Roadha Mihaaru

ޖަލަށްލީ މުއްދަތަށް ޔާމީނަށް 2.4 މިލިއަން ޖަމާކޮށްދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް އިއްވާފައި ހުންނެވި ދެ އަހަރުގެ މުއްދަތަށް ދައުލަތުގެ ބަޖެޓުން ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފި އެވެ.

އިނާޔަތުގެ ގޮތުގައި ޔާމީނަށް 2.4 މިލިއަން ޖަމާކޮށްފި
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

16 ޖެނުއަރީ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް އިއްވާފައި ހުންނެވި ދެ އަހަރުގެ މުއްދަތަށް ދައުލަތުގެ ބަޖެޓުން ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފި އެވެ.

ފިނޭންސް މިނިސްޓްރީން އެމަނިކުފާނަށް މި އިނާޔަތް ހަމަޖައްސައިދިނީ ބަންދުކުރި ދުވަހުން ފެށިގެން މިނިވަންވުމާ ހަމައަށް ލިބިވަޑައިގަންނަވަން ޖެހޭ އިނާޔަތްތައް ދޫކޮށްދެއްވަން ވަކީލުން އެދިވަޑައިގަތުމާ ގުޅިގެންނެވެ. މަނީ ލޯންޑްރިންގެ ކުށުގައި އެމަނިކުފާނަށް ނޮވެމްބަރު، 28، 2019 ގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ޔާމީން މިނިވަންވުމާ އެކު ދައުލަތުން އެ މަނިކުފާނަށް ދޭން ޖެހޭ ސެކިއުރިޓީ އާއި އިނާޔަތްތައް ހަމަޖައްސައިދޭން ފެށީ ޖަލު ހުކުމުގެ ދެ އަހަރު ނުހިމަނަ އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން މިއަދު ވިދާޅުވީ ޔާމީންގެ ލޯޔަރުންގެ ހުށަހެޅުއްވުން ދިރާސާކޮށް، އެމަނިކުފާނަށް ގާނޫނީ ގޮތުން ލިބެން ޖެހޭ އިނާޔަތް މިދިޔަ ހަފުތާގައި ޖަމާކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރުގެ އިނާޔަތްތައް ވެސް ޖަމާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސުންގެ އިނާޔަތް: (މަހަކަށް)

މާލީ އިނާޔަތް: 50،000ރ. (ދައުރަކަށް)

ދިރިއުޅުއްވާ ތަނުގެ ހަރަދު: 50،000ރ.

އޮފީސް ހިންގުމުގެ ހަރަދު: 175،000ރ.

ބޭސްފަރުވާގެ ހަރަދު (އަހަރަކަށް) : 700،000ރ.

ގާނޫނުގައި ކަނޑައަޅާފައިވާ މި އިނާޔަތަށް ބަލާއިރު ޔާމީނަށް ދެ އަހަރަށް ގާތްގަނޑަަކަށް 6.6 މިލިއަން ރުފިޔާ ދައުލަތުން ހަމަޖައްސައިދޭން ޖެހެ އެވެ. އެކަމަކު 2.4 މިލިއަނަށް ޔާމީންގެ ވަކީލުން އެދިވަޑައިގަތީ ކްރިމިނަލް ކޯޓުން ހުކުމް އިއްވުމާ ހަމައަށް ވެސް އެމަނިކުފާނު މަހަކު 100،000ރ. ނަންގަވާތީ އެވެ.

އެއީ، މާލީ އިނާޔަތުގެ ގޮތުގައި 50،000ރ. އަދި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި 50،000ރ. އާއެކު ޖުމްލަ 100،000ރ. އެވެ.

ޔާމީނަށް ދެމުން އައި އިނާޔަތް 2019 ގައި ކަނޑާލީ، ރައީސުލްޖުމްހޫރިއްޔާ އޭނާ މަގާމުގައި ހުންނެވިއިރު ޖިނާއީ ކުށެއް ކުރި ކަން ޝަރީއަތަށް ސާބިތުވާ ވަގުތުން ފެށިގެން އެ މަނިކުފާނާއި އަނބިކަނބަލުންނަށް ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ ކަމަށް ގާނޫނުގައި އޮތުމުންނެވެ.

މި އަހަރަަށް ލަފާކުރާ ބަޖެޓް ފާސްކުރިއިރު ޔާމީނަށް ދޭންޖެހޭ އިނާޔަތްތައް ބަޖެޓުގައި ހިމަނައިފައެއް ނުވެ އެވެ. އެއީ ބަޖެޓް މަޖިލީހުން ފާސްކުރއިރު، އެ މަނިކުފާނުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައި ވާތީ އެވެ. ޔާމީނަށް އިނާޔަތް ދޭން ހަމަޖެއްސީ ހާއްސަ ބަޖެޓުންނެވެ.

ޔާމީނަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.

ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ބުނީ ޔާމީން ޖަލަށް ލުމަށް ހުކުމްކުރުމުގައި އަސްލަކަށް ބެލި، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. މައްސަލަ ދިރާސާކުރި އިރު، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައި ވަނީ އެސްއޯއެފަށް ޖަމާވި ވޮޑަމުލާގެ ޗެކްކަން ވަނީ އެނގިފައި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް ޔާމީންގެ މައްސަލާގައި މި ޗެކް ހުށަހަޅައިފައެއް ނުވެ އެވެ.

ޔާމީނަށް ތުހުމަތުކޮށް، މަނީ ލޯންޑްރިންގެ އިތުރު ދެ މައްސަލައެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންގެންނެވެ. އެ އިން ކޮންމެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާއަކާއެކު ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކޮށްފައިވެ އެވެ.