Roadha Mihaaru
އަފްގާނުން މީހުން ބޭލުމުގައި އެއްވެސް އިންސާފެއް ނެތް

އަފްގާނުން މީހުން ބޭލުމުގައި އެއްވެސް އިންސާފެއް ނެތް

07 ޑިސެމްބަރ 2021

އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން އެ ގައުމުން ފައިބައިގެން ދިޔައިރު، އެމީހުންނާ އެކުގައި ދާން ބޭނުންވި އަފްގާނު ރައްޔިތުން އެ ގައުމުން ބޭރަށް ގެންދިއުމުގައި އެއްވެސް އިންސާފެއް ނެތް ކަމަށް، ކަމުގެ ހަގީގަތް އެނގޭ ފަރާތްތަކުން ބުނެފި އެވެ.

އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން އެ ގައުމުން ފައިބައިގެން ދިޔައިރު، އެމީހުންނާ އެކުގައި ދާން ބޭނުންވި އަފްގާނު ރައްޔިތުން އެ ގައުމުން ބޭރަށް ގެންދިއުމުގައި އެއްވެސް އިންސާފެއް ނެތް ކަމަށް، ކަމުގެ ހަގީގަތް އެނގޭ ފަރާތްތަކުން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސީނިއާ ޑެސްކު އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، އޮގަސްޓް މަހު އިސްތިއުފާ ދީފައިވާ ރަފައެލް މާޝެލް ބުނި ގޮތުގައި، އަފްގާނު ދޫކޮށްދާން އެދި ހުށަހެޅި މީހުންގެ ތެރެއިން، އިނގިރޭސި ސިފައިން އިޖާބަދީފައި ވަނީ ވަރަށް މަދު ހުށަހެޅުމަކަށެވެ.

ރަފައެލް ބުނި ގޮތުގައި އިނގިރޭސި ސިފައިންގެ މަތިންދާބޯޓުތަކުގައި ގެންދާނެ އަފްގާނު ރައްޔިތުން ކަނޑައެޅީ އެއްވެސް ހަމައެއް ލަމައެއް ނެތި، އެ ވަގުތަކު މަސައްކަތާ ހަވާލުވެ ތިބި ސިފައިންގެ އިސް އޮފިސަރުން ހިތަށް އެރި ގޮތަކަށެވެ. އަދި ސިފައިންނާ އެކުގައި އަފްގާނިސްތާނުން ބޭރަށް ގެންގޮސްދިނުމަށް އެދި ހުށަހެޅި އެތައް ހާސް އީމެއިލެއް އިނގިރޭސި ސިފައިން ނުވެސް ކިޔައެވެ.

އަފްގާނުން ފައިބަން ބޭނުންވި އެ ގައުމުގެ ރައްޔިތުން، އިނގިރޭސި ސިފައިންނާ އެކުގައި ގެންދިއުމާ މެދު ގޮތް ނިންމުމުގައި، އިނގިރޭސި ވިލާތުގެ އޭރުގެ ހާރިޖީ ވަޒީރު ޑޮމިނިކް ރާބް މަސައްކަތް ކުރެއްވީ ވަރަށް ލަސްލަހުން ކަމަށްވެ އެވެ.

ނަމަވެސް އިނގިރޭސި ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، އަފްގާނިސްތާނުން މީހުން ބޭލުމުގައި ހާރިޖިއްޔާގެ މުވައްޒަފުން މަސައްކަތް ކުރީ ވަރަށް އަވަދިނެތި އެވެ. އަދި އެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، އަފްގާނުން ބޭރުވާން ބޭނުންވީ އަފްގާނު ރައްޔިތުންނަކީ ކޮން ބައެއްކަން ދެނެގަތުމެވެ.

މިދިޔަ އޮގަސްޓް 15 ވަނަ ދުވަހު ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ހިފައި، އެ ގައުމުގެ ވެރިކަން އަތުލުމާ ގުޅިގެން، އިނގިރޭސި ސިފައިން އަފްގާނު ދޫކޮށް ދިޔައިރު، 15 ހާސް މީހުން ވައިގެ މަގުން އަފްގާނުން ބޭރަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި 5،000 އިނގިރޭސި ރައްޔިތުންނާއި އަފްގާނިސްތާނުގެ 8،000 މީހުންނާއި 2،000 ކުޑަކުދިން ހިމެނެ އެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި އޮންނަ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ރަފައޭލް ހުށަހެޅުއްވި ލިޔުމެއްގައި ބުނެފައިވާ ގޮތުން، އިނގިރޭސި ސިފައިންނާ އެކުގައި އަފްގާނުން ފައިބަން އެދި ގާތްގަނޑަކަށް 150،000 މީހުން ހުށަހަޅާފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން އިނގިރޭސި ސިފައިން އެހީތެރިކަމެއް ފޯރުކޮށްދިނީ އެންމެ ފަސް ޕަސެންޓް މީހުންނަށްވުރެ ވެސް މަދު ބަޔަކަށް ކަމަށް އެ ލިޔުމުގައިވެ އެވެ.

އިނގިރޭސި ސިފައިންނާ އެކުގައި ފައިބަން އެދި ހުށަހެޅި މީހުންނަކީ، 2001 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޮގަސްޓުގެ ނިޔަލަށް އިނގިރޭސި ސިފައިން ތިބި ދުވަސްވަރު، އެކި ގޮތްގޮތުން އިނގިރޭސި ސިފައިންނަށް އެހީތެރިވެދިން މީހުންނެވެ. އޭގެ ތެރޭގައި، ތާލިބާން ހަނގުރާމަވެރިންގެ ހަރަކާތްތަކުގެ މައުލޫމާތު ފޯރުކޮށްދިން މީހުންނާއި، ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރި ސަރުކާރު ސިފައިންގެ ތެރޭގައި ހިދުމަތްކުރި ސިފައިން ވެސް ހިމެނެ އެވެ.