Roadha Mihaaru
ނުފޫޒުގަދަ 100 އަންހެނުންގެ ތެރޭގައި އަފްގާނު މީހުން

ނުފޫޒުގަދަ 100 އަންހެނުންގެ ތެރޭގައި ގިނައީ އަފްގާނު އަންހެނުން

07 ޑިސެމްބަރ 2021

ބީބީސީން އަހަރަކު އެއްފަހަރު ކަނޑައަޅާ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަދި އެ ބައެއްގެ ފަރާތުން އެހެން މީހުންނަށް ކަންކަމުގައި އެންމެ ހިތްވަރު ލިބިދޭ 100 އަންހެނުންގެ ތެރެއިން، 2021 ވަނަ އަހަރުގެ 100 އަންހެނުން ކަނޑައެޅި އިރު، އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ އަންހެނުން ހިމަނައިފި އެވެ.

ބީބީސީން އަހަރަކު އެއްފަހަރު ކަނޑައަޅާ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަދި އެ ބައެއްގެ ފަރާތުން އެހެން މީހުންނަށް ކަންކަމުގައި އެންމެ ހިތްވަރު ލިބިދޭ 100 އަންހެނުންގެ ތެރެއިން، 2021 ވަނަ އަހަރުގެ 100 އަންހެނުން ކަނޑައެޅި އިރު، އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ އަންހެނުން ހިމަނައިފި އެވެ.

މި ލިސްޓުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އަންހެނުން ހިމެނޭ އިރު، ލިސްޓުގެ ދެ ބައިކުޅަ އެއްބައި މީހުންނަކީ އަފްގާނިސްތާނުގެ އަންހެނުންނެވެ. އެއީ ޖުމްލް 50 އަންހެނުންނެވެ.

މި ލިސްޓުގައި ހިމަނާފައިވާ އަފްގާނު އަންހެނުންގެ ތެރެއިން ބައެއް އަންހެނުންގެ ނަމަކަށް ބޭނުންކޮށްފައިވަނީ ބަދަލު ނަމެއް ނުވަތަ ވަނަމެކެވެ. އަދި ބައެއް އަންހެނުންގެ ފޮޓޯ ވެސް އާންމުކޮށްފައެއް ނުވެ އެވެ. ބީބީސީން ބުނި ގޮތުގައި އެ ގޮތަށް ލިސްޓު އާންމުކުރަން ޖެހުނީ، އަފްގާނިސްތާނުގެ މިހާރުގެ ހާލަތު އޮތް ގޮތުން، އެ މީހުންގެ ފުރިހަމަ ނަމާއި އެމީހުންގެ ފޮޓޯ އާންމުކޮށްފި ނަމަ، އެ މީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

މިދިޔަ އޮގަސްޓު 15 ވަނަ ދުވަހު ތާލިބާންގެ ހަނގުރާމަވެރިން އެ ގައުމު ހިފުމާ އެކު، އަފްގާނިސްތާނުގެ އަންހެނުން ވަނީ ވަރަށް ބޮޑަށް މުޖްތަމައުން އެކަހެރިކޮށް އިންސާނީ އަސާސީ ބައެއް ހައްގުތަކުން މަހުރޫމް ކޮށްފަ އެވެ. ސަރުކާރުގެ ވަޒީފާތަކުގައި ތިބި އަންހެނުންގެ ތެރެއިން ވަރަށް މަދު މީހަކު ފިޔަވައި، އެހެން ހުރިހާ އަންހެނުން ވަނީ ވަޒީފާތަކުން ވަކިކޮށްފަ އެވެ.

އޭގެ އިތުރުން، ސްކޫލްތަކާއި މަދަރުސާތަކުގައި ސާނަވީ މަރުހަލާގެ ގްރޭޑްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން ވަނީ ހުއްޓާލައިފަ އެވެ. އަދި އެ ގައުމުގައި ކުރިން ހިންގަމުން އައި އަންހެނުންނާ ބެހޭ މިނިސްޓްރީ ވެސް ވަނީ އުވާލައިފަ އެވެ.

ބީބީސީން ކަނޑައެޅި އެންމެ ނުފޫޒު ގަދަ 100 އަންހެނުންގެ ތެރޭގައި ހިމެނޭ އަފްގާނިސްތާނުގެ ގިނަ އަންހެނުންނަކީ، ތާލިބާނުން ގެންގުޅޭ ތަފާތުކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރުމުގަ އާއި، އަންހެނުން ބާރުވެރިކުރުމުގައި ހަރަކާތްތެރިވާކަމަށް ފާހަގަކުރެވޭ އަންހެނުންނެވެ.

މި ލިސްޓުގައި ހިމެނޭ އަފްގާނިސްތާނުގެ 50 އަންހެނުންގެ ތެރޭގައި، ޅެންވެރިންނާއި ފަންނާނުންނާއި ފިލްމީ ތަރިންނާއި ސިޔާސީ އަދި އިޖްތިމާއީ ހަރަކާތްތެރިންނާއި އަންހެނުންގެ ހައްގުތަކާއި އިންސާނީ ހައްގުތަކުގެ ހަރަކާތްތެރިންނާއި ޓީޗަރުންނާއި މިޔުޒިކް ކުޅުންތެރިންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ވިޔަފާރިވެރިންނާއި ގާނޫނީ ވަކީލުންގެ އިތުރުން އެހެން އިތުރު ދާއިރާތަކުގެ ހިދުމަތްތެރިން ވެސް ހިމެނެ އެވެ.