Roadha Mihaaru
ގައުމު ދޫކޮށް ދިޔުން ތާލިބާނުން ހުއްޓުވައިފި

އަފްގާނު މީހުން ގައުމު ދޫކޮށް ދިޔުން ތާލިބާނުން ހުއްޓުވައިފި

25 އޯގަސްޓް 2021

ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން އެ ގައުމު ދޫކޮށް ދާން ބޭނުންވާ މީހުން، ކާބުލްގެ ވައިގެ ބަނދަރަށް ތޮއްޖެހުމުން ދަނިކޮށް، ތާލިބާނުން އެކަމަށް ހުރަސް އަޅަން ފަށައިފި އެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން އެ ގައުމު ދޫކޮށް ދާން ބޭނުންވާ މީހުން، ކާބުލްގެ ވައިގެ ބަނދަރަށް ތޮއްޖެހުމުން ދަނިކޮށް، ތާލިބާނުން އެކަމަށް ހުރަސް އަޅަން ފަށައިފި އެވެ.

މިމަހުގެ 15 ވަނަ ދުވަހު ތާލިބާނުން ވެރިރަށް ކާބުލް އަށް އަރައި، އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެ ގައުމުގައި ތިބި ހުޅަނގުގެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުނު، ހުޅަނގުގެ އާންމު ރައްޔިތުން އެ ގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތް، އެމެރިކާ އާއި ނޭޓޯ ސިފައިން ވަނީ ފަށައިފަ އެވެ.

އެމެރިކާ އާއި ނޭޓޯ ސިފައިން މަސައްކަތް ކުރަމުން އަންނަނީ، އެމީހުން އަފްގާނިސްތާނުން ފޭބުމަށް ދީފައިވާ މުހުލަތު މި މަހުގެ 31ގެ ނިޔަލަށް ހަމަވުމުގެ ކުރިން، ހުޅަނގުގެ ހުރިހާ މީހުންނާއި ސިފައިން އެ ގައުމުން ބޭލުމަށެވެ. އޭގެ އިތުރުން، އެމެރިކާ އާއި ނޭޓޯ ސިފައިންނަށް އެހީތެރިވި އަފްގާނިސްތާނުގެ ބައެއް އާންމުން ވެސް އެމެރިކާ އާއި ނޭޓޯގެ ސިފައިންނާއެކު ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި، އެމެރިކާ ސިފައިން ވަނީ ކާބުލް ވައިގެ ބަނދަރު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި ތާލިބާނުންނާއި އެމެރިކާ ސަރުކާރާ ދެމެދު އެއްބަސްވެފައިވާ ގޮތުގެ މަތިން، އެމެރިކާ ސިފައިން މިހާރު ކުރަމުންދާ މަސައްކަތަށް، ތާލިބާނުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އެމެރިކާ އިން ބުނެ އެވެ.

އެހެން ނަމަވެސް، ތާލިބާނުންގެ ފަރާތުން އިއްޔެ ބުނި ގޮތުގައި، އަފްގާނިސްތާނު ރައްޔިތުންގެ ތެރެއިން އިތުރު ބަޔަކު ގައުމު ދޫކޮށް ދާކަށް ދެން ފުރުސަތެއް ނުދެވޭނެ އެވެ. އަދި އަފްގާނިސްތާނުން ބޭރުވުމަށް ދީފައިވާ މުހުލަތު މިއަންނަ ހަފުތާގެ އަންގާރަ ދުވަހު ހަމަވުމުގެ ކުރިން، މީހުން ބޭރުކުރުމުގެ މަސައްކަތް ނިންމުމަށް ވެސް ތާލިބާނުން އިއްޔެ އެމެރިކާ އަށް ގޮވައިލި އެވެ.

އިއްޔެ ބޭއްވި ޖީ-7ގެ ގައުމުތަކުގެ އެންމެ އިސް ވެރިންގެ އޮންލައިން ބައްދަލުވުމެއްގައި، ޖީ-7ގެ ގައުމުތަކުގެ ވެރިން ވަނީ، އަފްގާނިސްތާނު ދޫކޮށް ދާން ބޭނުންވާ މީހުން އެ ގައުމުން ބޭރަށް ގެންގޮސް ނިމެންދެން، އެމެރިކާ ސިފައިން ކާބުލްގެ ވައިގެ ބަނދަރުގައި ތިބެދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އެކަން އެ ގޮތަށް ކުރެވެން ނެތް ކަމަށެވެ.

ބައިޑެން ވިދާޅުވީ އެމެރިކާ ސިފައިން މިހާރު ކުރަމުން އަންނަ މަސައްކަތަށް ތާލިބާނުން ހުރަސް ނާޅާހާ ހިނދެއްގައި، އަފްގާނުން ފޭބުމަށް ދީފައިވާ މުއްދަތަށް ފަހުގައި، އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ބައިތިއްބަން ގަސްދު ނުކުރައްވާ ކަމަށެވެ.

ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނީ ބިދޭސީ ސިފައިން ކާބުލް އިން ފުރަމުން ދާއިރު، ކާބުލްގެ ވައިގެ ބަނދަރަށް މިދިޔަ ދުވަސްތަކުން ފެށިގެން ޖަމާވެފައި ތިބި މީހުން އެނބުރި ގެއަށް ދިއުމަށް އެދޭ ކަމަށެވެ. އަދި ގެއަށް އެނބުރި ދާ އެއްވެސް މީހަކަށް، އަފްގާނިސްތާނުގެ އާ ވެރިކަމުގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ވައިގެ ބަނދަރަށް ދެވެން އޮންނަ މަގު މިހާރު އެ އޮތީ ބަންދުކޮށްފައި. އެ މަގުން އަފްގާނިސްތާނުގެ އެއްވެސް ރައްޔިތަކަށް ވައިގެ ބަނދަރަކަށް ނުދެވޭނެ. ނަމަވެސް ބިދޭސީ ރައްޔިތުންނަށް އެ މަގުން ވައިގެ ބަނދަރަށް ދެވިދާނެ. އަފްގާނިސްތާނުގެ އިތުރު ބަޔަކު ގައުމުން ބޭރުކުރާކަށް ދެން ފުރުސަތެއް ނުދޭނަން، އެއީ އަހަރެމެން އެދޭ ކަމެއް ވެސް ނޫން،" ޒަބީހުﷲ ބުންޏެވެ.

"ޑޮކްޓަރުންނާއި ތައުލީމީ ދާއިރާގެ މީހުން މި ގައުމު ދޫކޮށް ގޮސްގެން ނުވާނެ. އެމީހުންގެ ހާއްސަ ދާއިރާތަކުން ގައުމަށް ހިދުމަތް ކުރުމަށްޓަކައި އެމީހުން ތިބެންޖެހޭނީ މި ގައުމުގައި. އަމިއްލަ ގައުމު ދޫކޮށް ހުޅަނގުގެ ގައުމުތަކަށް އެމީހުން ގޮސްގެން ނުވާނެ."

ތާލިބާނުންގެ މި ވާހަކަތަކާ ގުޅޭ ގޮތުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ، ތާލިބާނުން އެ ނިންމި ނިންމުމުގެ ތެރޭގައި، އެމެރިކާ އިން ހާއްސަ އިސްކަމެއް ދީގެން އަފްގާނިސްތާނުން ބޭރަށް ގެންދާ މީހުން ނުހިމެނޭނެ ކަމަށެވެ. އަދި އެކަން ތާލިބާނުންނަށް ވެސް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އިން ހާއްސަ އިސްކަމެއް ދީގެން އަފްގާނުން ގެންދާ މީހުންނަކީ، އެމެރިކާ އާއި ނޭޓޯ ސިފައިންގެ ތަރުޖަމާނުންގެ ގޮތުގަ އާއި އެހެނިހެން ގޮތްގޮތުން އެމެރިކާ ސިފައިންނަށް އެހީތެރިވެދީފައިވާތީ، ހާއްސަ ވިސާއެއްގެ ދަށުން އެމެރިކާއާއި ނޭޓޯގެ ގައުމުތަކަށް ގެންދަން ހަމަޖެއްސި މީހުންނެވެ.

ތާލިބާނުންގެ ތަރުޖަމާނު ބުނި ގޮތުގައި، އެމެރިކާ އާއި ނޭޓޯގެ ސިފައިން ފައިބައިގެން ދިޔަ ކަމުގައި ވިޔަސް، އެމްބަސީތައް ހުޅުވައިގެން، ފުރިހަމަ ރައްކާތެރިކަމާއި އަމާންކަމާ އެކު އަފްގާނިސްތާނުގައި މަސައްކަތް ކުރުމުގެ ފުރުސަތު، ހުޅަނގުގެ ހުރިހާ ގައުމުތަކެއްގެ ޑިޕްލޮމޭޓުންނަށް އޮންނާނެ އެވެ.

ނަމަވެސް ތާލިބާނުން އެ ގައުމު ހިފުމާ ގުޅިގެން، ހުޅަނގުގެ ހުރިހާ އެމްބަސީތަކާއި ޑިޕްލޮމެޓިކް އޮފީސްތަކެއް ވަނީ ބަންދުކޮށްފަ އެވެ. މިހާރު ކާބުލްގައި ހިންގަމުން އަންނަނީ ރަޝިޔާ، ޗައިނާ، އީރާން އަދި ޕާކިސްތާނުގެ އެމްބަސީތަކެވެ.