Roadha Mihaaru
އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި

އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި

05 ޖުލައި 2023

އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި އަންހެނުންނަށް ޚިދުމަތް ދިނުމަށް ހިންގާ ބޯކޮށާ ތަންތަނާއި ސެލޫންތައް ބަންދު ކުރުމަށް، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން އާންމުކޮށް އަންގައިފި އެވެ.

އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި އަންހެނުންނަށް ޚިދުމަތް ދިނުމަށް ހިންގާ ބޯކޮށާ ތަންތަނާއި ސެލޫންތައް ބަންދު ކުރުމަށް، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން އާންމުކޮށް އަންގައިފި އެވެ.

އެ ގައުމުގެ، ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާ ކުރުމާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ސަރުކާރުގެ ނިންމުން ތަންފީޒު ކުރުމަށް، ސެލޫންތައް ހިންގާ މީހުންނަށް ލިބޭނީ އެއް މަސް ދުވަހުގެ މުއްދަތަކެވެ. އަންހެނުންގެ ސެލޫންތައް މަނާކޮށް ސަރުކާރުން އެކަން އިއުލާން ކުރީ މި މަހުގެ 2 ވަނަ ދުވަހު ކަމަށްވާތީ، އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ކުރިން، އެފަދަ ހުރިހާ ތަނެއް ބަންދުކުރަންޖެހޭނެ އެވެ.

ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން 2021 ވަނަ އަހަރު އެ ގައުމުގެ ވެރިކަން އަތުލި ފަހުން، އަންހެނުންގެ ހައްގުތަކާ ދެކޮޅަށް ހަރުކަށި އެތައް ފިޔަވަޅެއް މިހާރު އަޅައިފި އެވެ. އެ ގޮތުން އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ އަންހެން ކުދިން ސްކޫލްތަކަށް ކިޔަވަން ފޮނުވުމާއި ޔުނިވަސިޓީތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުމާއި، އަންހެނުން ވަޒީފާ އަދާކުރުން މަނާ ކުރުމެވެ.

އޭގެ ފަހުން ޖިމްތަކުގައި އަންހެނުން ކަސްރަތު ކުރުމާއި ކުޅިވަރު ދަނޑުތަކަށް ގޮސް ކުޅިވަރުތައް ކުޅުމާއި ޕާކްތަކަށް އަންހެނުން ދިއުން މަނާކުރި އެވެ. އަދި އދ.ގެ ބެލުމުގެ ދަށުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވަމުން އައި އެ ގައުމުގެ އަންހެނުން އެ ކަމުގައި ބައިވެރިވުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

ކާބުލްގެ ބިއުޓީ ޝޮޕެއް ކުރިމަތީގައި ކުޑަ ދެ ކުއްޖަކު އިއްޔެ އިށީނދެލައިގެން: އަފްގާނިސްތާނުގައި ސެލޫންތައް ބަންދުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: އޭއެފްޕީ

ކާބުލްގެ ބިއުޓީ ޝޮޕެއް ކުރިމަތީގައި ކުޑަ ދެ ކުއްޖަކު އިއްޔެ އިށީނދެލައިގެން: އަފްގާނިސްތާނުގައި ސެލޫންތައް ބަންދުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: އޭއެފްޕީ

ތާލިބާނުން މިހާރު ހަމަޖައްސާފައި އޮތް ގޮތުން، އެ ގައުމުގެ އެއްވެސް އަންހެނަކު ބޭރަށް ނުކުމެ އުޅޭ ނަމަ، ހުންނަން ވާނީ ދެ ލޯ ފިޔަވައި އެހެން ހުރިހާ ތަނެއް ނިވައިވާ ފަދަ ހެދުމެއްގަ އެވެ. އަދި 72 ކިލޯމީޓަރަށް ވުރެ ދުރު ދަތުރެއް ކުރާ ނަމަ، ފިރިމީހާ ނުވަތަ ކާވެނި ހެޔޮނުވާ ވަރުގެ ގާތް ފިރިހެނަކާ އެކުގައި ނޫނީ ދަތުރު ކުރުން ވެސް މަނަލެވެ.

މީގެ ކުރިން 1996 ން 2001 އަށް ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި ދުވަސްވަރު ވެސް، އަންހެނުންނަށް ޚިދުމަތް ދޭ ބޯކޮށާ ތަންތަނާއި ސެލޫންތައް ހިންގުން މަނާކުރި އެވެ. ނަމަވެސް 2001 ވަނަ އަހަރު އެމެރިކާ އާއި ނޭޓޯ ސިފައިން ހަމަލާ ދީ ތާލިބާން ސަރުކާރު ވައްޓައިލުމާ ގުޅިގެން، އަނެއްކާ ވެސް އަންހެނުންގެ ސެލޫންތައް ހިންގަން ފެށި އެވެ.

އަންހެނުންނަށް ޚާއްސަ ސެލޫންތަކުގައި ޚިދުމަތް ދޭން ތިބެނީ ވެސް އަންހެނުންނަށް ވާއިރު، އެފަދަ ތަންތަން މަނާކުރުމުން ތާލިބާނުންގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް އަފްޣާނިސްތާނުގެ އަންހެނުން ބުނެ އެވެ. ބައެއް އަންހެނުން ބުނި ގޮތުގައި، އަންހެނުންގެ ހަށިގަނޑާ މެދު ވިސްނުން ފިޔަވައި، ތާލިބާނުންގެ ސިޔާސީ ނުވަތަ އެހެން އެޖެންޑާއެއް ވެސް އޮތް ކަމަކަށް ނުފެނެ އެވެ.

ވިހި އަހަރަށް ފަހު އެމެރިކާ އާއި ނޭޓޯ ސިފައިން ޖުލައި 2021 ގައި އަފްޣާނިސްތާނުން ފައިބައިގެން ދިޔަތާ ދެ އަހަރު ވެގެން ދިޔައިރު ވެސް، އަންހެނުންގެ ސެލޫންތަކުން އަންނަނީ ޚިދުމަތް ދެމުންނެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ސެލޫންތަކުން ޚިދުމަތް ދިނުމުގައި އާދަޔާ ޚިލާފު ކަމެއް ހިނގާފައިނުވާ އިރު، ސެލޫންތައް ބަންދުކުރަން ނިންމި ސަބަބެއް ތާލިބާނުން ނުބުނެ އެވެ.