Roadha Mihaaru
އިނގިރޭސި ސިފައިން އަފްގާނިސްތާނުން ފައިބައި ނިމިއްޖެ

އިނގިރޭސި ސިފައިން އަފްގާނިސްތާނުން ފައިބައި ނިމިއްޖެ

29 އޯގަސްޓް 2021

އަފްގާނިސްތާނުން ބޭރަށް ގެންދަން އިނގިރޭސި ވިލާތުން ކަނޑައެޅި އެންމެން އެ ގައުމުން ބޭރުކޮށް އިއްޔެ ނިމުމާ އެކު، އިނގިރޭސި ސިފައިން ވެސް، 20 އަހަރަށް ފަހު އަފްގާނިސްތާނު ދޫކޮށް އިއްޔެ ފައިބައިފި އެވެ.

އަފްގާނިސްތާނުން ބޭރަށް ގެންދަން އިނގިރޭސި ވިލާތުން ކަނޑައެޅި އެންމެން އެ ގައުމުން ބޭރުކޮށް އިއްޔެ ނިމުމާ އެކު، އިނގިރޭސި ސިފައިން ވެސް، 20 އަހަރަށް ފަހު އަފްގާނިސްތާނު ދޫކޮށް އިއްޔެ ފައިބައިފި އެވެ.

މި މަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނު ހިފުމާ އެކު، އެ ގައުމުގައި ތިބި އިނގިރޭސި ޑިޕްލޮމޭޓުންނާއި އިނގިރޭސި ރައްޔިތުންގެ އިތުރުން، އަފްގާނިސްތާނުގެ ބައެއް އާންމުން އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް ކުރީ، އިނގިރޭސި ސިފައިންނެވެ. ތާލިބާނުން އަފްގާނިސްތާނު ހިފިތާ ދެ ހަފުތާ ވަންދެން ކުރި މަސައްކަތުން، 15،000 މީހުން ވަނީ އިނގިރޭސި އަސްކަރީ މަތިންދާބޯޓުތަކުގައި، އަފްގާނުން ބޭރަށް ގެންގޮސްފަ އެވެ.

އިނގިރޭސި ވިލާތުގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ސާ ނިކް ކާޓާ ވިދާޅުވި ގޮތުގައި އަފްގާނިސްތާނުން މީހުން ބޭރުކުރުމުގެ މަސައްކަތް ހުއްޓައިލުމަކީ، ހިތަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އަފްގާނިސްތާނުން އެންމެ ފަހުން ފުރި އިނގިރޭސި އަސްކަރީ މަތިންދާބޯޓު، އާރްއޭއެފް ބްރިޒް ނޯޓަން ވައިގެ މަރުކަޒަށް ޖެއްސީ އިއްޔެ ހެނދުނު އެވެ. އެ ބޯޓުގައި، އިނގިރޭސި ސިފައިންގެ އިތުރުން ދެން ދަތުރުކުރީ، އިނގިރޭސި ވިލާތުގެ ޑިޕްލޮމޭޓުންނެވެ.

ޖެނެރަލް ނިކް ކާޓާ ވިދާޅުވީ އިނގިރޭސި ސިފައިންނަށް އެހީތެރިވެދިން، އަފްގާނިސްތާނުގެ ހުރިހާ މީހުން އިނގިރޭސި ވިލާތަށް ނުގެނެވުނީތީ ހިތާމަކުރައްވާ ކަމަށެވެ. އަފްގާނިސްތާނުން މީހުން ބާރުކުރުމަށް އިނގިރޭސި ސިފައިން ހިންގި ހަރަކާތުގައި އެންމެ ފުރަތަމަ އެ ގައުމުން އިނގިރޭސި ވިލާތަށް ގެންދިޔައީ، އަފްގާނިސްތާނުގެ އާންމުންނާއި އިނގިރޭސި ވިލާތުގެ އާންމު ރައްޔިތުންނެވެ.

އަފްގާނިސްތާނުން މީހުން ބޭރުކުރުމުގެ މަސައްކަތް އެންމެ ފުޅާ ގޮތެއްގައި ކުރަމުން އަންނަނީ އެމެރިކާ ސިފައިންނެވެ. އެކަމަށްޓަކައި އެމެރިކާ ސިފައިންގެ 5،000 މީހުން އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ވައިގެ ބަނދަރުގައި މިހާރު ވެސް 24 ގަޑިއިރު ހަރަކާތްތެރިވަމުން ދެ އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، މިހާތަނަށް 110،000 އަށް ވުރެ ގިނަ މީހުން، އަފްގާނިސްތާނުން ބޭރަށް ގެންދެވިއްޖެ އެވެ.

ކާބުލްގެ ވައިގެ ބަނދަރުގެ ބޭރު ދޮރޯށި ކައިރީގައި ބުރާސްފަތި ދުވަހުގެ ރޭ ދިން ޖާނުން ފިދާވުމުގެ ހަމަލާތަކުގައި 175 މީހަކު މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، މީހުން ބޭރުކުރުމުގެ މަސައްކަތް އެމެރިކާ ސިފައިން ވަނީ ވަރަށް ބޮޑަށް ހަލުވި ކޮށްފަ އެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހަކު ވެސް ހިމެނެ އެވެ. ތާލިބާނުންގެ ވެރިކަމަށް ބިރުން ގައުމު ދޫކޮށް ދާން ބޭނުންވާ އެތައް ހާސް ބަޔަކު، ކާބުލްގެ ވައިގެ ބަނދަރުގައި މިހާރު ވެސް އެބަ ތިއްބެވެ.

ބުރާސްފަތި ދުވަހުގެ ހަމަލާ ދިނީ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން، ވައިގެ ބަނދަރު ކައިރީގައި އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު ލިބިގެން، ވައިގެ ބަނދަރު ސަރަހައްދަށް މީހުން ޖަމާނުވުމަށް، އެމެރިކާ ސިފައިން އިންޒާރު ދީފައި ވަނިކޮށެވެ.

އެފަދަ އިތުރު ހަމަލާއެއް ދޭން އުޅޭ ކަމުގެ އިތުބާރު ކުރެވޭ ސިއްރު މައުލޫމާތުތަކެއް ލިބިގެން، އިއްޔެ ވެސް އެމެރިކާ ސިފައިން ވަނީ، ކާބުލްގެ ވައިގެ ބަނދަރު ސަރަހައްދަށް މީހުން އެއްނުވުމަށް އިންޒާރުކޮށްފަ އެވެ.