Roadha Mihaaru
ރަޝިއާ ޓެނިސް ފެޑެރޭޝަނުން ޑޭވިސް ކަޕް ކާމިޔާބުކޮށްފި

ރަޝިއާ ޓެނިސް ފެޑެރޭޝަނުން ޑޭވިސް ކަޕް ކާމިޔާބުކޮށްފި

06 ޑިސެމްބަރ 2021

މެޑްރިޑް (ޑިސެމްބަރު 6) - އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން ބާއްވާ ޑޭވިސް ކަޕް ރަޝިއާގެ ޓެނިސް ފެޑެރޭޝަނުން ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެޑްރިޑް (ޑިސެމްބަރު 6) - އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން ބާއްވާ ޑޭވިސް ކަޕް ރަޝިއާގެ ޓެނިސް ފެޑެރޭޝަނުން ކާމިޔާބު ކޮށްފި އެވެ.

ރަޝިއާއިން މުބާރާތް ކާމިޔާބުކުރީ އިއްޔެ ސްޕެއިންގައި ކުޅުނު ފައިނަލުގައި ކްރޮއޭޝިއާއާ ވާދަކޮށް ސީދާ ދެ ގޭމުން މޮޅު ވެގެންނެވެ. އެ ޓީމުން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި 2-1 އިން ޖަރުމަން ބަލި ކޮށްފަ އެވެ.

ފައިނަލުގެ ފުރަތަމަ ގޭމުގައި، މި އަހަރު ޖަޕާނުގައި އޮތް އޮލިމްޕިކް ޓެނިސް މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުން ރަން މެޑަލް ހޯދި އަންޑްރޭ ރުބްލޭވް، 24، ވަނީ ކްރޮއޭޝިއާގެ ޒުވާން ކުޅުންތެރިޔާ ބޯނޯ ގޯހޯއާ ވާދަކޮށް ސީދާ ދެ ސެޓުން ކާމިޔާބުކޮށްފަ އެވެ. މިއީ ގޯހޯ މި އަހަރުގެ މުބާރާތުގައި ކުޅުނު ހަތަރު ސިންގަލްސް ގޭމުން ބަލިވި ހަމައެކަނި މެޗެވެ.

ދެވަނަ ގޭމުގައި ކްރޮއޭޝިއާގެ މަރީން ސިލިޗާ ވާދަކޮށް، ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ރަޝިއާގެ ޑެނީލް މެޑްވެޑޭވް ވެސް ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޑްވެޑޭވް، 25، ވަނީ މި އަހަރުގެ ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދައި، ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މިއީ ރަޝިއާ އިން ޑޭވިސް ކަޕް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. ރަޝިއާ އިން ފުރަތަމަ ފަހަރަށް ކާމިޔާބުކުރީ 2002 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތެވެ. އަދި ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރީ 2006 ވަނަ އަހަރު، އަމިއްލަ ގައުމުގަ އެވެ.

ޓެނިސްގެ ވޯލްޑް ކަޕް ގޮތުގައި ކުޅޭ ޑޭވިސް ކަޕް މި އަހަރު ކާމިޔާބު ކުރުމާ އެކު އެ ޓީމުވެފައި ވަނީ، އެއް އަހަރެއްގައި ޑޭވިސް ކަޕާއި ބިލީ ޖީން ކިންގް ކަޕް ކާމިޔާބުކުރި ހަތަރު ވަނަ ގައުމުގެ ޝަރަފް ހޯދައިފަ އެވެ. ބިލީ ޖީން ކިންގް ކަޕަކީ، ޑޭވިސް ކަޕާ އެއް އުސޫލަކުން، އަންހެން ޓެނިސް ކުޅުންތެރިންނަށް ބާއްވާ މުބާރާތެކެވެ.