Roadha Mihaaru

ޔާމީނަށް އިނާޔަތުގެ ގޮތުގައި ހަމަޖައްސައިދޭން އެދުނީ 2.4 މިލިއަން ރުފިޔާ

ކުރީގެެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވަންޖެހޭ މާލީ އިނާޔަތުގެ ގޮތުގައި ހޯދަން އެދިފައިވާނީ އޮފީސް ހިންގުމުގެ ހަރަދު ނުލައި، 24 މަސް ދުވަހަށް ޖުމްލަ 2.4 މިލިއަން ރުފިޔާ ކަމަށް ވަކީލުން މިރޭ ބުނެފި އެވެ.

ޔާމީނަށް އިނާޔަތަށް ހަމަޖައްސަން އެދުނީ 2.4 މިލިއަން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

05 ޑިސެމްބަރ 2021

ކުރީގެެ ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވަންޖެހޭ މާލީ އިނާޔަތުގެ ގޮތުގައި ހޯދަން އެދިފައިވާނީ އޮފީސް ހިންގުމުގެ ހަރަދު ނުލައި، 24 މަސް ދުވަހަށް ޖުމްލަ 2.4 މިލިއަން ރުފިޔާ ކަމަށް ވަކީލުން މިރޭ ބުނެފި އެވެ.

ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019ގަ އެވެ. ހައި ކޯޓުން ދެމެހެއްޓި މި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމުން މިދިޔަ އަންގާރަ ދުވަހު އެ މަނިކުފާނު ވަނީ މިނިވަންވެފަ އެވެ.

އެއާއެކު، ކުރީގެ ރައީސުންނަށް ދޭންޖެހޭ ސެކިއުރިޓީއާ އިނާޔަތްތައް ޔާމީނަށް ވަނީ ދޭން ފަށައިފަ އެވެ. ނަމަވެސް އެ އިނާޔަތް ދޭން ނިންމީ ބަންދުގައި ހުންނެވި ދެ އަހަރު ނުހިމަނަ އެވެ.

އެހެންވެ، ޔާމީން ވަކީލުން މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގަތީ އެ މަނިކުފާނު ބަންދުގައި ހުންނެވި ދެ އަހަރުގެ އިނާޔަތްތައް ވެސް ދިނުމަށެވެ.

ވަކީލުން ނެރުނު ބަޔާނުގައި ބުނީ ކްރިމިނަލް ކޯޓުން ހުކުމް އިއްވުމާ ހަމައަށް ޔާމީނަށް މާލީ އިނާޔަތުގެ ގޮތުގައި 50،000ރ. އަދި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި 50،000ރ. އާއެކު ޖުމްލަ ލިބިވަޑައިގަންނަވަމުން ދިޔައީ މަހަކު 100،000ރ. އެވެ.

ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އޮފީހެއް ހިންގަވަމުން ނުދާތީ، އޮފީސް ހިންގެވުމުގެ ހަރަދުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ 175،000ރ. އެ މަނިކުފާނު މިހާތަނަށް ނަންގަވާފައިވާ ނުވާނެ ކަމަށް ބަޔާނުގައި ބުންޏެވެ. އެހެންވެ، އެ މަނިކުފާނުގެ ފަރާތްޕުޅުން ހޯދުމަށް އެދިވަޑައިގެންފައިވަނީ 24 މަސް ދުވަހަށް ލިބެންޖެހޭ 100،000ރ. ގެ އިނާޔަތެވެ. އެއީ ޖުމްލަ 2.4 މިލިއަން ރުފިޔާ އެވެ.