކްރެސީ ގާއިމުކުރުމަށް ފަށާފައިވާ ދަތުރުގައި އެނބުރި ފަހަތަށް ވަޑައިގަތުމެއް ނެތް ކަމަށެވެ. އަދި މި ދަނޑިވަޅުގައި ފަހަތަށް ޖެހިއްޖެ ނަމަ، ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސޫދާން ވެސް މެމްބަރެއްގެ ގޮތުގައި ހިމެނޭ އެފްރިކާގެ އިއްތިހާދުގައި އޮންނަ، އެފްރިކާގެ އަމަނާއި ސަލާމަތާ ބެހޭ މަޖިލީހުން އިއްޔެ ވަނީ، ސޫދާންގެ މެމްބަރުކަން ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. އެ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމުގައި 15 ގައުމުގެ އިއްތިފާގުން ނިންމާފައިވަނީ، ސޫދާނުގެ ވެރިކަމަށް އެ ގައުމުގެ ސިފައިން އައި އައުމަކީ، ސިފައިން ގެނައި އަސްކަރީ އިންގިލާބެއް ކަމަށެވެ.

އެފްރިކާ އިއްތިހާދުގެ އެއްވެސް ގައުމެއްގައި އިންގިލާބަކުން ވެރިކަން ބަދަލުކޮށްފި ނަމަ، އަލުން މަދަނީ ސަރުކާރަކާ ވެރިކަން ހަވާލު ކުރަންދެން، އެ ގައުމެއް އެފްރިކާ އިއްތިހާދުގެ އެންމެހައި ހަރަކާތްތަކުން ދުރުކުރެވޭނެ ކަމަށް، އެ އިއްތިހާދުގެ ހިންގާ ގަވާއިދުގައި އޮވެ އެވެ.

މި ޖަލްސާގައި ބައިވެރިވި، އެފްރިކާގެ ކަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ބާރްފޭ އޮނާންގާ ވިދާޅުވި ގޮތުގައި މިވަގުތަށް އެންމެ މުހިންމީ، ވީ އެންމެ އަވަހަކަށް ސޫދާންގެ ދުސްތޫރީ ނިޒާމު އަލުން އިއާދަކުރުމެވެ. އަދި މިހާރު ހިނގަމުންދާ ކަންކަމަކީ ސޫދާނުގެ ގާނޫނުއަސާސީއާ ހިލާފު އަމަލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ފިއްތުންތައް އިތުރުވަމުން އަންނަ އިރު، ގައުމުގެ އާންމު ރައްޔިތުން ހަދަމުންދާ ދެކޮޅުހެދުންތައް ވެސް އަންނަނީ އިތުރުވަމުންނެވެ. ހޯމަ ދުވަހު ސަރުކާރު އުވާލައި ސިފައިން ވެރިކަން އަތުލުމާއެކު، ވެރިރަށް ޚުރުތޫމްގެ މަގުތަކުގައި އާންމު ރައްޔިތުން ކުރަން ފެށި މުޒާހަރާތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ ވެރިރަށް ޚުރުތޫމުގެ ބޮޑެތި މަގުތަކުގައި ހުރަސްތައް ބަހައްޓައި، ޓަޔަރު ފަދަ ތަކެތީގައި ރޯކޮށް ސިފައިންގެ ހަރަކާތްތަކަށް ހުރަސް އަޅަމުންނެވެ. އަދި މުޒާހަރާތައް ރޫޅާލަން ނުކުމެ އުޅޭ ސިފައިންނާ ދިމާލަށް ގަލާއި ފުޅި ފަދަ ތަކެތި އުކަމުންނެވެ.

ވެރިރަށުގެ އިތުރުން ބޮޑެތި އެހެން ސަހަރުތަކުގައި ވެސް ސިފައިންގެ އިންގިލާބާ ދެކޮޅަށް އަންނަނީ މުޒާހަރާތައް ކުރަމުންނެވެ. އިއްޔެ ކުރި މުޒާހަރާތައް ހުއްޓުވުމަށް ވެސް ސިފައިން ވަނީ ބާރުގެ ބޭނުންކޮށް ބައިވެރިންގެ ތެރެއަށް ކަރުނަގޭސް ޖަހައިފަ އެވެ.

އޭގެ އިތުރުން ވެރިރަށް ޚުރުތޫމްގެ މަގުތަކުގައި އިއްޔެ އިން ފެށިގެން ސިފައިންގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން އެއް ތަނަކަށް އެއްވާ އިރަށް، އެ ތަނެއްގެ ތެރެއަށް ކަރުނަގޭސް ޖެހުމާއި، މުގުރުން ތަޅައި އަނިޔާކުރުން ފަދަ ކަންތައް ސިފައިން އަންނަނީ ހިންގަމުންނެވެ.